އައްޓަމަހަށް ނުވޭ؛ އަމިއްލަ ފައިމައްޗަށް ތެދުވޭ!

މާކަނޑުގެ ދިރުންތަކުގެ ތެރޭގައި، ޝިކާރަކުރަން ދުވަހަކުވެސް ޖެހިފައި ނުވާ މަހެއް އުޅެއެވެ. އެއީ އެ މަހުގެ މައްސަލައެކެވެ. އެ މަހަށް ކިޔަނީ އައްޓަމަހެވެ. އޭގެ ބޮލުގެ މަތީގައި، ތަތްކޮށްލެވޭ ގޮތަށް ފަތިކޮށް އޮންނަ ސަކްޝަން ކަޕެއް ހުރެއެވެ. އެއިން މިޔަރު ނުވަތަ ބޮޑުމަސް ފަދަ ބޮޑެތި މަސްމަހުގެ ގައިގައި ތަތްކޮށްލައިފައި ދުވަހަކުވެސް ދޫކޮށެއް ނުލައެވެ.

މިޔަރު އޭގެ ގޮތުގައި ފީނަމުން ދަތުރުކުރަމުން ދެއެވެ. އައްޓަމަސް އަމިއްލަ ހަކަތައެއް ބޭނުންނުކޮށް މިޔަރުގައި ތްތަކޮށްލައިގެން އޮވެ ހިލޭ ދަތުރުކުރެއެވެ. މިޔަރު ކައެވެ. އައްޓަމަހަށް ލިބެނީ މިޔަރު ކައިފައި ބާކީވާ އެތިކޮޅުތަކާއި އޭގެ ހަށިގަނޑުގައި ހުންނަ ކުދި ސޫފިތަކެވެ. ކަނޑުގެ އެންމެ ނުރައްކާތެރި ޝިކާރަވެރިޔާގެ ގައިގައި ތަތްވެފައި އޮންނާތީ، އެ މަހަށް ހަމަލާދޭން އެހެން އެއްވެސް އެއްޗަކަށް ނުކެރެއެވެ. ނުރައްކަލެއް ނެތެވެ، ބަނޑުހައިހޫނުކަމެއް ނެތެވެ، ބުރަ މަސައްކަތެއް ނެތެވެ؛ ފުރިހަމަ ދިރިއުޅުމެކެވެ. ކަނޑުގެ އެހެން މަސްތައް ޝިކާރަކުރާށާއި، ދުޝްމަނުންގެ ކިބައިން ފިލާށާއި، ގަދަ އޮއިވަރަށް ހޭނެން ދަސްކުރެއެވެ. އައްޓަމަހަށް ދަސްވަނީ ހަމައެކަނި އެހެން އެއްޗެއްގެ ގައިގައި ތަތްވެގެން އޮންނާށެވެ.

އެއްދުވަހަކު މިޔަރު ދަތުރުކުރާ މަގު ބަދަލުކުރެއެވެ ނުވަތަ ހަށިފޮޅާލާފައި ގެއްލެއެވެ. ދެން އައްޓަމަސް އެ މާކަނޑުގައި އެކަނިވެ، އަމިއްލަ ހާލަށް އުޅެން މަޖުބޫރުވެއެވެ. ދުވަހަކުވެސް އެކުގައި އުޅެފައި ނުވާ މަސްތަކަކާއެކުގައެވެ. އެ މަހަށް މި ހާލު ޖެއްސީ މިޔަރެއް ނޫނެވެ؛ އެއީ އަރާމާއި ފަސޭހައެވެ. ސަބަބަކީ އަރާމާއި ފަސޭހައަކީ އެއްފަހަރުން ތިބާގެ ކިބައިން އެއްޗެއް އަތުލާ ސަބަބަކަށް ނުވާތީއެވެ. ތިބާއަށް އިހުސާސްވެސް ނުވަނީސް، ދުވަހަކަށްފަހު ދުވަހެއް އެކަމުން ތިބާގެ ހުނަރުތައް ގެއްލުވާލައެވެ.

މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި މައިންބަފައިންގެ ތަނަވަސްކަމުގެ ހިޔަލުގައި، އަތުންފައިން މަސައްކަތެއް ނުކޮށް ތިބި އެތައް ޒުވާނުންނެއްގެ ހާލަތަކީ ހަމަ މި އައްޓަމަހުގެ ހާލަތެވެ. މައިންބަފައިންގެ މުއްސަނދިކަމާއި ތަނަވަސްކަމަކީ ދަރިންނަށް ލިބޭ ބޮޑު ނިއުމަތެއް ކަމަށާއި، ދަރިންނަށް އެއްވެސް ތަކުލީފެއް ނުޖައްސައި އަރާމުގައި ގެންގުޅުމަކީ މައިންބަފައިންގެ ވާޖިބެއް ކަމަށް ބައެއް މީހުން ދެކެއެވެ. ނަމަވެސް ހަގީގަތަކީ، އެއްވެސް ބުރައެއް ނުއުފުލައި ލިބޭ އަރާމާއި މައިންބަފައިންނަށް ބަރޯސާވެގެން ތިބޭ ތިބުމުން ދިވެހި ޒުވާނުންގެ ދިރިއުޅުމުގެ ހުނަރުތައް ގެއްލުވާލާކަމެވެ.

މިއީ ހަމައެކަނި މިސާލެއްގެ ގޮތުން ދައްކާ ވާހަކައެއް ނޫނެވެ؛ ރާއްޖޭގެ ރަސްމީ ތަފާސް ހިސާބުތަކުން މި ނުރައްކާތެރި ހަގީގަތް ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 15 އަހަރާއި 24 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންގެ ތެރެއިން 10،416 ޒުވާނުންނަކީ އެއްވެސް ވަޒީފާއެއްގައި، ތައުލީމެއްގައި ނުވަތަ ތަމްރީނު ޕްރޮގްރާމެއްގައިވެސް ބައިވެރިނުވެ ތިބި މީހުންނެވެ. މިއީ އެ އުމުރުފުރައިގެ ޒުވާނުންގެ 19.5 އިންސައްތައެވެ. އަދި އުމުރުފުރާ 18 އަހަރާއި 35 އަހަރާ ދެމެދަށް ފުޅާކޮށްލާއިރު، ވަޒީފާއެއްގައި އަދި ކިޔެވުމެއްގައި ނޫޅޭ ޒުވާނުންގެ އަދަދު 26،894 އަށް އަރައެވެ. އެއީ އެ އުމުރުފުރައިގެ އާބާދީގެ 23.0 އިންސައްތައެވެ.

ގައުމެއްގެ އުފެއްދުންތެރިކަމުގެ އެންމެ މުހިންމު އުމުރުފުރައިގެ ކޮންމެ ފަސް ޒުވާނަކުން އެކަކު، އެއްވެސް މަސައްކަތެއް ނުކޮށް އަދި ހުނަރެއްވެސް ދަސްނުކޮށް ހުރުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބުތަކަށް ބަލާއިރު، 15 އަހަރާއި 24 އަހަރާ ދެމެދުގެ އަންހެން ޒުވާނުންގެ ތެރެއިން ވަޒީފާއާއި ތަމްރީނުން ބޭރުގައި ތިބި ނިސްބަތް 21.9 އިންސައްތައިގައި ހުރިއިރު، ފިރިހެން ޒުވާނުންގެ ތެރޭގައި މި ނިސްބަތް ހުރީ 17.2 އިންސައްތައިގައެވެ. މާލޭގައި މި އުމުރުފުރައިގެ 4،153 ޒުވާނުން (16.0 އިންސައްތަ) އަދި އަތޮޅުތެރޭގައި 6،263 ޒުވާނުން (22.7 އިންސައްތަ) ތިބީ މަސައްކަތުގެ މާހައުލުންނާއި ތަމްރީނުތަކުން މުޅިން އެކަހެރިވެގެންނެވެ.

