"ޒުވާނުން މަސައްކަތުގެ މާހައުލަށް ނެރުމުގައި އެކި ކުދިންގެ ހުނަރު ވަކިން ދެނެގަތުން މުހިންމު"

27 ނޮވެމްބަރު 2026: ވަރަ އެކްސްޕޯގެ ޕެނަލް ޑިސްކަޝަންގައި ސަން ސިޔާމް ރިސޯޓްސްގެ ފަރާތުން ސިޔާމް ވޯލްޑްގެ ރިސޯޓު މެނޭޖަރު އައުސަމް ވަސީމް (އައުސީ) --- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ

ޒުވާނުން މަސައްކަތުގެ މާހައުލަށް ނެރުމުގައި އެކި ކުދިންގެ ހުނަރު ވަކިން ދެނެގަތުން މުހިންމު: އައުސީ

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ "ވަރަ އެކްސްޕޯ" ގެ ތެރެއިން މިއަދު ބޭއްވި ޕެނަލް ޑިސްކަޝަންގައި، ހުނަރުވެރި ދިވެހި ޒުވާނުންނަށް ވަޒީފާގެ މާހައުލުން ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަމާ ގުޅޭގޮތުން އަގުހުރި ވާހަކަތަކެއް ހިއްސާކޮށްފިއެވެ.

މި ޕެނަލް ޑިސްކަޝަންގައި ސަން ސިޔާމް ރިސޯޓްސްގެ ފަރާތުން ބައިވެރިވެލެއްވީ ސިޔާމް ވޯލްޑްގެ ރިސޯޓު މެނޭޖަރު އައުސަމް ވަސީމް (އައުސީ) އެވެ.

މަސައްކަތުގެ މާހައުލަށް ދިވެހި ޒުވާނުން ބިނާކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އައުސީ ވިދާޅުވީ، ވަޒީފާގެ ބާޒާރަށް ނުކުންނަ ޒުވާނުންގެ މެދުގައި ތަފާތުތަކެއް ހުންނަކަން ދެނެގަންނަންޖެހޭ ކަމަށެވެ. އެގޮތުން ބައެއް ޒުވާނުންނަކީ މަސައްކަތުގެ އަމަލީ ތަޖުރިބާ ނެތް ނަމަވެސް، އެ މަސައްކަތުގެ ތިއަރީ ނުވަތަ ދެލިގަނޑުގައިވާ އެއްޗެހި ރަނގަޅަށް އެނގޭ އަދި އެކަމަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ ކުދިން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. އަދި އަނެއްބައި ކުދިންނަކީ ކަމުގެ އިލްމުގެ އިތުރުން އަމަލީ ގޮތުން ވެސް މަސައްކަތަށް ފަރިތަ، ހުނަރުވެރި ކުދިން ކަމަށް އޭނާ ވިދާޅުވިއެވެ.

27 ނޮވެމްބަރު 2026: ވަރަ އެކްސްޕޯގެ ޕެނަލް ޑިސްކަޝަން ތެރެއިން --- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ

އައުސީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަސައްކަތުގެ މާހައުލަށް އާ ޒުވާނުން ބައްޓަންކުރާއިރު އެ ކުދިންގެ ކިބައިގައި ހުރި މިފަދަ ތަފާތު ހުނަރުތަކާއި ޤާބިލުކަން ވަކިން ދެނެގަނެގެން ތަމްރީނު ދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން، ޒުވާނުންގެ މިފަދަ ހުނަރުތައް ތަރައްޤީކޮށް، އެކުދިންގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެ ޚާއްސަ މަގުސަދުގައި "ސަން ސިޔާމް އެކެޑަމީ" އުފައްދައި، ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.

ޒުވާނުންނަށް ހުރި ފުރުސަތުތައް ދައްކުވައިދިނުމަށް ސެންޓްރަލް ޕާކުގައި ކުރިއަށްދާ ވަރަ އެކްސްޕޯއަށް ގިނަ އަދަދެއްގެ ޒުވާނުންނާއި އާންމުން ދަނީ ޒިޔާރަތްކުރަމުންނެވެ.

ސަން ސިޔާމް ރިސޯޓްސްގެ ފަރާތުން ވަރަ އެކްސްޕޯގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ، ދާއިރާއަށް ބޭނުންވާ ހުނަރު ހުރި ކުދިން ހޯދައި، އެ ކުދީން ތަމްރީނުކޮށް ވަޒީފާގެ މާހައުލަށް ނެރުމެވެ. އެގޮތުން ސަން ސިޔާމް ރިސޯޓްސްގެ ސްޓޯލްތަުކުން މި އެކްސްޕޯގައި، އަލަށް ތައާރަފްކުރި ސަން ސިޔާމް އެކެޑަމީގެ މައުލޫމާތާއި، ހުރި ވަޒީފާގެ ފުރުސަތުތަކާއި، އެ ނޫން ވެސް ޝައުގުވެރި މައުލޫމާތުތައް ފޯރުކޮށްދޭނެއެވެ.

https://sun.mv/231097

ޒުވާނުންނަށް ޚާއްސަކޮށް އަދި ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ގޮތަަށް ފަރުމާކޮށްފައިވާ މިފަހަރުގެ ވަރަ އެކްސްޕޯގައި 178 ފަރާތަކުން ބައިވެރިވެއެވެ.

މި އެކްސްޕޯގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި މިވަގުތު ހުރި ވަޒީފާތަކަކީ ކޮބައިކަން އަންގައިދިނުމާއި މަތީ ތައުލީމުގެ ދާއިރާގައި ހުރި ފުރުސަތުތަކަކީ ކޮބައިކަން އަންގައިދިނުމެވެ.

މި އެކްސްޕޯ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 16:30 ފެށިގެން ރޭގަނޑު 23:00 އަށެވެ.

comment ކޮމެންޓް