މި އަހަރުގެ މިހާތަނަށް ހަ ލައްކަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

ފަތުވެރިންތަކެއް ވީއައިއޭގައި --- ފޮޓޯ/ ދެކުނު މީޑިއާ

މި އަހަރުގެ މިހާތަނަށް ހަ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީން މިއަދު ހާމަކޮށްފައިވާ އަދާހައިމައިން ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ވަނީ 663,269 ފަތުރުވެރިން ރާއްޖެ އައިސްފައެވެ.

އޭގެތެރޭގައި ޖެނުއަރީ މަހު ޒިޔާރަތް ކުރި 192,385 ފަތުރުވެރިންނާއި ފެބްރުއަރީ މަހު އައި 217,392 ފަތުރުވެރިނާއި މިދިޔަ މަހު އައިސްފައިވާ 194,227 ފަތުރުވެރިންގެ އިތުރުން މި މަހުގެ މިހާތަނަށް ޒިޔާރަތްކުރި 59,265 ފަތުރުވެރިން ހިމެނެއެވެ.

މި މަހުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެދުވަހު އެކަނިވެސް 6،906 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ޖެހިގެން އައި ދުވަހު 6،802 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދުވާލެއްގެ މައްޗަށް މިހާރު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރަނީ 7.9 ދުވަހެވެ. އަދި ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް އަންނަނީ 6،567 ފަތުރުވެރިންނެވެ.

މީގެއިތުރުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ފަސް ގައުމުގެ ތެރޭގައި ޗައިނާ، ޔޫކޭ، ރަޝިއާ، އިޓަލީގެ އިތުރުން ޖަރުމަނު ހިމެނެއެވެ.

އަދާހައިން ދައްކާގޮތުން ޗައިނާ އިން 71،995 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު ޔޫކޭއިން ޒިޔާރަތްކުރީ 66،999 ފަތުރުވެރިންނެވެ.

ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާއިން އައިސްފައިވަނީ 66،803 ފަތުރުވެރިންނެވެ. އަދި އިޓަލީން 61،379 ފަތުރުވެރިންނާއި ޖަރުމަނުން 52،256 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ މި އަހަރު މުޅިން އަލަށް 20 ރިސޯޓު ހުޅުވައި، 2،857 އެނދު އުފެދިގެން ދިއުން ކަމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. އަދި، ނުހެދި ހުރި ރިސޯޓުތައް ނިންމަން ފަހިކޮށްދެއްވާނެ ކަމަށް ވެސް އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

މި ސަރުކާރުގެ އަމާޒަކީ މި އަހަރު މުޅިން އަލަށް ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ. އެ އަމާޒު ހާސިލުވާނެކަމުގެ އުންމީދު ބޮޑުކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް