މަޖިލިސް ޗުއްޓީއަށް ދާ ދުވަސްތަކަށް ބަދަލުގެންނަނީ

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން — ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެދު ދައުރުގެ ޗުއްޓީ އަންނަ ދުވަސްތަކަށް ބަދަލު ގެންނަން އާންމު ކޮމިޓީއިން ނިންމައިފި އެވެ.

މަޖިލިސް ގަވައިދުގެ 24 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންދާނީ ތިން ދައުރަކަށެވެ. ފުރަތަމަ ދައުރު ފެބުރުއަރީ މަހުގެ ފުރަތަަމަ ދުވަހުން ފެށީގެން އެޕްރީލް މަހުގެ ނިޔަލަށް ހިނގާއިރު ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

އާންމު ކޮމިޓީއިން ބަދަލުގެނެސްފައި ވަނީ މަޖިލީހުގެ ދެވަނަ ދައުރާއި ތިންވަނަ ދައުރު ހިނގާ ދުވަސްތައް ބަދަލު ކުރުމަށެވެ. އާންމު ކޮމިޓީގެ އިސްލާހުގައި ވާގޮތުން މަޖިލީހުގެ ދެވަނަ ދައުރު ދެން ހިނގާނީ މޭ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ.

މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް އާންމު ކޮމިޓީގެ އިސްލާހުގައި ވަނީ ބުނެފަ އެވެ.

އެގޮތަށް ބަދަލު ގެނައި ސަބަބެއް ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވަނީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޮގަސްޓު މަހަށް ބަދަލު ކުރުމުން މަޖިލީހުގެ ޗުއްޓީއާއި ދިރާސީ އައު އަހަރުގެ ޗުއްޓީއާ ދިމާ ނުވާތީ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވައިދު މިހާރު އޮތްގޮތުން ދިރާސީ އަހަރުގެ ކިޔެވުން ނިމިގެން ދަރިވަރުންނަށް ކިބޭ ޗުއްޓީ ދިމާވާނީ މަޖިލީހުގެ ދެވަނަ ދައުރުގެ މެދުތެރެއަށެވެ. މިކަމުގެ ސަބަބުން މެމްބަރުންނަށް ދަތިތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެއްކަމުގައި ކޮމިޓީއަށް ފާހަގަ ކުރެވުނެވެ." ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.

މަޖިލީހުގެ ގަވައިދަށް ގެންނަ އެ އިސްލާހަށް މާދަމާގެ ޖަލްސާގައި ވޯޓަށް އަހަން ވަނީ ތާވަލުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް