ރޯދަ ސުންބުލި: ލޭ ހަދިޔާކޮށްގެން ރޯދަ ގެއްލޭނެތަ؟

ލޭހަދިޔާ ކުރުމަކީ އިންސާނިއްޔަތަށްޓަކައި އަހަރެމެންގެ ތެރެއިން ދުޅަހެޔޮކޮށް ތިބި މީހުންނަށް ކުރެވެން އޮތް އެންމެ މުހިންމު އެއްކަމެވެ. ހާއްސަކޮށް ލޮކްޑައުންގެ މި ހާލަތުގައި ތެލެސީމިއާ ކުދިންނަށާއި އަދި ސިއްހީ އެކި ކަންކަމުގައި ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ހަދިޔާ ކުރުމަށް އަވަސްވެ ގަންނަން ޖެހެއެވެ. އެހެންނަމަވެސް ރޯދައަށް ހުރެ މިއީ ކުރުން ހުއްދަ ކަމެއްތޯ ސުވާލުކޮށްލެވެއެވެ.

އުސްތާޒާ ސާމިޔާ ޒަކަރިއްޔާ މިއަދު ރޯދަ ސުންބުލީގައި ޖަވާބު ދެއްވާފައިވަނީ މި ސުވާލަށެވެ.

ސ: ރޯދައަށް ހުރެ ހަށިގަނޑަށް ލޭ އަޅައިފިއްޔާ ނުވަތަ ހަށިގަނޑުން ލެ ނަގައިފިއްޔާ ރޯދަ ގެއްލޭނެތަ؟

ޖ: ރޯދައަށް ހުރެގެން ހަށިގަނޑުން ލޭ ނަގަން ބައެއްފަހަރު ޖެހިދާނެއެވެ. އެފަދަ ހާލަތެއްގައި މަދު ލޭކޮޅެއް ނެގިނަމަވެސް ރޯދައެއް ނުގެއްލޭނެއެވެ. އެއީ އެމީހެއްގެ ހަށިގަނޑަށް ގެއްލުން ނުވާވަރަށް ކަމުގައިވާނަމައެވެ. އެހެންނަމަވެސް މީހަކަށް ލޭ ހަދިޔާކުރުމުގެ ގޮތުން ވަރަށް ބައިވަރު ލޭ އެމީހެއްގެ ހަށިގަނޑުން ނަގާނަމަ އެމީހާ އެ ރޯދަ ދޫކޮށްލަންޖެހޭނެ އެވެ.
ހިޖާމާ ޖަހާ މީހުންނަށްވެސް ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރައްވަނީ ރޯދަ ދޫކޮށްލުމަށެވެ. އެހެންކަމުން އެއާއި ޤިޔާސް ކުރައްވާފައި އިލްމުވެރިން ވިދާޅުވަނީ ވަރަށް ބައިވަރު ލޭ ހަދިޔާ ކުރުމުގެ ގޮތުން ލޭ ނަގާނަމަ އެމީހާއަށް އެންމެ ރަނގަޅީ އެދުވަހުގެ ރޯދަ ދޫކޮށްލާފައި އެހެން ދުވަހަކު ރޯދަ ހިފުން ކަމަށެވެ.

ކަންމިހެންވުމާއި އެކު އެދުވަހުގެ ރޯދަ ދޫކޮށްލާފައި އެހެން ދުވަހަކު އެ ރޯދަ ހިފިދާނެއެވެ. ލޭ ހަދިޔާ ކުރުމުގައި ބަލަންޖެހޭނ އެންމެ މުހިންމުކަމަކީ މިއީ ކޮންމެހެން އެ ވަގުތު ލޭ ހަދިޔާ ކުރަން ޖެހިގެން ކުރާ ކަމެއްތޯ އެވެ. އެހެންނޫންނަމަ އެންމެ ރަނގަޅީ ރޯދަ ވީއްލަންދެން ލޭ ހަދިޔާކުރުން ލަސްކޮށްލުމެވެ. އެހެން ނަމަވެސް ކޮންމެހެން ޟަރޫރަތަަކަށްވެގެން ޑޮކްޓަރެއްގެ ލަފާގެ މަތިން އެވަގުތު ލޭ ދޭންޖެހިއްޖެނަމަ އެ ރޯދަ ދޫކޮށްލާފައި ލޭ ދޭނީއެވެ.

ދެން ހަމަ އެޔާއެކު މީހެއްގެ ގަޔަށް ލޭ އަޅައިފިނަމަ އެ ރޯދަ ދޫކޮށްލަންޖެހޭނެއެވެ. ސަބަބަކީ ލޭ އެޅުމަކީ މީހާގެ ހަށިގަނޑުގައި ވަރުޖެހޭ ކަމެއްކަމުގައިވާތީ އެވެ. އެއީ ކެއިން ބުއިމުގެ މަގާމުގައި ކުރެވޭ ކަމެއްކަމުގައިވާއިރު ކެއިން ބުއިމަކީ ރޯދަ ގެއްލޭ ކަމަކަށްވާތީ ރަނގަޅު ގޮތަކީ ލޭ އަޅަންޖެހޭ ދުވަހު ރޯދަ ދޫކޮށްލުމެވެ. ނޫނީ ރޯދަވީއްލުމަށްފަހު ލޭ އަޅަން މަޑުކޮށްލެވިދާނެއެވެ.

comment ކޮމެންޓް