މަސައްކަތްކުރާނެ ޖިސްމާނީ ގާބިލުކަމާއި ފުރުސަތު އޮވެމެ، މިހާ ގިނަ އަދަދެއްގެ ޒުވާނުން ހަރަކާތްތެރިކަމެއް ނެތި ތިބުމުގެ ނަތީޖާ ވަޒީފާ ނެތް މީހުންގެ ނިސްބަތުންވެސް ފެނެއެވެ. 2025 ވަނަ އަހަރު ރާއްޖޭގެ 15 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރޭގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް 15.694 އިންސައްތައިގައި ހުރި ކަމަށް ވޯލްޑް ބޭންކްގެ ތަފާސްހިސާބުތަކުން ދައްކައެވެ. ވަޒީފާގެ ބާޒާރުގައި އެތައް ހާސް ފުރުސަތެއް އޮތް ގައުމެއްގައި، ޒުވާނުންގެ ބޮޑު އާބާދީއެއް މިފަދަ ހާލަތެއްގައި ތިބެންޖެހޭ ސަބަބުތަކާ މެދު ފުންކޮށް ވިސްނާލަން ޖެހެއެވެ.

މި މައްސަލައިގެ އެންމެ ބޮޑު އެއް އަސްލަކީ އަމިއްލަ އިހުތިޔާރުގައި މަސައްކަތް ނުކޮށް ތިބުމާއި، މައިންބަފައިންގެ އާމްދަނީއަށް ބަރޯސާވުމުގެ ސަގާފަތެވެ. ވޯލްޑް ބޭންކްގެ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ގިނަ ޒުވާނުންނަކީ ވަކި ބާވަތްތަކެއްގެ ވަޒީފާތައް އަދާކުރަން ބޭނުންނުވާ އަދި އެފަދަ މަސައްކަތްތަކަށް ހިތްވަރު ނުލިބޭ ބައެކެވެ. އެ ދިރާސާއަށް ސުވާލުކުރެވުނު ޒުވާނުންގެ ތެރެއިން 50 އިންސައްތަ ޒުވާނުން އާމްދަނީ ހޯދުމަށް ހަމައެކަނި ބަރޯސާވަނީ އެ މީހުންގެ މައިންބަފައިންނަށް ކަމަށް ހާމަވެފައިވެއެވެ. އަދި މިގޮތަށް މައިންބަފައިންނަށް ބަރޯސާވެގެން އުޅޭ ފިރިހެން ޒުވާނުންގެ ނިސްބަތް 51 އިންސައްތައިގައި ހުރިއިރު، އަންހެން ޒުވާނުންގެ ނިސްބަތް ހުރީ 47 އިންސައްތައިގައެވެ.

ކެޕްޝަން..

މިއަށްވުރެ ހިތާމަވެރި ކަމަކީ، ދަރިން ލައްވައި އާދައިގެ ވަޒީފާއެއް ކުރުވުމަށްވުރެ، މަސައްކަތެއް ނުކޮށް ގޭގައި ބައިތިއްބައިގެން ދަރިންނަށް ފައިސާ ދިނުމަށް މައިންބަފައިން އިސްކަންދޭ ކަމަށް ހަމަ އެ ރިޕޯޓުގައި ފާހަގަކޮށްފައިވުމެވެ. ދަރިންގެ ދަރަޖައަށްވުރެ ދަށް ކަމަށް މައިންބަފައިން ދެކޭ ވަޒީފާއަކަށް ދަރިން ފޮނުވުމުގެ ބަދަލުގައި، މައިންބަފައިންގެ ތައްޕާހުގައި އެ ކުދިން ބައިތިއްބަނީއެވެ. މިއީ ދަރިންދެކެ ވާ ލޯތްބެއް ނޫނެވެ؛ މިއީ ދަރިންގެ އަމިއްލަ ނަފްސުގެ އިތުބާރާއި، މަސައްކަތްތެރިކަމުގެ ރޫހު މަރާލުމެވެ. ތިމާގެ ހުރިހާ ކަމެއް ނިންމައިދޭނެ މީހަކު ހުރުމާއި، އުނދަގޫ ހުރިހާ ކަމެއް އެހެން މީހަކު ކޮށްދޭ ހާލަތެއްގައި ހުރުމަކީ، ޒުވާނާ މުޅިން ނުކުޅެދޭ މީހަކަށް ހަދާލާ ކަމެކެވެ.

ކުޑައިރުއްސުރެ ކުދިންގެ ސިކުނޑިއަށް ވައްދައިދެވިފައި އޮންނަނީވެސް ހަމައެކަނި ވަކި ބާވަތެއްގެ ވަޒީފާތަކަކީ ގަދަރުވެރި މަސައްކަތްތަކެއް ކަމުގެ ވިސްނުމެވެ. އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސާނަވީ ތައުލީމު ނިންމާ ގިނަ ޒުވާނުން އޮފީސް ވަޒީފާ ނޫން އެހެން މަސައްކަތްތަކަށް ދާން ފަސްޖެހެނީ، އެ ކުދިންނަށް އޮފީސް ވަޒީފާ ހޯދައިދިނުމަށް މައިންބަފައިން ކުރާ އުންމީދުތަކުގެ ސަބަބުންނެވެ. ނަތީޖާއަކަށް ވަނީ، މަތީ މުސާރަ ލިބޭ ވަޒީފާތަކަށް ބޭނުންވާ ހުނަރު ނެތް އިރުވެސް، އާދައިގެ ވަޒީފާއަކުން ފަށަން ޒުވާނުން ޖެހިލުންވުމެވެ.

މަސައްކަތުގެ މާހައުލުގައި ކުރިއަށް ދިއުމަށް ޒުވާނުން ފަސްޖެހޭ އަނެއް ސަބަބަކީ، އަތުންފައިން ކުރާ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާ މެދު މުޖުތަމައުގައި އޮތް ނުރަނގަޅު ތަސައްވުރެވެ. ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އަމަލީ މައިދާނުގައި ކުރާ މަސައްކަތްތަކާއި، އަތުންފައިން ކުރާ ފަންނީ މަސައްކަތްތައް ސިފަކުރެވެނީ ކިޔަވައިގެން ނެތް ނުވަތަ ދަށް ފަންތީގެ މީހުން ކުރާ މަސައްކަތްތަކެއްގެ ގޮތުގައެވެ. ސްކޫލް ނިންމާ އިރު ގިނަ ޒުވާނުންގެ ހިތްތަކުގައި އަށަގެންފައި އޮންނަނީ، ޖިސްމާނީ މަސައްކަތް ނުވަތަ ހިދުމަތް ދިނުމުގެ ދާއިރާގެ އާދައިގެ ވަޒީފާތަކަކީ ތިމާމެންގެ ގަދަރަށް އުނިކަން އަންނާނެ ކަންކަން ކަމުގެ ކުށްހީއެވެ.

މި ނުރަނގަޅު ވިސްނުމުގެ ސަބަބުން، ރިސޯޓުތަކުގެ ވަޒީފާތަކާއި، ފަންނީ އަދި އަމަލީ ދާއިރާތަކުގެ މުހިންމު ވަޒީފާތަކަށް ދިއުމަށްވުރެ، މާލެ ސަރަހައްދުން ސަރުކާރުގެ ނުވަތަ ސިވިލް ސާވިސްގެ މޭޒުދޮށުގެ ވަޒީފާއެއް ލިބެންދެން އެއްވެސް ކަމެއް ނުކޮށް ހުހަށް ތިބުން މާ ރަނގަޅު ކަމަށް ގިނަ ޒުވާނުން ދެކެއެވެ. އިތުރަށް އެއްވެސް ކުރިއެރުމަކަށް ނޭދޭ، ހަމައެކަނި ފިނިކޮށްފައި ހުންނަ ކޮޓަރިއެއްގެ ގޮނޑިއެއްގައި އިށީނދެގެން އިންނަ ވަޒީފާއަކަށް އިންތިޒާރުކޮށްގެން އުމުރުގެ އެންމެ އަގުހުރި ދުވަސްތައް ބޭކާރުކޮށްލަނީއެވެ.

