ނެކްސްޓްޖެން ގާލްސް ވާޗުވަލް އިނޮވޭޝަން ޓުއާ ނިންމާލައިފި

އައިސީޓީ ދާއިރާގެ އަންހެން ކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ވިމެން އިން ޓެކް މޯލްޑިވްސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ގުޅިގެން "ނެކްސްޓްޖެން ގާލްސް" ގެ ނަމުގައި ކުރިޔަށް ގެންދިޔަ ވާޗުވަލް ޓުއާ ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

އެ ހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެހީތެރިކަމާއެކު އެޕްރީލް 20 އިން 22 ގެ ނިޔަލަށް ރާއްޖޭގެ ސާނަވީ އަދި މަތީ ސާނަވީ ކުދިންނަށް އަމާޒުކޮށްގެން ވާޗުއަލްކޮށެވެ.

އެ އިވެންޓްގައި ކުދިންނަށް މައުލޫމާތު ދިނުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތައް ހިމެނޭ ގޮތަށް 11 އިދާރާއެއް ބައިވެރިވިއެވެ. އެގޮތުން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، އުރީދޫ، އެމްއެމްއޭ، ލޮޓީފައިލްސް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ބޭންކް އޮފް މޯލްޑިވްސް، ޓްރޭޑްނެޓް، އެލައިޑް އިންޝުއަރެންސް، ލޫޕްކްރާފްޓް އަދި ދިރާގުން ވަނީ ބައިވެރިވެފަ އެވެ.

ޕްރޮގްރާމްގައި ކޮންމެ އިދާރާއަކުން ވަނީ ގްރޭޑް ހަތަކުން 12 އާއި ދެމެދުގެ އަންހެން ކުދިންނަށް އަމާޒުކޮށް ވާޗުުއަލް ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. ސެޝަންތަކުގައި ރާއްޖޭގެ 20 އަތޮޅަށް ނިސްބަތްވާ 40 ސްކޫލުން 1400 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ.

ޕްރޮގްރާމުގެ ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވި އިދާރާތަކުން އެއިދާރާތައް ހިންގުމުގައި ޓެކްނޮލޮޖީގެ ދައުރާއި ޓެކްނޮލޮޖީ ދާއިރާގެ އެކިއެކި ރޯލުތަކުގައި މީހުންގެ ކުރާ މަސައްކަތާއި ވަޒީފާގެ މައުލޫމާތު ދީފައި ވެއެވެ. އެގޮތުން މިދާއިރާއަށް ވަނުމަށް ބޭނުންވާ ކުދިން އެކަމަށް ތައްޔާރުވާނޭ ގޮތާއި ގުޅޭގޮތުން ގިނަ މައުލޫމާތު ދީފައި ވެއެވެ އެ އިދާރާތަކުގައި މަސައްކަތް ކުރާ އަންހެނުންގެ ތަޖުރިބާ ހިއްސާކޮށް ކުދިންގެ ސުވާލުތަކަށް ވަނީ ޖަވާބު ދީ އެ އިދާރާތަކުގައި ހުރި އެކިއެކި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ އެ ދާއިރާއަށް ގިނަ އަންހެން ކުދިން ވަނުމަށް ބާރު އަޅާފައި ވެއެވެ.

އައިސީޓީ ދާއިރާގައި ދިވެހިން އުފައްދާފައި ހުރި ތަފާތު އެކި އުފެއްދުންތައްވެސް މި ޕްރޮގްރާމުގެ ތެރެއިން ވަނީ ދައްކާލައިފަ އެވެ.

