ރާއްޖޭގައި ކޮވިޑް19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުން އަންނާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ލޭ ލިބުން ދަތިވެދާނެ ކަމަށް ލަފާކޮށް، ވީ އެންމެ އަވަހަށް ލޭ ހަދިޔާކޮށްދިނުމަށް މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އިން އެދިއްޖެ އެވެ.
އެމްބީއެސް އިން ބުނީ، މިހާރު މާލެ އާއި އަތޮޅުތެރޭގައި ވެސް ކޮވިޑްގެ ނަންބަރުތައް އިތުރުވާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ލޭ ލިބުމުގައި ދަތިވާނެ ކަމަށެވެ. އެހެންކަމުން އެކަން ފޫބެއްދުމަށްޓަކައި، މިހާރު ގިނަ ބަޔަކު ލޭ ހަދިޔާ ކޮށްދިނުމަށް އެދޭ ކަމަށެވެ.
އެމްބީއެސް އިން ބުނީ ފިތުރު އީދު ދުވަހު އެ ސާވިސް ބަންދުވާނެ ކަމަށާއި އެހެން ނަމަވެސް ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސް ތަކުގައި، ހެނދުނު 9:00 އިން ހަވީރު 15:00 އަށް އަދި ރޭގަނޑު 20:00 އިން މެންދުރު 02:00 އަށް އެމްބީއެސް ހުޅުވާފައި ހުންނާނެ ކަމަށެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދުކުރި އިރުވެސް، ބްލަޑް ބޭންކް ހުސްވެދާނެ ކަމުގެ ބިރު ހީވެ، އެކި ފަހަރު މަތިން ލޭ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ވަނީ އެދިފަ އެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަނީ ކުރިން ގޯސްނުވާ ވަރަށް ގޯސްފަ އެވެ. އިއްޔެ އެކަނި ރާއްޖެއިން 601 މީހަކު ވަނީ ކޮވިޑް 1 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 440 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ.
މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެފައިވާ 6508 މީހަކު ރާއްޖޭގައި ތިބިއިރު އޭގެތެރެއިން 181 މީހަކަށް ފަރުވާ ދެމުން ދަނީ އެޑްމިޓް ކޮށްގެންނެވެ.
އެޑްމިޓްކުރަންޖެހޭ މީހުން ގިނަވެ، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 އައިސީޔޫ ވަނީ ފުރިފަ އެވެ.