ހަމައެހެންމެ، ވަޒީފާގެ މާހައުލަށް ނިކުތުމަށްފަހުވެސް ހަމަ މި އައްޓަމަހުގެ އުސޫލުން ދިރިއުޅޭ ބަޔަކު އުޅެއެވެ. އެއީ އޮފީހުގެ ވެރިމީހާއާ އޮންނަ ގާތް ގުޅުމެއްގެ ނާޖާއިޒު ފައިދާ ނަގައިގެން، ހަމައެކަނި ވެރިމީހާ ބުނާ ކަމެއް ކޮށްލައިގެން ފަސޭހައިގައި އުޅޭ މީހުންނެވެ. އަމިއްލަ ނަފްސު ތަރައްގީކޮށް، އާ ހުނަރުތައް ދަސްކުރުމަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފައި، އެ ގުޅުމުގެ ހިޔަލުގައި ތިއްބައި، އެއްދުވަހަކު އެ ރައްޓެހި ވެރިމީހާ ވަޒީފާއިން ވަކިވެގެން ނުވަތަ ބަދަލުވެގެން ދާ ދުވަހަކުން، މިފަދަ މީހުން މުޅިން އެކަނިވެއެވެ. އަމިއްލައަށް މަސައްކަތް ކުރަން ނޭނގޭ ހާލަތަކަށް ވެއްޓި، ވަޒީފާގެ މާހައުލުގައި ގޮތްހުސްވެއެވެ.

މީގެ އިތުރުން، ބުރަ މަސައްކަތް ކުރުމަށް ފަސްޖެހި، އެއްވެސް ކަމެއް ނުކޮށް ހުހަށް ތިބޭ ބައެއް ޒުވާނުން ފަސޭހައިން ފައިސާ ހޯދުމުގެ ދަހިވެތިކަމުގައި ކުށުގެ ވެށި އިހުތިޔާރުކުރަމުންދާކަމީވެސް ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. ހަލާލު މަސައްކަތުން އާމްދަނީ ހޯދުމުގެ ބަދަލުގައި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ފައިސާ ލިބޭނެ ކަމަށް ދެކިގެން ނުރައްކާތެރި އަދި ގާނޫނާ ހިލާފު ވިޔަފާރިތަކުގެ ތެރެއަށް މިފަދަ ޒުވާނުން ހުށަހެޅިގެންދެއެވެ. އަތުންފައިން މަސައްކަތެއް ނުކޮށް ފަސޭހައިން ފައިސާކޮޅެއް ހޯދަން އިހުތިޔާރުކުރާ މި ކުރު މަގަކީ، އެ ޒުވާނުންގެ މުޅި މުސްތަގުބަލު އަނދިރިކޮށްލައި، މުޖުތަމައުވެސް ބޮޑު ނުރައްކަލެއްގެ ތެރެއަށް ވައްޓާލާ ކަމެކެވެ.

މީގެ އިތުރުން، ގައުމަށް ކޮންމެހެން ބޭނުންޖެހިފައިވާ މުހިންމު އެތައް ދާއިރާއަކަށް ދިއުމަށްވެސް މި ވިސްނުން ހުރަސްއަޅައެވެ. ޔުނިސެފް އިން ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ސޯޝަލް ވާކަރުންނާއި، ކައުންސިލަރުންނާއި، މެރިން ބަޔޮލޮޖިސްޓުންނާއި، މޫސުމީ ބަދަލުތަކާ ބެހޭ ސައިންސްވެރިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ މުދައްރިސުންނާއި، ނަފްސާނީ ސިއްހަތުގެ އެހީތެރިންނާއި، ދިރާސާކުރާ މީހުން ފަދަ ގައުމަށް ނުހަނު ބޭނުންތެރި ދާއިރާތަކުން ކުރިއަށް ދިއުމަށް ޒުވާނުންނަށް ހިތްވަރެއް ނުދެވެއެވެ. މުސާރައާއި ގަދަރާ މެދު މުޖުތަމައުގައި އޮންނަ ބޯދާ ވިސްނުންތަކުގެ ސަބަބުން މިފަދަ މުހިންމު މަސައްކަތްތަކުގެ އަގު ވަޒަންނުކުރެވި، އެ ދާއިރާތަކަށް ޒުވާނުން ވަނުމަށް ވަނީ ހުރަސްއެޅިފައެވެ.

ޝައްކެއްވެސް ނެތް ގޮތުގައި، ޒުވާނުންނަށް ކުރިމަތިވާ ހަގީގީ ގޮންޖެހުންތަކެއްވެސް އެބަހުއްޓެވެ. ޔޫއެންޑީޕީ އިން ފާހަގަކޮށްފައިވާ ގޮތުގައި، މަތީ ތައުލީމާއި މަސައްކަތުގެ ތަމްރީނުތައް ހޯދުމަށް ހިނގާ ހަރަދާއި، ރަށްރަށުން މާލެއަށް ބަދަލުވެގެން އުޅުމުގެ ދިރިއުޅުމުގެ ހަރަދަކީ ގިނަ ޒުވާނުންނަށް އޮތް ބޮޑު ހުރަހެކެވެ. ތަމްރީނު ޕްރޮގްރާމްތައް ހިލޭ ލިބުނު ނަމަވެސް، ރަށްރަށުން މާލެއަށް އައިސް ހުރުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން އާއިލާއަށް ބަރޯސާވާން ނުވަތަ ކޮންމެވެސް ވަޒީފާއެއް އަދާކުރަން ޖެހެއެވެ.

ހަމައެއާއެކު، އ.ދ ގެ ރާއްޖޭގެ އޮފީހުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ވަޒީފާ ދޭ ފަރާތްތަކުން ތަޖުރިބާއަށް ޝަރުތުކުރާއިރު، ފަށާ ފެންވަރުގެ ވަޒީފާއެއް ނުލިބި ތަޖުރިބާ ހޯދޭނެ ގޮތެއް ނޯވެއެވެ. އަދި އަމިއްލަ ވިޔަފާރިއެއް ފަށަން ބޭނުންވިޔަސް، ރަހުނުގެ ގޮތުގައި ބަހައްޓާނެ ގެދޮރު ނެތުމުން ބޭންކު ލޯނު ލިބުން ދަތިވުމާއި، އާއިލާއާއެކު އެއް ފުރާޅެއްގެ ދަށުގައި އުޅެންޖެހުން ފަދަ މައްސަލަތައް ޒުވާނުން ވަނީ ފާހަގަކޮށްފައެވެ. މިއީ ނިޒާމީ ގޮތުން ހައްލުކުރަންޖެހޭ ހަގީގީ މައްސަލަތަކެކެވެ.

ނަމަވެސް، މި ގޮންޖެހުންތަކަކީ އަތްއުރާލައިގެން ގޭގައި ތިބުމަށް ދެއްކޭނެ އުޒުރެއް ނޫނެވެ. ފަށާ ފެންވަރުގެ ވަޒީފާއަކަށް ނުވަދެ، ތަޖުރިބާ ނުލިބިގެން އުޅޭ ކަމަށް ޝަކުވާކުރުމަކީ ދެކޮޅުޖެހޭ ވާހަކައެއް ނޫނެވެ. ކޮންމެ މާހިރަކީވެސް އެންމެ ފުރަތަމަ އާދައިގެ ތަނަކުން، އެންމެ ދަށް ހަރުފަތުން މަސައްކަތް ފެށި މީހެކެވެ. މައިންބަފައިންގެ މުއްސަނދިކަމަށް ބަރޯސާވެގެން، ތިމާ ބޭނުންވާ ފެންވަރުގެ ބޮޑު ވަޒީފާއެއް ނުލިބޭތީ ކަމަށް ބުނެ މަސައްކަތުގެ މައިދާނަށް ނުނިކުމެ ހުރުމަކީ، އަމިއްލަ ކުރިމަގު އަމިއްލަ އަތުން ބަންދުކޮށްލުމެވެ.