ވިމެން އިން ޓެކް މޯލްޑިވްސްއާއި ގުޅިގެން ރާއްޖޭގައި އީޖާދީ އަދި އުފެންދުންތެރި ޖީލެއް ބިނާ ކުރުމަށް ކުރާ އެފަދަ މުހިއްމު މަސައްކަތެއްގައި ބައިވެރިވުމަކީ އެމްއެމްއޭ އަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.އެމްއެމްއޭއަކީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް އަބަދުވެސް މަސައްކަތް ކުރާ އިދާރާއެއް ކަމަށާއި އަދި ރާއްޖޭގެ ނިސްބަތުންވެސް އެކި ފަންތިތަކުގައި އަންހެނުންނަށް ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދީފައި އޮތްތަނެއް ކަމަށްވުމާއެކު, މިފަދަ ހަރަކާތްތައް މުސްތަގުބަލުގައިވެސް ވިމެން އިން ޓެކް މޯލްޑިވްސް އާއި ގުޅިގެން ހިންގުމަށް އުއްމީދުކުރާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ވިމެން އިން ޓެކް މޯލްޑިވްސް އިން ބުނީ ނެކްސްޓްޖެން ގާލްސް ވާޗުއަލް ޓުއާ އިވެންޓަކީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި މަޢުލޫމާތުތަކެއް ޙިއްސާ ކުރެވިގެން ދިޔަ އިވެންޓެއް ކަމަށެވެ.

މިޕްރޮގްރާމްގައި ހިއްސާކޮށްފައި ވަނީ މުސްތަގުބަލުގައި މަސައްކަތުގެ މާހައުލަށް ނިކުންނަން ތައްޔާރުވަމުން އަންނަ ދަރިވަރުންނަށް ކެރިއާ އިޚްތިޔާރުކުރުމަށް ބޭނުންވާނޭ މައުލޫމާތެވެ. އެފަދަ ޕްރޮގްރާމްތަކުގެ ޒަރީއާއިން މިދާއިރާގައި ކުރިއަށްދެވެން ހުރި ފުރުސަތުތަކަށް ކުދިން އަހުލުވެރިކުރުވައި ކެރިއަރއެއް ގޮތުގައި އައި.ސީ.ޓީ ޚިޔާރުކުރާ އަންހެން ކުދިން މުސްތަގުބަލުގައި އިތުރުވެގެން ދިޔުމަކީ ވިމެން އިން ޓެކް މޯލްޑިވްސްގެ އުންމީދު ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ.

މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ މަޤްސަދަކީ އަންހެންކުދިންނަށް އަމާޒުކޮށް, އައި.ސީ.ޓީ ދާއިރާގައި ހުރި ފުރުސަތުތައް އަންގައިދިނުމާއި, މިދާއިރާގެ އެކި އެކި ވަޒީފާތަކުގައި ކުރާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ދިނުމުގެ އިތުރުން ވަޒީފާ ނުވަތަ މަތީ ތަޢުލީމުގެ ދާއިރާ ޚިޔާރުކުރުމުގައި އައިސީޓީ ދާއިރާ ޚިޔާރުކުރުމަށް ބާރުއެޅުމެވެ.

އައިސީޓީ ދާއިރާގެ އަންހެން ކުދިންގެ ދުވަހަކީ އިންޓަރނޭޝަނަލް ޓެލެކޮމް ޔޫނިއަން (އައިޓީޔޫ) އިން ކޮންމެ އަހަރަކު, ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވމިދުވަސް ފާހަގަ ކުރުމުގެ މަގްސަދަކީ އަންހެންކުދިންނާއި އަންހެނުންގެ މެދުގައި އައިސީޓީ ދާއިރާއަށް ޝައުގުވެރިކަން އުފައްދާ, އެރޮނގުން މަތީ ތަޢުލީމާއި ވަޒީފާ ޚިޔާރުކުރުމަށް އެންހެން ކުދިންނަށް ހިއްވަރުދިނުމެވެ. މިދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ ހަތަރު ވަނަ ބުރާސްފަތި ދުވަހުއެވެ. މިއަހަރު މިދުވަސް ފާހަގަކުރީ 22 އެޕްރީލް ގައެވެ.

comment ކޮމެންޓް