މިއުޒިކް އަޑުއަހާލާނެ މަރުކަޒެއް މާލޭގައި ހުރުން މުހިންމު: ޔުމްނާ

މިނިސްޓަރު ޔުމްނާ މައުމޫނު މަޖިލީހުގެ ކޮމިޓީއެއްގައި -- ސަންފޮޓޯ

ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، ހާސްކަމެއް ނެތި މަޖާކޮށްލައި، އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް މާލޭގައި ގާއިމް ކުރުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވިދާޅުވެއްޖެ އެވެ.

މާލޭގައި އެފަދަ މަރުކަޒެއް އެޅުމަސް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެވެ.

އެ ގަރާރު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއިން ދިރާސާ ކުރިއިރު ކަމާ ގުޅުން ހުރި ބައެއް ސަރުކާރުގެ ބޭފުޅުންނާއި ވަނީ ބައްދަލުކޮށްފަ އެވެ. އެ ކޮމިޓީގައި މިނިސްޓަރު ޔުމްނާ ވިދާޅުވީ ފަންނީ އުފެއްދުންތައް ދައްކާލެވޭނެ ފަދަ އަދި ފަންނުވެރިން އެއްތަނަކަށް އެއްވެ ބައްދަލުކޮށްލެވޭނެ މަރުކަޒެއް ވަރަށް މުހިންމު ކަމަށެވެ.

"ފަންނީ އުފެއްދުންތައް ދައްކާލެވޭނެ ފަދަ އަދި ފަންނުވެރިން އެއްތަނަކަށް އެއްވެ ބައްދަލުކޮށްލެވޭނެ މަރުކަޒެއް ވަރަށް މުހިންމު،" ޔުމްނާ ކޮމިޓީގައި ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެފަދަ މަރުކަޒުތައް އާބާތުރަ ފިލުވައި ބޭނުން ކުރުމަށް ހެރިޓޭޖް މިނިސްޓްރީއިން މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ހަސަން ލަތީފު ހުށަހެޅުއްވި ގަރާރު އިޖުތިމާއީ ކޮމިޓީއިން ވަނީ ފާސްކޮށްފަ އެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންކަންވެސް ކުރައްވަމުން ގެންދަވާ ހަސަން ލަތީފުގެ ގާރާރުގައި ބުނީ، މާލެއަށް ދިމާވެފައިވާ މައްސަލަތަކަކީ އެ މައްސަލަތަކުން އަރައިގަތުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ މައްސަލަތަކެއް ކަމަށެވެ. އެގޮތުން މާލޭގެ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ ދަތިކަމާއި މަގުތަކުގެ ކާރޫބާރޫ ބޮޑުކަމާއި ވަޒީފާގެ ފުރުސަތުތައް ނެތްކަން އޭނާ ފާހަގަ ކުރެއް ވިއެވެ. ސަރުކާރުން އެކަންކަމަށް ހައްލު ހޯދަމުންދާއިރުވެސް، ހާސްކަމުގެ ތެރޭގައި މާލޭގައި އުޅެން ޖެހިފައިވާ ޒުވާނުންނަށް އެ ހާސްކަމުން މިންޖުކުރެވޭނެ މަރުކަޒެއް ބޭނުންވެފައިވާކަން ގަރާރުގައި ބުނެފައިވެ އެވެ.

"ޒުވާނުންނާއި ރައްޓެހިންނާއި އެކުވެރިންނާއެކު ހީނ، ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއް މިޔުޒިކް އަޑުއަހާލައި، ވަގުތު ހޭދަކޮށްލެވޭނެ މަރުކަޒަކަށް މިވަނީ އިންތިހަށް ބޭނުންވެފަ އެވެ. ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހާލަން ޒުވާނުން އެއްވެ އުޅެވޭނެ ތަނެއްގެ މުހިންމުކަން [މިވަނީ] އިތުރުވެފައި،" އެމްޑިޕީގެ ފުރަތަމަ ސަރުކާރުގެ ޒުވާނުންނާއި ކުޅިވަރާ ބޭހޭ ވަޒީރު ހަސަން ލަތީފުގެ ގަރާރުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް