ދިވެހިރާއްޖެއަކީ ނިސްބަތުން ތެލަސީމިއާ ޕޭޝަންޓުން ގިނަ ގައުމެއް ކަމަށާއި ރާއްޖޭގައި ލޭ ބޭނުންވާ މިންވަރު ވެސް އެހެން ގައުމުތަކާ އަޅާބަލާއިރު އިތުރު ކަމަށް މޯލްޑިވްސް ބްލަޑް ސާވިސެސް (އެމްބީއެސް)އިން މިއަދު ބުނެފިއެވެ.
މިއަދު މިއީ ދުނިޔޭގައި ފާހަގަކުރާ ބައިނަލްއަގުވާނީ ލޭ ހަދިޔާކުރާ ދުވަހެވެ.
ދުވަހުގެ މުނާސަބަތުގައި އެމްބީއެސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އަންދާޒާ ކުރާގޮތުން، އާންމު ގޮތެއްގައި އެ ގައުމެއްގެ އާބާދީގެ އެއް އިންސައްތަ މީހުން ގަވާއިދުން ދަރުމައަށް އެދި ލޭ ހަދިޔާކުރާ ނަމަ، އެ ގައުމަކަށް ބޭނުންވާ މިންވަރަށް ލޭ ލިބޭނެ ކަމަށެވެ.
އެކަމަކު، ސިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް އެ ނިސްބަތްވަނީ ތިން އިންސައްތައަށް މަތިކޮށްފައެވެ.
އެމްބީއެސްއިން ބުނި ގޮތުގައި ރާއްޖޭގައި ބޭނުންކުރާ ލޭގެ ގާތްގަނޑަކަށް 70 އިންސައްތަ ބޭނުންކުރަނީ ތެލަސީމިއާ ބަލި ތަހަންމަލުކުރާ މީހުންނަށެވެ.
އެމްބީއެސްއިން މައުލޫމާތު ދޭ ގޮތުގައި ލޭ ހަދިޔާކުރާ މީހުން މައިގަނޑު ގޮތެއްގައި ބެހެނީ ތިން ބަޔަކަށެވެ. އެއީ:
- ހިލޭސާބަހަށް އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރާ ޑޯނަރުން
- ވަކި މީހަކަށް ދިނުމުގެ ގޮތުން ލޭ ހަދިޔާކުރާ ޑޯނަރުން
- އެކި މުއައްސަސާތަކުން ހިންގާ ލޭ ހަދިޔާކުރުމުގެ ކޭންޕުތަކުގައި ލޭ ހަދިޔާކުރާ ޑޯނަރުން
އެމްބީއެސްއިން ބުނި ގޮތުގައި 2022 ވަނަ އަހަރު 53 ބްލަޑް ކޭމްޕު ބޭއްވުނެވެ. މިދިޔަ 2023 ވަނަ އަހަރު ވަނީ އެ އަދަދު 62 އަށް އިތުރުކުރެވިފައެވެ. އެއީ، 17 އިންސައްތައިގެ އިތުރުވުމެކެވެ.
މި އަހަރަކީ އެމްބީއެސްއިން ލޭ ހަދިޔާކުރުމުގެ ކޭމްޕުތައް އިތުރުކުރަން ޚާއްސަ ސަމާލުކަމެއް ދޭނެ އަހަރެއް ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، ލޭ ހަދިޔާކުރަން ހިންގާ ހަރަކާތްތައް އިތުރުކުރަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާތީ، އެ މަސައްކަތް ހަރުދަނާ ކުރެވިފައިވާ ކަމަށް ބަޔާނުގައިވެއެވެ.
އެގޮތުން މި އަހަރުގެ ފުރަތަމަ ފަސް މަހު 27 ބަލްޑް ކޭމްޕެއް ވަނީ ބާއްވައިފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ބޭއްވުނީ 22 ކޭމްޕެވެ.
މީގެ އިތުރުން، ސަރުކާރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ބްލަޑް ބޭންކް ޤާއިމުކުރަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ހދ. ކުޅުދުއްފުށި އަދި ރ. އުނގޫފާރުގައި މި އަހަރު ބްލަޑް ބޭންކު ގާއިމުކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ލޭ ހަދިޔާކުރާ މީހުންގެ ދުވަހެއް ފާހަގަކުރަނީ އެ ކަމާ ގުޅޭ ގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ބޭނުމުގައެވެ. އަދި، އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރާ މީހުންގެ އަގުވަޒަންކުރުމުގެ ބޭނުމުގައެވެ.
މި އަހަރުގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ޝިއާރަކީ "ގިވް ބްލަޑް، ޝެއާ ލައިފް" އެވެ.