ރާއްޖެއަށް ވަންނަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން މަޖުބޫރުވާގޮތަށް އެކުލަވާލަވާލި ބޭރު ފައިސާއާ ބެހޭ ގާނޫނަށް ރިސޯޓުތަކުން ތަބާވާ ކަމަށާއި، މިހާތަނަށް 25 މިލިއަނަށް ވުރެ ގިނަ ޑޮލަރު ރިސޯޓުތަކުން މާރުކޮށްފައި ވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބޭރު ފައިސާއާ ބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައި ވަނީ ނިމިދިޔަ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުގައެވެ. މި ގަވާއިދުގެ ދަށުން ޓޫރިސްޓު ރިޒޯޓުތަކުން ފަތުރުވެރިއެއްގެ ބޮލަކަށް 500 އެމެރިކާ ޑޮލަރު ދިވެހި ބޭންކުތަކުގައި މާރުކުރަންޖެހެއެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން، ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ހިންގާ ގިނަ ރިސޯޓުތަކުން އެ ގަވާއިދަށް ތަބާވެ ޑޮލަރު މާރުކުރަމުން އަންނަ ކަމަށެވެ.
"މިހާތަނަށް ވެސް އެމްއެމްއޭގެ ގަވަރުނަރު އެންމެ ފަހުން މިދިޔަ ހޯމަ ދުވަހު އަޅުގަނޑަށް ދިން އަޕްޑޭޓުގައި ވެސް 25 މިލިއަނަށް ވުރެ ގިނަ ޑޮލަރު ވަނީ ބޭންކުތަކަށް މާރުކޮށްފައި. އެއީ އެއްމަހުގެ ތެރޭގައި" އެމަނިކުފާނު ވިދާޅުވިއެވެ.
މި ގަވާއިދުގެ ދަށުން ޑޮލަރު މާރުކުރަން ޖެހޭ އެއްވެސް ފަރާތެއް އިސްތިސްނާނުކުރާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރަނގަޅަށް މި ގަވާއިދު ތަންފީޒުވާން ފެށުމުން އިގުތިޞާދަށް ބޮޑެތި ފަސޭހަތަކެއް އަންނާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އޭގެއިތުރުން، ރާއްޖޭގެ އިގުތިޞާދު ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް ވައުދުފުޅުތަކާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި ދިވެހީންގެ އަޒުމަކަށް ވާންވީ ތަރައްގީގެ ކަންކަމުގައި އެކަތިގަނޑަކަށް ވުން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ ކުރިން އެމްއެމްއޭއިން ބުނީ، ޑޮލަރު މާރުކުރަން މަޖުބޫރު ކުރުވާ ގަވާއިދުގެ ދަށުން ރިސޯޓުތަކުން 30 މިލިއަނާ 40 މިލިއަނާ ދެމެދުގެ އަދަދެއް ބޭންކުތަކަށް މާރުކުރާނެކަމަށް ބެލެވޭކަމަށެވެ.
https://sun.mv/201513
ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ބުނެފައިވާގޮތުން ޓޫރިސްޓުންނަށް ޚިދުމަތް ދޭ ތަންތަން ވަނީ ގިންތިތަކަށް ބަހާލާފައެވެ. އެއީ "ކެޓެގަރީ-އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓް" އަދި "ކެޓެގަރީ-ބީ ޓޫރިޒަމް އެސްޓެބްލިޝްމަންޓް" އެވެ.
ކެޓެގަރީ-އޭގައި ހިމެނެނީ ރަޖިސްޓަރީކޮށްފައިވާ ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ޕްރައިވެޓް އައިލެންޑްތަކާއި އެނޫންވެސް ތަންތަނެވެ. މި ކެޓަގަރީން ހިދުމަތްދޭ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 އެމެރިކާ ޑޮލަރު ބޭންކުތަކުގައި މާރުކުރަންޖެހެއެވެ. ނުވަތަ މަހެއްގެ ތެރޭގައި އެ އެސްޓެބްލިޝްމަންޓަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަންޖެހެއެވެ.
ކެޓެގަރީ-ބީގައި ހިމެނެނީ ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓް ހޮޓާތަކުގެ އިތުރުން ޓޫރިސްޓް ގެސްޓްހައުސްތަކެވެ. މި ކެޓަގަރީން ހިދުމަތް ހޯދާ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 25 އެމެރިކާ ޑޮލަރު މާރުކުރަންޖެހެއެވެ. ނުވަތަ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަންޖެހެއެވެ.