އެއީ ދެހާހުގެ ކުރީކޮޅު އަދި މެދުތެރޭގެ އަހަރުތަކެވެ. ކޮންމެ ރެއަކުވެސް ވަކި ގަޑިއަކަށް ސިޓިން ރޫމަށް ގޭގެ އެންމެން، އަވައްޓެރިންނާއި ރައްޓެހިންނާ އެކު ޖަމާވަނީ އޭރު ޓީވީއެމް އިން ދެއްކި ދިވެހި ޑްރާމާ ސިލްސިލާތައް ބެލުމަށެވެ. އަންހެނުންނާއި ފިރިހެނުންގެ މެދުގައި ވެސް އޭރުގެ މި ޑްރާމާތައް މަގުބޫލެވެ.
"ވައިރޯޅިއަށް ވެސް ސިއްރުން"، "ހިނިތުންވެލާށޭ ކަލާ"، "ތިޔޭ މިހިތުގެ ވިންދަކީ" ފަދަ ޑްރާމާތަކަކީ ދިވެހި ސިޓިންރޫމްތައް ހައުސް ފުލްކޮށްލި ޑްރާމާތަކެކެވެ. މި ލިސްޓަށް ކައްތިރި ފަދަ ދިވެހިންގެ އޯލް ޓައިމް ފޭވަރިޓްސް ވެސް އިތުރު ކުރެވިދާނެ އެވެ.

ތިޔޭ މިހިތުގެ ވިންދަކީ
މިހާރު ވެސް ދިވެހި ސިނަމާގެ އެންމެ ފޭވަރިޓް ކަޕްލް "ޝީލާ މަނިކު" އަހަރެމެންނަށް އެނގުނީ ތިޔޭ މިހިތުގެ ވިންދަކީ ޑްރާމާ އިންނެވެ. ފައްތާހުގެ މި ޑްރާމާގެ 60 އަށް ވުރެ ގިނަ އެޕިސޯޑު ދެއްކި އެވެ.
ތިޔޭ މިހިތުގެ ވިންދަކީ ގައި ހިމަނާފައިވާ "ނިންދެވީ ތި މޭމަތީ" ލަވަ އަކީ އޭރު ވެސް މިހާރު ވެސް މަގުބޫލު ލަވައެކެވެ. ޝީލާ އާއި މަނިކުގެ އިތުރުން އައިމިނަތު ރަޝީދާ (އައިންތު) ޒީނަތު، މަރުހޫމާ ހާޖަރާ، ސައީދު، ޗިޅިޔާ މޫސާ މަނިކު، ޖަންބު އަފީފު ފަދަ ތަރިން އެ ޑްރާމާ އިން ފެނިގެންދިޔަ އެވެ.
މިއީ ޑްރާމާ، ލޯބި ނަފްރަތު ފެނިގެންދިޔަ، ދިވެހި ޓީވީގެ އެންމެ ކާމިޔާބު އެއް ޑްރާމާ އެވެ.

ވައިރޯޅިއަށްވެސް ސިއްރުން
މި ޑްރާމާގެ 50 އަށް ވުރެ ގިނަ އެޕިސޯޑު އެއާކުރި އެވެ. އަދި 2005-2006ގައި ދެއްކި މ ޑްރާމާ ބަލަން ހަފްތާ ބަންދުގައި ޓީވީ ދޮށަށް އެއްވާނެއެވެ. އާރިފާ ޑައިރެކްތު ކުރި މި ޑްރާމާގެ ވާހަކަ ލިޔެވައި ވަނީ ޝަރީފާ ފަހުރީ އެވެ. ބޮޑު ކާސްޓެއް ހިމެނޭ ވައިރޯޅިއއަށް ވެސް ސިއްރުންގެ މައިގަނޑު ރޯލުތަކުން ފެނިގެން ގޮސްފައިވަނީ ނިއުމާ، އާސިމް އަދި ފުލްޝާން ޝަކީބް (ލޫއްޕެ) އެވެ.
ދީޖާ އިބްރާހީމް ދީދީ (ކުޑަ ހައްޖަ)، އާމިނަތު ރަޝީދާ (އައިންތު)، އަހްމަދު އަޒްމީލް (އަޒޭ)، އަލީ ޝަމީލް އަދި މަރިޔަމް ޝަކީލާ ފަދަ ތަރިން ވެސް މި ޑްރާމާ އިން ފެނިގެން ދެ އެވެ.
