އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އެއްވެސް ތުހުމަތެއް ކުރެވިފައިވާ މީހުންނަށާއި ގެއްލުވާލާފައިވާ އަދި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އާންމުކޮށްފައިވާ ލިސްޓުގައި ނަން ހިމެނޭ މީހުންނަށް އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ނިންމައިފި އެވެ.
ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އިންތިހާބާ ގުޅޭ ބައެއް ކަންކަން ނިންމުމަށް މިރޭ އެ ޕާޓީއިން ބޭއްވި ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ގިނަ ކަންތައްތަކެއް ވަނީ ހުށަހަޅާފަ އެވެ.
އެގޮތުން ހުށަހެޅި ފާސްވި ކަންކަމުގެ ތެރޭގައި ޕާޓީއަށް ވަތްތާ އެއް އަހަރުނުވާ މީހުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ހެދުންވެސް ހިމެނެ އެވެ. އޭގެ އިތުރުން އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުނު ލިސްޓުގައި ނަން ހިމެނޭ މީހުންނަށްވެސް އިންތިހާބުގައި ވާދަ ނުކުރެވޭނެ ގޮތަށް ވަނީ ފާސްކޮށްފަ އެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހުށަހެޅުއްވި ކަން ކަމުގެ ތެރޭގައި އެމްއެމްޕީއާރުސީ 3.4 ބިލިން ރުފިޔާގެ ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް ކުރިމަތި ނުލެވޭ ގޮތަށް ހެދުމާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނަށް ވާދަނުކުރެވޭ ގޮތް ހެދުން ހިމެނެ އެވެ.
އޭގެ އިތުރުން އޭނާ ވަނީ، މަރު ކޮމިޝަން ތަހުގީގު ކުރި މައްސަލަތަކުގައި ތުހުމަތުވާ މީހުންނާއި ރޭޕް ކޭސްތަކުގައި ދައުވާ ކުރަން ފޮނުވާފައިވާ މީހުންނަށްވެސް ވާދަ ނުކުރެވޭ ގޮތަށް ހެދުމަށް ހުށަހަޅާފަ އެވެ.
ބޮންޑޭ ހުށަހެޅުއްވ،ި ހުށަހެޅުންތައް ފާސްވީ 68 މެމްބަރުންގެ ވޯޓުންނެެެވެ.
އޭގެ އިތުން އިންތިހާބުގައި ވާދަކުރެވޭނީވެސް ޕާޓީގެ މެންބަރު ކަމުގައި އެއް އަހަރަށްވުރެ ދިގު މުއްދަތަށް ތިބި ފަރާތްތަކަށް ކަމަށްވެސް ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ނިންމި އެވެ،
އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބު އޮތީ އަންނަ މަހު 29 ގައެވެ.