ތެލަސީމިއާ ސެންޓަރުގައި ބޭނުންކުރާ ފިލްޓަރުތައް ހަލާކުވާތާ އެތައް އަހަރެއްވިއިރު ވެސް، އެ މައްސަލައަށް ހައްލެއް ހޯދުމުގައި, މޯލްޑިވިއަލް ބްލަޑް ސާވިސަސް (އެމްބީއެސް) އިން ފެއިލް ވެފައިވާ ކަމަށް ތެލެސީމިއާ ކުދިން ބުނެފިއެވެ.

އެ މައްސަލައިގައި އެމްބީއެސްގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި، ތެލަސީމިއާ ސެންޓަރުގައި އެ ބައްޔަށް ފަރުވާ ހޯދާ މީހުންނާއި އާއިލާތައް ރޭ ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.
މި މައްސަލައަކީ މިއަދަކު އިއްޔެއަކު ވީ ކަމެއް ނޫނެވެ. މީގެ އަހަރުތަކެއް ކުރިން ވެސް ފެންމަތިވަމުންދިޔަ މައްސަލައެކެވެ.
ނަން ނުޖަހަން ޝަރުތުކޮށް "ސަން" އާ ވާހަކަދެއްކި ތެލަސީމިއާ އެޑްވޮކޭޓެއް ބުނީ މިއީ މި މައްސަލަ ދިމާވާތާ ތިން ވަނަ ރޯދަމަސް ކަމަށެވެ. އެކި ފަހަރުމަތިން އެމްބީއެސްގެ ވެރިންނާ ބައްދަލުކޮށް އެ މައްސަލަ ހައްލުކޮށްދިނުމަށް އެދިފައިވާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިހާތަނަށް އެކަމަށް އެދެވޭ އަޅާލުމެއް ދީފައިނުވާކަން ވެސް އޭނާ ފާހަގަކުރިއެވެ.
އޭނާ ކިޔައިދިން ގޮތުގައި ފިނިކޮށްފައި ހުންނަ ލޭ ޕެކެއް ބޭނުންކުރަން ނަގާތާ، ހަތަރު ވަރަކަށް ގަޑިއިރުތެރޭ ޕޭޝަންޓްގެ ގަޔަށް އެ ލޭތައް އަޅަން ޖެހޭނެއެވެ. ތެލެސީމިއާ ސެންޓަރުގައި ދިމާވާ މައްސަލައަކީ އެ ޕެކެޓުތަކުގެ ފިލްޓަރު މައްސަލަ ޖެހިގެން އެ ވަގުތުގެ ތެރޭގައި ލޭ ނޭޅުމެވެ.
ފިލްޓަރުގެ މައްސަލަ އާއްމުކޮށް ދިމާވާއިރު، އެ ލޭ ޕެކަށް ދެވަނަ ފިލްޓަރެއް ގުޅައިގެން ވެސް އެކަން ކާމިޔާބުނުވެ ލޭ ވަރަށް ބޮޑަށް އިސްރާފުވާތީ އެކަމުގެ ކަންބޮޑުވުން އޭނާ ފާހަގަކުރިއެވެ. ކޮންމެ ފިލްޓަރެއް ގުޅާއިރު ވެސް އެއަށް 25- 30 އެމްއެލްގެ ލޭ އެޅޭނެ ކަމަށާއި، ޕޭޝަންޓްގެ ގަޔަށް އެޅުމުގެ ކުރިން އެ ފިލްޓަރު ހަލާކުވެއްޖެނަމަ އެ ލޭ ބޭކާރުވެ, އުކާލަން ޖެހޭ ކަމަށް އޭނާ ކިޔައިދިނެވެ.