އަނެއްކޮޅުން، މުއްސަނދި އަދި ތަނަވަސް އާއިލާތަކަށް ނިސްބަތްވާ ހުރިހާ ޒުވާނުންނަކީ މިގޮތަށް އަތްއުރާލައިގެން ތިބޭ ބައެއް ނޫންކަންވެސް އުފަލާއެކު ފާހަގަކުރަންޖެހެއެވެ. މައިންބަފައިންގެ ތަނަވަސްކަމާއި މުދާވެރިކަން އޮތް ނަމަވެސް، އެ ތައްޕާހުން ނިކުމެ އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ މަސައްކަތުން ހަލާލު އާމްދަނީ ހޯދަން ގަދައަޅައި މަސައްކަތްކުރާ ހީވާގި އެތައް ޒުވާނުންނެއް އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވެ. އާދައިގެ ވަޒީފާތަކުން ފަށައިގެންނާއި، އަމިއްލަ ކުދި ވިޔަފާރިތައް ކޮޅަށްޖަހައިގެން، މައިންބަފައިންގެ އެހީއަކާ ނުލައި ކުރިއަށްދާ މިފަދަ ޒުވާނުންނަކީ މުޅި މުޖުތަމައަށް އޮތް ފުރިހަމަ ނަމޫނާއެކެވެ.

ދިވެހިންގެ ތާރީހަކީ އަމިއްލަ މަސައްކަތުން ދިރިއުޅުން ބިނާކުރި ހީވާގި ބައެއްގެ ތާރީހެކެވެ. ރާއްޖޭގައި ބިދޭސީން ކުރާ މަސައްކަތްތަކަކީ ދަށް ނުވަތަ ހަޑި މަސައްކަތްތަކެއް ކަމަށް ދެކޭ ދެކުން ބަދަލުކޮށް، ލިބެން އޮތް ކޮންމެ މަސައްކަތެއް ކުރުމަށް ބާރުއަޅަން ޖެހެއެވެ. އަދި އަޅުގަނޑުމެންގެ ކާބަފައިން އެ ހުރިހާ މަސައްކަތެއް ކުރީ އެއްވެސް ބިދޭސީއަކު ނުގެނެސް، އަމިއްލަ އަތުންކަން ޒުވާނުން ހަނދާންކޮށްދޭން ޖެހެއެވެ.

މަސައްކަތެއް ދަސްކޮށްގެން މަސައްކަތުގެ މާހައުލަށް ނިކުތުމަކީ ހަމައެކަނި ފައިސާ ހޯދުމަށް ކުރާ ކަމެއް ނޫނެވެ. އެއީ ދިރިއުޅުމުގެ އޮއިވަރާ ކުރިމަތިލާން ދަސްކުރުމެވެ. ގައުމަށް ބޭނުންތެރި ފަންނީ އަދި އިޖުތިމާއީ ދާއިރާތަކުން ކުރިއަށް ދިއުމަށް ނުވަތަ އަމަލީ މަސައްކަތްތައް ދަސްކުރުމަށް ފަސްޖެހިގެން ނުވާނެއެވެ. މީހުންނާ މުއާމަލާތްކުރުމާއި، ވަގުތަށް ކަމޭހިތުމާއި، މައްސަލަތައް ހައްލުކުރުމާއި، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ހިތްވަރު ލިބެނީ މަސައްކަތުގެ މައިދާނަށް ނިކުމެ، އަތްފައި ހަލުވައިގެންނެވެ.

މިކަމުގައި މައިންބަފައިން އަދާކުރަންޖެހޭ ދައުރުވެސް ނުހަނު ބޮޑެވެ. ދަރިންދެކެ ވާ ލޯބީގެ ހަގީގީ މާނައަކީ އެ ކުދިންނަށް ހުރިހާ ކަމެއް ތައްޔާރުކޮށްދީ، އަތުންފައިން މަސައްކަތެއް ނުކުރުވައި ރައްކާތެރިކޮށްގެން ބޭތިއްބުމެއް ނޫނެވެ. އޭގެ ބަދަލުގައި، ކުޑައިރުއްސުރެ ކުދިންގެ ކިބައިގައި މަސައްކަތުގެ ރިވެތި އަހުލާގު އަށަގެންނެވުމާއި، ކޮންމެ ހަލާލު މަސައްކަތަކީވެސް ގަދަރުވެރި މަސައްކަތެއްކަން ވިސްނައިދިނުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. ދިރިއުޅުމުގެ ކުދިކުދި ޒިންމާތައް އުފުލަން ދަސްކޮށްދީ، އަމިއްލަ މަސައްކަތުން ކުރިއަށް ދިއުމަށް ދަރިންނަށް ހިތްވަރު ދިނުމަކީ، މުސްތަގުބަލުގައި އެ ކުދިން އަމިއްލަ ފައިމައްޗަށް ތެދުވެ، ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ދެވޭނެ އެންމެ އަގުހުރި ތަރުބިއްޔަތެވެ.

