މ. ސްޕެޓިއުލާގޭގެ ލިފްޓު ކައިރީގައި އަނިޔާވެރިގޮތަކަށް ބްލޮގަރު ޔާމީން ރަޝީދު މަރާލަން ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ދައުލަތުން ކްރިމިނަލް ކޯޓުގައި ދައްކައިފި އެވެ.
ޔާމީން މާރާލީ އޭޕްރިލް، 23، 2017 ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ ދިރިއުޅޭ އިމާރާތުގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އެވެ. އޭނާ މަރާލީ ދީނީ ގޮތުން ހައްދުފަނައަޅާފައި ތިބި ބަޔަކާ އުފެދުނު ހިލާފުތަކެއްގެ ސަބަބުން ކަމަށް މީގެ ކުރިން ފުލުހުންނާއި މަރުކޮމިޝަނުންވެސް ބުނެފައިވެ އެވެ.
ޔާމީން މަރާލި މައްސަލައިގައި ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށް އުފުލާފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފައި އެވެ.
އެ އަޑުއެހުމަކީ ހެކިބަހާ ބެހޭގޮތުން ވާހަކަ ދެއްކުމަށާއި ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ ފުޓޭޖު ދެއްކުމަށް ބޭއްވި އަޑުއެހުމެކެވެ.
މިހާރު އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ ގާޒީ އާދަމް މުހައްމަދެވެ. މީގެ ކުރިން އެ މައްސަލައަކީ މިހާރު ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާފައިވާ ގާޒީ އަލީ ރަޝީދު ހުސެއިން ބެއްލެވި މައްސަލައެކެވެ. އޭގެ ކުރިން އެހެން ގާޒީއަކުވެސް އެ މައްސަލަ ބެއްލެވި އެވެ.
ފުރަތަމަ ފަހަރަށް ހަމާލާގެ ވީޑިއޯ ދައްކާލި
މިއަދު ދައުލަތުން ދައްކަން ބޭނުންވި ވީޑިއޯއަކީ ޝަރީއަތުގެ މަރުހަލާގައި ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަނާޅާ އެއްޗެއް ކަމަށް ވަކީލު މައުމޫން ހަމީދު މިއަދުގެ އަޑުއެހުމުގައި ވިދާޅުވި އެވެ. އޭގެ އިތުރުން ހުސައިން ޒިޔާދުގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ، އެއީ ހުށަނާޅާ ހެއްކެއް ކަމަށް ދައުލަތުން މީގެ ކުރިން އަޑުއެހުމެއްގައި ބުނެފައިވާ ކަމަށެވެ.
އެ ދެ ބޭފުޅުންގެ އިތުރުން، ދިފްރާންގެ ވަކީލު އިސްމާއިލް ވިޝާމް އާއި ހައިޝަމް އަދި ޝިފާޒްގެ ވަކީލު މުހައްމަދު ޔާމީން ވަނީ ދައުލަތުން ހުރިހާ ހެކިތަކެއް ހުށަހަޅައި ނިމި، ދިފާއުން ހެކިތައް ހުށަހަޅާ ނިމުނު ފަހުން، އަނެއްކާ ދައުލަތުން ހުށަހަޅާ ހެއްކަކަށް ފުރުސަތު ދިނުމަކީ ޝަރީއަތް ހިންގާ އިޖުރާއަތާ ހިލާފު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ދައުލަތުގެ ވީޑިއޯ ދެއްކުމަށް ފުރުސަތު ދިނުމަށް އިއުތިރާޒު ކުރި އެވެ.
ނަމަވެސް، ދައުލަތުން ބުނެފައި ވަނީ، މީގެ ކުރިން އެ ހެކި ފަހުން ހުށަހެޅޭނެ ގޮތަށް ކުރިން މައްސަލަ ބެއްލެވި ގާޒީ ނިންމެވުމެއް ނިންމަވާފައިވާ ކަމަށެވެ. އެކަން ކަށަވަރު ކުރުމަށް ޝަރީއަތް މެދުކަނޑާލެއްވުމަށްފަހު ވަޑައިގެން ގާޒީ އާދަމް މުހައްމަދު ވަނީ އެފަދަ ނިންމުމެއް ނިންމާފައިވާކަން ކަށަވަރު ކޮށްދެއްވާފަ އެވެ.
އެއާއެކު، ޔާމީނަށް ހަމަލާދިން މަންޒަރު ފެންނަ ވީޑިއޯ ސީޑީގައި ހުރި ފުޓޭޖު ދައްކަން ދައުލަތަށް ހުއްދަ ދިނެވެ. އެ ވީޑިއޯ ދެއްކުމުގެ ކުރިން ޝަރީއަތުގެ މަޖިލީހުގައި އަޑުއަހަން އިންނެވި ޔާމީންގެ އާއިލާގެ މީހަކަށް ބޭރަށް ނުކުތުމަށް ފުރުސަތު ދިނެވެ.
ދައުލަތުގެ ފުރަތަމަ ވީޑިއޯއިން ފެނުނީ، ލިފްޓެއްގެ ތެރޭގައި ހުރި ކެމެރާއަކަށް އަރާފައި ހުރި މަންޒަރެކެވެ. ދިހަ ވަރަަކަށް ސިކުންތުގެ އެ ވީޑިއޯއިން ފެންނަނީ ލިފްޓުގެ ދޮރު ހުޅުވޭ އިރު، މަތިން ނޫކުލައިގެ އެއްޗެއް އަދި ތިރިން ކެމޮފްލާޖު ފަޓުލޫނެއް ފަދަ އެއްޗެއް ލައިގެން ކުރި މީހަކާއި، ގޮޅި ޖެހި އަތް ދިގު ގަމީހެއް ލައިގެން ހުރި އިތުރު މީހަކު ވެގެން ލިފްޓުގެ ދޮރު ކައިރީގައި ޔާމީނާ އޮޅުލާ ތަނެވެ.
އޭގެން އެކަކު ގައިގައި ފައިން ޖަހަން ޔާމީން މަސައްކަތް ކުރި ނަމަވެސް، އެ ދެ މީހުން ވެގެން ޔާމީން ބިންމައްޗަށް ވައްޓާލީ އެވެ. އެ މީހުން ޔާމީން ގަޔަށް ވަޅި ހަރާ ތަނެއް ސީދާ ނުފެނެ އެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިނގި އެކަން ކެމެރާއަށް ފޮރުވުނީ ލިފްޓުގެ ދޮރު ލެއްޕުމުންނެވެ.
ދައުލަތުން ތުހުމަތު ކުރާ ގޮތުގައި ޔާމީނަށް ހަމަލާދިން އެ ދެ މީހުންނަކީ ޒިހާން އާއި ހައިޝަމް އެވެ. ދެން ތިބި އެންމެންވެސް ތިބީ ގޭގެ ބޭރުގައި ކަމަށް ދައުލަތުން ބުނެ އެވެ.
ދެން ދައުލަތުން ދެއްކި ވީޑިއޯއިން ފެންނަނީ ކުރީގެ ވީޑިއޯއިން ފެންނަ ދެ މީހުން ގޮސް ޕެޓިއުލާގޭގެ ސިޑި ކައިރީގައި ބަހައްޓާފައި ހުރި ކެމެރާއެއް އެހެން ކޮޅަކަށް އަނބުރާލި ތަނެވެ. އެ ކެމެރާ އަނބުރާލީ ހައިޝަމް ކަމަށް ދައުލަތުން ބުނެ އެވެ. އޭނާގެ ފިންގަޕްރިންޓު އެ ކެމެރާއިން ފެނިފައިވާ ކަމަށް ދައުލަތުން ބުނެ އެވެ. އަދި އޭގެ ތެރެއިން އެކަކު ފޯނުން ވާހަކަ ދައްކަމުން ދިޔަކަން ފާހަގަކޮށް ދައުލަތުގެ ވަކީލު ވިދާޅުވީ، އެކަމުންވެސް އެއީ ރޭވިގެން ހިންގި ކަމެއްކަން އެނގޭ ކަމަށެވެ.
އެ ދެ ވީޑިއޯގެ އިތުރުން، ސްޕެޓިއުލާ ގޭގެ ތެރޭގައި އެ މީހުން ބޮކި ނިއްވާލިކަން ދައްކަންވެސް ދައުލަތުން ވީޑިއޯއެއް ދެއްކި އެވެ.
އިސްމާއިލް ރަޝީދުގެ ސިއްހީ މައްސަލަތަކެއް، ދިފާއުން ތަހުގީގާ މެދު ސުވާލުތަކެއް އުފެއްދި
ދައުވާ ލިބޭ އިސްމާއިލް ރަޝީދުގެ ފަރާތުން ވަކީލު މައުމޫން ހަމީދު މީގެ ކުރިންވެސް ވަނީ ޖަލުގައި އޭނާއަށް ޓޯޗާ ކޮށްފައިވާ ކަމަށް ބުނެފަ އެވެ. އަދި ގޮޅިއަށް ކުރި ރެއިޑެއްގައ އޭނާގެ އަތުގައި ހުރި ބައެއް ލިޔެކިޔުންތަކެއް ނަގައި އަދިވެސް އެ ލިޔުންތައް ދީފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން މިއަދު އޭނާ ވިދާޅުވެފައި ވަނީ އިސްމާއިލް ރަޝީދުގެ ލޮލުގެ ދެ އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށެވެ. އިސްމާއިލް ރަޝީދު އަޑުއެހުމުގައި ބުނީ، އޮޕަރޭޝަން ކުރާ ހިސާބަށް ލޯ ދިޔައީވެސް، ލޮލުގެ އިންފެކްޝަނެއް އުފެދިގެން ފަރުވާ ނުދެވި ގިނަ ދުވަސްވުމުން ކަމަށެވެ. އަދި އޮޕަރޭޝަން ކުރުމަށްފަހުވެސް އެކަށީގެންވާ ވަރަށް ޖަލުގައި ފަރުވާ ނުދޭ ކަމަށް ބުންޏެވެ. އޭގެ އިތުރުން، އޭނާއަށް ޖަލުގައި އަނިޔާ ކުރުމުގެ ސަބަބުން ކަންފަތުގެ އިވުމަށް އަސަރުކޮށްފައިވާ ކަމަށާއި އެކަމުގެ މެޑިކަލް ލިޔުންތައްވެސް އެބަހުރި ކަމަށް ބުންޏެވެ.
ރާއްޖޭގައި އަައިއެސް ޖަމާއަތުގެ ހަރަކާތްތައް ހިންގުމުގައި އިސްވެ ހުރި ލީޑަރު ކަމަށް ބުނާ މުހައްމަދު އަމީން ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުން ނިންމީވެސް އޭނާއަށް އެކަށީގެންވާ ވަރަށް ބޭސްފަރުވާ ނުދޭތީ އަދި އޭނާއަށް ބޭރަށް ނުކުމެ ކަސްރަތު ކުރުމުގެ ހައްގު އެކަށީގެންވާ ވަރަށް ނުދޭތީ ކަމަށް ބުނެކަން ވަކީލު މައުމޫން މިއަދު ފާހަގަކުރެއްވި އެވެ. ބޭސްފަރުވާ ކުރުމަށް ކޯޓުން ކޮށްފައި ހުރި އަމުރުތަކަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ތަބާ ނުވާކަމަށް އޭނާ ވިދާޅުވި އެވެ. އާންމު ފަރުދަކު ކޯޓުގެ އަމުރަކަށް ތަބާ ނުވެއްޖެ ނަމަ އަދަބު ލިބޭނެކަންވެސް ފާހަގަކުރެއްވި އެވެ. އޭނާ އެދިވަޑައިގަތީ އިސްމާއިލް ބަންދުން ދޫކޮށްލާށެވެ.
ދެން ތިއްބެވި ވަކީލުންވެސް އެ ބޭފުޅުންގެ މުވައްކިލުންނަށް ޖަލުގައި ދިން ކަމަށް ބުނާ އަނިޔާތަކުގެ ވާހަކަ ދެއްކެވި އެވެ. އަދި ތަހުގީގު މަރުހަލާގައި ފުލުހުން ގާނޫނާ ހިލާފު ކަންތައްތަކެއް ކޮށްފައިވާ ކަމަށް ބުނެ ތަހުގީގާ މެދު އެ ބޭފުޅުން ސުވާލު އުފެއްދި އެވެ.
ޔާމީނަށް ހަމަލާ ދިން ކަމަށް ބުނާ ޒިހާން ފުލުހުންގެ ބަންދުގައި ހުރި އިރު ލޯންޗެއްގައި ކަނޑުމައްޗަށް ގެންގޮސް އަނިޔާކޮށް، އިއުތިރާފު ކުރުވަން މަސައްކަތް ކުރި ކަމަށް އޭނާ މިއަދު ކޯޓުގައި ބުނެފައިވެ އެވެ. އެގޮތުން، ފުލުހުން އޭނާއާ މެދު ޓޯޗާގެ އަމަލެއް ކަމަށްވާ "ވޯޓާބޯޑް" ކުރި ކަމަށް ބުނެފައިވެ އެވެ. އަދި ހައިޝަމްއަށް ވޭނެއްގެ ތެރޭގައި ދެ ގަޑިއިރުވަންދެން އަނިޔާ ކުރި ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން، ތަހުގީގު މަރުހަލާގައި ދައުވާ ލިބޭ ބައެއް މީހުން ދުރު ރަށްރަށުގައި ބަންދުކޮށްފައި ތިބުމުން އެކަމުގެ ޝަކުވާ މިއަދުވެސް ވަކީލުން އުފުއްލެވި އެވެ. ދައުލަތުން މިއަދު ބުނީ އެގޮތަށް އެ މީހުން ބަންދު ކުރީ ތަހުގީގު ކުރުމުގެ ސްޓްރެޓަޖީއެއްގެ ގޮތުން ކަމަށެވެ. ނަމަވެސް، އެކަމުގެ ސަބަބުން ވަކީލުންނާއި އާއިލާއާ ބައްދަލުވާން އުނދަގޫވެ އެ މީހުންނަށް ދިފާއުވުމުގެ ހައްގުން މަހުރޫމުވި ކަމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ.
ދައުވާ ލިބޭ ބައެއް މީހުން ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ކޮޓަރިއެއްގައި ދެތިން ދުވަސްވަންދެން ބަންދުކޮށްފައި ތިބި ކަމަށްވެސް ވަކީލުން ވިދާޅުވި އެވެ. އެއީ ގާނޫނީ ގޮތުން ބަންދު ކުރެވޭނެ ތަންތަނެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
އަދި ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަލީ ޝާހުގެ މައްސަލައެއް ފުލުހުން ބަލައި، އޭނާ ހައްޔަރު ކުރީ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް ދިފާއީ ވަކީލު މުހައްމަދު ޔާމީން ވިދާޅުވެފައިވެ އެވެ. އަދި ޔާމީން ރަޝީދުގެ އާއިލާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ހުސްނުއްސުއޫދުވެސް ފުލުހަށް ހާޒިރުކޮށް ސުވާލު ކުރުމަކީވެސް ފުލުހުން ނުފޫޒު ފޯރުވުން ކަމަށް ވިދާޅުވި އެވެ.
މިއަދު ގާޒީ އާދަމް މުހައްމަދު ނިންނެމީ، އިސްމާއިލް ފާހަގަ ކުރި ބޭސްފަރުވާގެ ކަންކަމާއި އަނިޔާގެ ވާހަކަަތަކާ ބެހޭގޮތުން ކަރެކްޝަނަލް ސާވިސް ކޯޓަށް ހާޒިރު ކުރަން މި މަހުގެ 17ގައި އަޑުއެހުމެއް ބާއްވާށެވެ. ދައުވާ ލިބޭ މީހުން ހުއްދަ ނޫން ތަންތަނުގައި ބަންދު ކުރި ކަމަށް ބުނާ މައްސަަލާއި އަނިޔާ ކުރި މައްސަލައާ ގުޅިގެން ފުލުހުންވެސް އެ އަޑުއެހުމެއް ހާޒިރު ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ދެން އެ ހަ މީހުންގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއްގައި އޮންނާނީ ހެކިބަހާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ.