ކޮވިޑްއިން އަރައިގަތުމާ ބެހޭގޮތުން ބޭއްވި މި އަހަރުގެ ގްލޯބަލް ޔޫތު ސަމިޓު ނިންމާލައިފި

ގްލޯބަލް ޔޫތު ސަމިޓް 2021އަށް ހާއްސަ، ޑަބްލިއެޗްއޯގެ ޕޯސްޓަަރެއް -- ފޮޓޯ/ ޑަބްލިއެޗްއޯ

ކޮވިޑް-19 ޕެންޑެމިކުން އަރައިގަތުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ބޭއްވި މި އަހަރުގެ "ގްލޯބަލް ޔޫތު ސަމިޓް 2021" މިއަދު ނިންމާލައިފި އެވެ.

މި މަހުގެ 23 އިން 25އަށް ވާޗުއަލްކޮށް ބޭއްވި އެ ސަމިޓުގައި އެކި ގައުމުތަކުން އެތައް ހާސް ޒުވާން ލީޑަރުން ބައިވެރިވި އެވެ. އަދި އދ.ގެ އެކި އެޖެންސީތަކާއި، ސަރުކާރުތަކުންވެސް ބައިވެރިވި އެވެ.

މި އަހަރުގެ ގްލޯބަލް ޔޫތު ސަމިޓު ބޭއްވީ ކޮވިޑް-19 ޕެންޑެމިކުން އަރައިގަތުމަށް ޒުވާނުންނަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުންނެވެ. ކޮންމެ އަހަރެއްގެ ސަމިޓުވެސް ހާއްސަކުރަނީ އެ ދުވަސްވަރަކާ ގުޅޭ މައުޟޫއަކަށެވެ.

އެ ސަމިޓުގައި މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ ތިން މެމްބަަރަކު ރާއްޖެ ތަމްސީލު ކުރި އެވެ. އެއީ ރަޒާން މުހައްމަދު ރަޝީދު، 28، އާއިޝަތު އަމާނީ، 18، އަދި ހަދީޖާ ނައިހާ މުހައްމަދު، 20، އެވެ. އެ ތިން ޒުވާނުންނަކީވެސް ރާއްޖޭގައި ކޮވިޑް ޕެންޑެމިކްއާ ދެކޮޅަށް ވޮލެންޓިއާ މަސައްކަތް ކުރި ޒުވާނުންނެވެ.

ރަޒާންއަކީ ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ފެނުނު ދުވަސްވަރުން ފަށައިގެން، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ވޮލެންޓިއާ ކުރަން ފެށި ޒުވާނެކެވެ. އެ ސެންޓަރުގެ ތަފާތު އެކި މަސައްކަތްތަކުގައި އޭނާ އުޅެފައިވެ އެވެ.

ނައިހާއަކީ ފުރަތަމަ ފަހަރަށް ލޮކްޑައުން ކުރި ދުވަސްވަރު ޅ. ނައިފަރުގައި ހުރި ސޯޝަލް ސަޕޯޓް ޑެސްކުގައި ވޮލެންޓިއާ ކުރުމުގެ އިތުރުން، އެ ރަށުގައި ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރުމަށް ވޮލެންޓިއާ ކުރި ޒުވާނެކެވެ.

އަމާނީ މަސައްކަތް ކުރީ ވެކްސިން ޖަހަން ފެށި އިރު، އިސްލާމީ މަރުކުގައި ހުރި ވެކްސިނޭޝަން ސެންޓަރުގަ އެވެ. އެ ސެންޓަރުގެ އެކި މަސައްކަތްތައް އޭނާވެސް ކުރި އެވެ.

ގްލޯބަލް ޔޫތު ސަމިޓުގެ "ޕްލެޖިން އަވާ ސަޕޯޓް"ބައިގައި މިއަދު ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ.

މިއަދު މިނިސްޓަރު މަހުލޫފު ވަނީ ސަރުކާރުން ޒުވާނުން ކުރިއެރުވުމަށާއި، ކޮވިޑް-19 ޕެންޑެމިކުގެ ފްރަންޓްލައިނުގައި މަސައްކަތް ކުރާ މީހުންނަށް ޓަކައި ކުރާ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަ ދައްކަވައިފަ އެވެ.

އޭނާ ވަނީ ކޮވިޑްއާ ހެދި ދިމާވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ކުރަން ޖެހޭ ކަންކަން ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން ޒުވާނުންނަށް އަރުއްވާފަ އެވެ.

ކޮވިޑް-19 ޕެންޑެމިކާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ "ބިގް ސިކްސް ޔޫތު އޮގަނައިޒޭޝަން"ތަކާ ގުޅިގެން ޒުވާނުން ކުރިއަރުވަން، ގްލޯބަލް ޔޫތު މޮބަލައިޒޭޝަންގެ ނަމުގައި ހަރަކާތެއްް ފަށާފައިވެ އެވެ. މިއީ އެ ހަރަކާތުގެ ތެރެއިން ބޭއްވި ސަމިޓެކެވެ.

comment ކޮމެންޓް