"މިއީ ކެޕިޓަލް ސިޓީގައި ކަންކަން ހުރި ހާލަތު. 300 އެއްހާ ޕޭޝަންޓުން އަތޮޅުތެރޭގައި ވެސް އެބައުޅޭ. ދެން ވިސްނާލާ އަތޮޅުތެރޭގެ ހާލަތު،" އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ރޯދަމަހު ޚާއްސަކޮށް ޑޮނާ ލިބުން ވަރަށް ދައްޗެވެ. އެހާ ހާލުން ހޯދާ ލޭކޮޅު ނޭޅި އުކާލަން ޖެހުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފިލްޓަރުތަކުގެ ބްރޭންޑް ބަދަލުކުރި ނަމަވެސް އެކަން ހައްލެއް ނުވިއެވެ. ނަމަވެސް އަދި ވެސް ބައިވަރު ބްރޭންޑްތަކުގެ ފިލްޓަރުތައް އެބަހުރި ކަމަށާއި، ކޮލިޓީ ރަނގަޅު ފިލްޓަރުތޯ ރަނގަޅަށް ޗެކުކުރުމަށްފަހު ގެނައުމަށް އެކި ފަހަރުމަތިން އެދުނު ކަމަށެވެ.
ރޭގެ މުޒާހަރާއާ ގުޅިގެން އެމްބީއެސްގެ ވެރީންނާ ބައްދަލުކުރުމުން އެ މީހުންގެ ޖަވާބަކަށްވީ "ސްޕެސިފިކް ބެޗެއްގަ ދިމާވާ މައްސަލައެއް" ކަމަށް އޭނާ ކިޔައިދިނެވެ. ނަމަވެސް އެތައް ދުވަހެއްވިއިރު ވެސް އެ މައްސަލައަށް ހައްލެއް ނައިސް ދިގުދެމިގެން ދިޔުމަކީ ސުވާލު އުފައްދަންޖެހޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ކުރީ ސަރުކާރާއި މި ސަރުކާރުގެ އެމްބީއެސްގެ ވެރިންގެ އަރިހުގައި ވެސް އެތައް ފަހަރަކު އެ ވާހަކަތައް ދެއްކިއްޖެއެވެ. އަދި އެކަންކަން ރަނގަޅުކޮށްދޭން ވެސް އެދުނު ކަމަށް ބުންޏެވެ.
"ނަމަވެސް އެދެވޭ އަޅާލުމެއް ނުލިބުނު" އޭނާ ބުންޏެވެ.
ތެލަސީމިއާ ސެންޓަރުގައި ބޭނުންކުރާ ފިލްޓަރުތައް ހަލާކުވެ، ލޭ ޕެކެޓުތަކުން އިސްރާފުވާ މިންވަރު އިތުރުވާއިރު، ރަށްރަށުގައި ވެސް އެ މައްސަލަ އަންނަނީ މެދުވެރިވަމުންނެވެ.
ލޭ އެޅުމުގައި ދިމާވާ މައްސަލަތަކުގެ އިތުރުން ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭސްވެސް ގަވާއިދުން ނުލިބުމަކީ އެ ބައްޔަށް ފަރުވާ ހޯދާ މީހުންގެ ބޮޑު ކަންބޮޑުވުމެކެވެ.
އެ މައްސަލައިގައި، ލޭ އަޅާ ކުދިން އަންނަނީ ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން، މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، އައު ފިލްޓަރުތައް ބޭނުންވާ ކަމަށާއި ނަރުހުންނަށް ވެސް ރޯދަ މަހު އަވަސް އަވަހަށް ފިލްޓަރު ބަދަލުކުރަން ފަސޭހަ ނުވާނެ ކަމަށް ބުނެފައެވެ.
ރޭ މިކަމާ ދެކޮޅަށް މުޒާހަރާ ކޮށްފައި ވަނިކޮށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވަނީ އެ ސެންޓަރަށް ވަޑައިގެން ހާލަތު ބައްލަވާލައްވައިފައެވެ. އަދި އެ ސެންޓަރަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
comment ނާދިރާ
6 day 4 hour ago
ތިއީ ފެށުނީއްސުރެ ހެލްތުން ހިންގާ ބޮޑު ޖަރީމާއެއް. ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފިލްޓަރުސެޓްތައް ގަންނަންޖެހޭނީ ވަކިބައެއްގެއަތުން. ވަރަށް ބޮޑުއަގުގައި. އަދި މިލިބޭ ފިލްޓަރުތަކަކީވެސް ފެންވަރުދަށް ޕާކިސްތާނުގެ ކަޅުބާޒާރުގައ ވިއްކާ ފިލްޓަރުތަކެއް. މީގެން ބައިއެޅޭ އެތައް ބަޔަކުތިބޭނެ ތިދާއިރާގަ. މިކަން ޑރ. މުއިޒް ރަނގަޅަށް ބައްލަވާ.