އިންޑިއާއިން އަންނަ މީހުން ވެކްސިން ޖެހިޔަސް ޕީސީއާރް ހުށަހަޅަން ޖެހޭނެ

މާޗް 1، 2021: ފަތުރުވެރިން ރާއްޖެއައިސް ވެލާނާ އެއާރ ޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތައް ވެސް ހިމެނޭ ގޮތުން، އިންޑިއާ އިން ރާއްޖެ އެތެރެވާ އެންމެން ޕީސީއާރް ނެގެޓިވް ނަތީޖާ ހުށަހަޅަންޖެހޭ ގޮތް ހަދައިފި އެވެ.

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާ ޓޫރިސްޓުންނަށް ޕީސީއާރް ނެގެޓިވް ރިޒަލްޓް ނެތި ރާއްޖެ އެތެރެވެވޭ ގޮތަށް، ވަނީ ލުއި ދީފަ އެވެ.

ނަމަވެސް އަވައްޓެރި އިންޑިއަގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރި، އެ ގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާތީ، އިންޑިއާއިން ރާއްޖެއަށް ދަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމައިފަ އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިއަދު ނެރުނު އެންގުމުގައި ބުނެފައި ވަނީ، މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އިންޑިއާ އިން ރާއްޖެއަށް ދަތުރުކުރެވޭނީ 96 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއަކާއެކު ކަމަށެވެ.

އޭގެ ތެރޭގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭގޮތަށް، އިންޑިއާއިން ރާއްޖެއަށް ދަތުރުކުރާ މީހުންނާއި އިންޑިއާގައި ދިރިއުޅެފައިވާ މީހުންނާއި، ޓްރާންސިޓްގައި 24 ގަޑިއިރަށްވުރެ ގިނައިރު އިންޑިއާގައި ހޭދަކޮށްފައިވާ މީހުން ހިމެނޭނެ އެވެ.

އިންޑިއާއިން ރާއްޖެއަށް އަންނަ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެ އައުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހެދުމާއި، 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ވާން ޖެހޭނެ ކަމަށް އުސޫލުގައިވެ އެވެ. އޭގެ ތެރޭގައި ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ވެސް ހިމެނެ އެވެ.

އުސޫލުގައި ބުނެފައި ވަނީ އެފަދަ ފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ، ކަރަންޓީނުގެ މުއްދަތު ހަމަވުމުން ޕީސީއާރު ޓެސްޓު ހެދުމަށްފަހު ނަތީޖާ ނެގެޓިވް ވުމުން ކަމަށެވެ. އޭގެތެރޭގައި އެއްއަހަރުން ދަށުގެ ކުޑަކުދީންނެއް ނުހިމެނެ އެވެ.

އިންޑިއާއިން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ޑިޕާޗާ ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ އެވެ.

އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީހޮޓާތަކަށް ޗެކްއިން ވުން ހުއްޓާލަން ވެސް ވަނީ އަންގައިފަ އެވެ. ނަމަވެސް މިހާރު އެފަދަ ތަންތަނުގައި ޗެކްއިން ވެފައި ތިބި އިންޑިއާއިން ދަތުރުކޮށްފައިވާ ފަތުރުވެރީންނަށް ބުކިންގ ހަދައިފައިވާ މުއްދަތަށް ތިބުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް އުސޫލުގައިވެ އެވެ.

comment ކޮމެންޓް