ސަސްޕެންޑުކޮށްފައިވާ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމްގެ ސަސްޕެންޝަނާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުގެ "ޒިރޯ ޓޮލަރެންސް" ޕޯޓަލްއަށް ޝަޒައިލްއާ ދެކޮޅަށް ހުށަހެޅި ރިޝްވަތާއި ކޮރަޕްޝަންގެ ޝަކުވާތަކަކާ ހެދި 2019 ވަނަ އަހަރު އޮކްޓޯބަރު ވަނަ ދުވަހުން ފެށިގެން އަދި ވެސް އޭނާ ހުންނެވީ ސަސްޕެންޑުކޮށްފަ އެވެ. ނަމަވެސް، އޭނާގެ މައްސަލަ ބަލައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިންނާއި ފުލުހުން ބުނެފައި ވަނީ އޭނާއާ ދެކޮޅަށް ހެކި ލިބިފައި ނުވާ ކަމަށެވެ.
ޝަޒައިލްއަށް އެއްވެސް ދައުވާއެއް ކުރެވޭނެ ވަރަށް ހެއްކެއް ލިބިފައި ނުވާއިރު، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް "ސަން"އަށް ވިދާޅުވީ، މިހާރު އޭނާގެ ސަސްޕެންޝަނާ މެދު ގޮތެއް ނިންމުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
މަބްރޫކު ވިދާޅުވީ، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އޭނާގެ ސަސްޕެންޝަނާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.
ޝަޒައިލްއާ ދެކޮޅަށް ހުށަހެޅި ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލައާ ގުޅިގެން އޭސީސީ އިން ނިންމާފައި ވަނީ، އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައި ނުވާ ކަމަށެވެ.
ރިޝްވަތުގެ ތުހުމަތު ކުރެވުނު މައްސަލަ އޭސީސީން ތަހުގީގު ކުރުމުގެ ތެރެއިން އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވި، މިދިޔަ ޑިސެމްބަރު މަހު އެ މައްސަލަ އޭސީސީގެ ފަރާތުން ފުލުހަށް ހުށަހެޅި އެވެ. އެއީ އެފަދަ މައްސަލަތައް ބަލަނީ ފުލުހުން ކަމުންނެވެ. އެ މައްސަލައިގައި މިހާތަނަށް އެއްވެސް ހެއްކެއް ހޯދިފައި ނުވާ ކަމަށް ބުނެ ފުލުހުން އެ މައްސަލަ ފައިލް ކުރީ އެވެ.
ޝަޒައިލް މީގެ ކުރިން ރައީސް ޔާމީންގެ ސަރުކާރުގައި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ ޗެއާމަން ކަމާއި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވާފައިވެ އެވެ. އެ ސަރުކާރުގައި، ޓުރައަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުވެސް އޭނާ އަދާކުރެއްވި އެވެ.