މައިންބަފައިންގެ ތަނަވަސްކަމަކީ އަބަދު ދެމިއޮންނާނެ އެއްޗެއް ނޫނެވެ. މިއަދު ތިބާއަށް ހުރިހާ ކަމެއް ކޮށްދޭން ތިބި މައިންބަފައިން މާދަމާ ނެތިގެން ހިނގައިދާނެއެވެ. ނުވަތަ ދިރިއުޅުމުގެ ހާލަތު ބަދަލުވެ، އެ ތަނަވަސްކަން ގެއްލިގެން ހިނގައިދާނެއެވެ. އެ ދުވަހަކުން، އެއްވެސް ހުނަރެއް، ތަޖުރިބާއެއް އަދި މަސައްކަތުގެ އަހުލާގެއް ނެތި މުޖުތަމައުގެ ތެރެއަށް އެކަނިވެރިވާ އިރު، ތިބާއަށް ޖެހޭނީ މިޔަރު ގެއްލުމުން އައްޓަމަހަށް ޖެހުނު ހާލެވެ. އެހެން މީހުން ފަތައި ކުރިއަށް ދާއިރު، ތިބާއަށް ހުންނަން ޖެހޭނީ ގޮތްހުސްވެފައެވެ.

އެހެންކަމުން، ޒުވާނުންނަށް ބުނެލަން އޮތީ މައިންބަފައިންގެ މުއްސަނދިކަމުގެ ތައްޕާހުން މިއަދު ނިކުންނާށެވެ. އާދައިގެ ކުޑަ ވަޒީފާއަކުން ފަށަން ލަދުނުގަންނާށެވެ. އަތުންފައިން ހަލާލު މަސައްކަތް ކުރަން ފަސްނުޖެހޭށެވެ. ވަގުތީ އަރާމާއި ފަސޭހަކަމުގެ ތެރޭގައި އޮވެ، ތިބާގެ އަގުހުރި ޒުވާންކަމާއި ގާބިލުކަން ފަނާވިޔަ ނުދޭށެވެ. މައިންބަފައިންނަށް ބުނެލަން އޮތީ، ދަރިންދެކެ ވާ ލޯބީގެ ނަމުގައި އެ ކުދިންގެ ފިޔަ ކޮށާނުލާށެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ، ދިރިއުޅުމުގެ ގަދަ ކަނޑުގައި އަމިއްލައަށް ފަތަން އެ ކުދިންނަށް ފުރުސަތު ދޭށެވެ.

ކޮންމެ ޒުވާނަކުމެ މިއަދު އަމިއްލަ ނަފްސާ މި ސުވާލު ކުރިމަތިކޮށްލާށެވެ؛ މާދަމާ ތިބާ ބަރޯސާވެގެން އޮތް މިޔަރު ގެއްލި، ދިރިއުޅުމުގެ ބިޔަ ރާޅުތަކުގެ ތެރޭގައި އެކަނިވެރިވާ ވަގުތު، މި ބޮޑު މާކަނޑުގައި އަމިއްލަ ބާރުގައި ފަތައިގަންނަން ތިބާއަށް އެނގޭނެ ހެއްޔެވެ؟ ނުވަތަ އައްޓަމަހެއް ފަދައިން ގޮތްހުސްވެ، އޮއިވަރާއެކު ބެހިގެން ދާނީ ހެއްޔެވެ؟

ގުޅޭ ޓެގު
comment ކޮމެންޓް