ކައުންސިލް އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކޮށް ނިމިއްޖެ

ކައުންސިލް އިންތިހާބުގެ ވޯޓު ގުނުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކޮށްފި އެވެ.

އިލެެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރޭގެ މެންދަމު 3:30 ގެ ނިޔަލަށް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށް ނިމިފައިވާ ކަމަށެވެ.

ގާނޫނު ލާޒިމުކުރާގޮތުން ވޯޓުލައި ނިމޭތާ 14 ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާނުކުރަން ޖެހެއެވެ. އެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވެ އެވެ.

ވޯޓުފޮށިތަކުގެ ދާއިމީ ނަތީޖާ އިއުލާނު ކޮށް ނިންމި އިރު ބައެއް ފޮށިތަކުގެ ނަތީޖާ ޔަގީންކުރަން އަލުން ވަނީ ގުނައިފަ އެވެ.

ދާއިމީ ނަތީޖާ އިއުލާނު ކުރިޔަސް، ބައެއް ދާއިރާތަކުގައި ލިބުނު ވޯޓު އެއްވަރުވެފައިވާތީ އެ ދާއިރާތަކުގައި ވޯޓު އެއްވަރުވި ކެންޑިޑޭޓުންގެ މެދުގައި އަދި ބައި އިލެކްޝަން ބާއްވާނެ އެވެ.

މީގެ އިތުރުން ތ. ގާދިއްފުއްޓާއި ލ. މާވަށުގައި އަލުން ވޯޓުލުން ކުރިއަށްގެންދަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އެ ދެ ރަށުގައި އަލުން ވޯޓުލުން ކުރިއަށްގެންދަން ނިންމީ އެދެ ރަށަށް ނިސްބަތް ނުވާ މީހުން ރަށު ކައުންސިލަށް ވޯޓުލާފައިވާތީ ކަމަށް އީސީ އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް