ގަރާޖު ސިޓީ އުވާލާ އިސްލާހު އަނބުރާ ކޮމިޓީއަށް

ގަރާޖު ސިޓީ އުވާލާ އިސްލާހު އަނބުރާ ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ -- ފޮޓޯ މަޖިލިސް

އިންޖީނުލީ އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބާއްވާނެކަމުގެ ލިޔުން ހުށަހަޅަން ލާޒިމް ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއިން ނިންމި ގޮތުގެ ރިޕޯޓުން އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން ގާނޫނު އިސްލާހު ކުރިއިރު ބުނެފައިވަނީ ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއް އެނޫން ވެސް ތަނެއްގައި ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމް ނޫން ކަމަށެވެ. އަދި ގަރާޖެއްގައި އެ އުޅަނދު ބާއްވާނެ ކަމުގެ ލިޔުން ހުށަހެޅުން ލާޒިމެއް ނޫން ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

އެ އިސްލާހު އަނބުރާ ފޮނުވާލަން ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. އެ އިސްލާހަށް ތާއީދު ކުރެއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. އެ އިސްލާހު އަނބުރާ ފޮނުވާލަން 68 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. ބިލު ހުށަހެޅުއްވި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވޯޓު ދެއްވީ އަނބުރާ ކޮމިޓީއަށް ފޮނުވާލަން ނުފެންނަ ކަމަށެވެ.

އެ އިސްލާހު އަނބުރާ ކޮމިޓީއަށް ފޮނުވާލަން ހުށަހަޅުއްވަމުން އީވާ ވިދާޅުވީ ގަރާޖު ސިޓީ ބޮޑު އަގުގައި ވިއްކައިގެން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރުމަށް އޮތް ހައްލަކީ ގަރާޖު ސިޓީ އުވާލުން ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ. އެއަށްވުރެ ރަނގަޅު ހައްލެއް ނެރެވެން ވާނެ ކަމަށް އީވާ ވިދާޅުވި އެވެ.

ގަރާޖު ސިޓީ އުވާލައިފި ނަމަ މާލެ މިހާރަށްވުރެ ބޮޑަށް ތޮއްޖެހި ދަތިތަކާ ކުރިމަތިވާނެ ކަމަށް އީވާ ވިދާޅުވި އެވެ.

ގަރާޖު ސިޓީ ބޮޑު އަގުގައި ވިއްކައިގެން ކޮރަޕްޝަން ހިންގާ ކަމުގެ ޝަކުވާއަކީ އަބަދުވެސް ކުރާ ޝަކުވާ އެކެވެ.

comment ކޮމެންޓް