ވަރަށް އަނިޔާވެރިގޮތަކަށް 2017 ވަނަ އަހަރު މަރާލި، ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ އަޑީގައި ތިބި ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް ބުނެ، މަރު ކޮމިޝަނުން "ފިނި ބަޔާނެއް" ނެރެފި އެވެ.
ޔާމީންގެ މަރާލިތާ މިއަދަށް ހަތަރު އަހަރުގެ ފުރޭ ދުވަހާ ގުޅުވައި، އެފަދަ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު އެކުލަވާލައްވައި ގާނޫނީ ބޮޑެތި ބާރުތަކެއް ދީފައިވާ ކޮމިޝަނުން މިއަދު ވަނީ ހަތް ފޮޅުވަތުގެ ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ޔާމީން ރަޝިދު ނެތުމުން އާއިލާއަށާއި ރައްޓެހިންނަށް ލިބިފައިވާ ފުން ހިތާމާގައި ބައިވެރިވާ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.
އެ މަރަށް ހަތަރު އަހަރުވީއިރު، އަދިވެސް އެ މައްސަލައިގައި ޝަރީއަތްތަށް ނުނިމި، ހުކުމަކާ ހަމައަށް އޮތީ ނާދެވި އެވެ. ކޮމިޝަނުން ބުނީ އެ ޝަރީއަތްތަކުގެ ކަންކަން ގާތުން ބަލަމުން އަންނަ ކަމަށެވެ.
"މައްސަލައިގެ ޝަރީއަތްތައް ހިނގަމުން ދިޔަކަމުގައި ވީނަމަވެސް، ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފަޔާއެކު ހިނގަމުންދާ ޝަރީއަތަކަށް އެއްވެސް ނުފޫޒެއް ނުފޯރާގޮތަށް، މި މަރުގެ އަޑީގައި ތިބީ ކޮންބައެއްކަން ބަލައި ހޯދުމުގެ މަސައްކަތް މި ކޮމިޝަނުން ކުރަމުންދާކަން މައުލޫމާތައްޓަަކައި ދެންނެވީމެވެ،" ކޮމިޝަނުން ނެރުނު ބަޔާނުގައި ބުންޏެވެ.
ޝަރީއަތަށް ނުފޫޒު ފޯރާ ގޮތަށް އެ މައްސަލައިގެ އަޑީގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނުން ބުނި ނަމަވެސް، އެކަމާ ގޫޅޭ ތަފްސީލެއް ހާމަކޮށްފައިނުވެ އެވެ. އަދި އެކަމުގައި ކުރިއެރުންތަކެއް ހުރި ތޯ ނޫންތޯވެވެސް ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.
ބަޔާނުގައި އިތުރަށް ބުނީ، ކޮމިޝަންގެ އެދުމަކީ އެ މައްސަލައާ ގުޅިގެން ހިނގަމުންދާ ޝަރީއަތް ވީއެންމެ އަވަހަކަށް ނިމި، ޔަމީންގެ އާއިލާއަށް އިންސާފު ލިބުން ކަމަށެވެ.
އަޑުއެހުމަށް ނުބާއްވާތާ ދުވަސްކޮޅެއްވެފައިވާ އެ މަރުގެ މައްސަލައިގައި ހަ މީހަކަށް ދައުވާ އުފުލާފައިވެ އެވެ. އެއީ، މ. އަންނާރުމާގެ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްއާއި ގދ. ގައްދޫ/ސިންދުބާދުގޭ މުހައްމަދު ދިފްރާން އަދި މ. ކޮޅުފުށީ/އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.
އެންމެ ފަހުން އެ މައްސަލައިގައި އަޑުއެހުމެއް ބާއްވާފައިވަނީ، މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެވެ. ޔާމީން ދިރިއުޅެމުން ދިޔަ މ. ސްޕެޓިއުލާގޭގެ ލިފްޓު ކައިރީގައި ޔާމީނަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ދައުލަތުން ވަނީ ދައްކައިފަ އެވެ.
އެ މައްސަލައިގައި އެކި ސަބަބުތަކާހުރެ އަދިވެސް ހުރިހާ ހެކިވެރިންގެ ހެކިބަސްވެސް ނުނެގެ އެވެ. ވަކީލުންގެ އަމަލުތަކާހުރެ ޝަރީއަތް ލަސްވަމުންދާކަން ކްރިމިނަލް ކޯޓުންވެސް މީގެ ކުރިން ވަނީ ފާހަގަށްކޮށްފަ އެވެ.
ޔާމީންގެ މަރުގެ އަޑިގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަރު ކޮމިޝަނުން މިއަދު ބުނި އިރު، މީގެ ކުރިން އެ ކޮމީޝަނާއި ފުލުހުން ބުނެފައިވަނީ، ޔާމީންގެ މަރާލީ ދީނީ ގޮތުން ހައްދުފަނައަޅާފައި ތިބި ބަޔަކާ އުފެދުނު ހިލާފުތަކެއްގެ ސަބަބުން ކަމަށެވެ. އޭނާ މަރާލީ 40 ހަކަށް ފަހަރު ގައިގެ އެކި ތަންތަނަށް ވަޅި ޖަހަ އެވެ.