މި ޑްރާމާ އިން ފެންނަނީ އާސިމް (ނަދީމް) އަށް އޭނާގެ ބެސްޓް ފްރެންޑު ނިއުމާ (ޝާނީ) ދެކެ ލޯބި ވެވޭއިރު، ޝާނީ އާއިލޫއްޕެ (ޝާހު) އާއި ދެމެދު ލޯބީގެ ގުޅުމެއް އުފެދި ދެން ދިމާވާ ކަންތައްތަކެވެ. ޝާހު އަކީ ނަދީމްގެ ދެބެއިންގެ ދެދަރި ކުއްޖެކެވެ. އެންމެ ފަހުން ނިމޭއިރު ޝާނީގެ ބައްޕަގެ ވަސިއްޔަތާ އެއްގޮތަށް އޭނާ ނަދީމް އާއި ކައިވެނި ވެސް ކުރެ އެވެ.
މި ޑްރާމާ އަށް ވަނީ މިއަދު ކްރިސްޓަލް އެވޯޑްސްގެ ބެސްޓް ޑްރާމާ އެވޯޑު 2007 ވަނަ އަހަރު ލިބިފަ އެވެ.
ހިނިތުންވެލާށޭ ކަލާ
މިވެސް ފައްތާހުގެ ޑައިރެކްޝަނެކެވެ. ދިވެހި ސިނަމާ އިން ވިދާލި ގިނަ ތަރިންތަކެއް މި ޑްރާމާ އިން ފެނިގެން ދިޔައެވެ. އޭގެ ތެރޭގައި މަރިޔަމް އަފީފާ (އަފީ)، ހަދީޖާ އިބްރާހިމް (ކުޑަ ހައްޖަ)، އިބްރާހީމް ޖިހާދު (ޖިމީ)، މުހައްމަދު މަނިކު، ނީނާ ސަލީމް ފަދަ ތަރިން ފާހަގަ ކޮށްލެވެ އެވެ.
މި ޑްރާމާ އިން ފައުޒިއްޔާ، މަރުހޫމް ކޮއްޔަ ހަސަންމަނިކު އަދި އަހުުމަދު ނިމާލް ވެސް ފެނިގެން ދިޔަ އެވެ.
ހިނިތުންވެލާށޭ ކަލާގެ ތީމް ލަވަ އާއި އެ ޑްރާމާގައި އަފީފާ ލައި އުޅުނު ޕަލާޒޯ ސްޓައިލްގެ ފުޅާ ހަރުވާޅަކީ އޭރު ގިނަ ބަޔެއްގެ ފޭވަރިޓެވެ. ދޯޕައްޓާ އާއި އަރިފެޅި ހެދުމާއި ފުޅާ ހަރުވާޅު އޭރު ދިވެހިންގެ މެދުގައި މަގުބޫލުވި އެއް ސަބަބަކީ ވެސް މި ޑްރާމާ ކަމަށް ވެދާނެ އެވެ.
މި ޑްރާމާ 2006 އިން 2008 ވަނަ އަހަރާ ހަމައަށް ޓީވީއެމް އިން ދެއްކި އެވެ.
މި ޑްރާމާތައް ދެއްކި ދުވަސްވަރަކީ ދިވެހި ޓީވީ ޑްރާމާތަކުގެ ފޯރި ގަދަވި ދުވަސްވަރެކެވެ. ، "ވަގުތު ފާއިތު ނުވަނީސް" "ސޫރަ"، ދޯޕައްޓާ" ފަދަ ޑްރާމާތަކުގެ ވާހަކަ އަދި ވެސް ދައްކަނީ އަދިވެސް އެ ޑްރާމާތަކުގެ މަތިން ހަނދާންވާތީ ތާ އެވެ.
ދިވެހި ޑްރާމާ ތަކުގެ ތެރެއިން އެންމެ މަގުބޫލު ޑްރާމާތައް ރޭންކު ކުރާނަމަ ކުރާނީ ކިހިނެއް ހެއްޔެވެ؟ އޭރު ދެއްކި ކަހަލަ މޮޅު އުފެއްދުންތައް މިހާރު ވެސް ޓީވީ އިން ދައްކާ ނަމަ ހަމަ އެގޮތަށް އެންމެން އެއްވެ ޑްރާމާ ބަލަން ތިބޭނެ ހެއްޔެވެ؟