ނަޝީދުގެ ބަރުލަމާނީ އެދުމާ ރައީސް ދެކޮޅު، ވިދާޅުވީ ރައްޔިތުންގެ ވޯޓަކަށް ދާން

ރައީސް ސޯލިހް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތް ނަމަވެސް ވެރިކަން ހިންގުމުގެ ނިޒާމް ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ އިއްޔެ ރައީސް ސޯލިހަށް، ރައްޔިތުންގެ މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މެސެޖް ކުރައްވާފަ އެވެ.

ރައީސް ސޯލިހާ ހަވާލާދެއްވާ ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒް މިއަދު މީޑިއާތަކަށް ފޮނުއްވި މެސެއްގައި ވިދާޅުވީ، ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރައީސް ނަޝީދު ކުރެއްވި މެސެޖެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމުގައި ރައީސްގެ ވިސްނުފުޅު ހުރި ގޮތް މަބުރޫކުގެ މެސެޖުގައި ވިދާޅުވެ ދެއްވި އެވެ.

"މިހާރު މި އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލު ކުރަމުންދާ ގޮތެއް ކަމަށްވާތީ، މިކަމަށް ބަދަލެއް ގެނެވޭނީވެސް އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ،" މަބްރޫކުގެ މެސެޖުގައިވެ އެވެ.

ރައީސް ސޯލިހަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރުމާ މެދު މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށާއި ހަވާސާގައި ހުންނަވަން ބޭނުންފުޅުނުވާ ކަމަށެވެ. އަދި އެމަނިކުފާނު ގައުމު ހިންގަން ބޭނުންފުޅުވާ ކަމަށާއި ބޮޑުވަޒީރަށްވެވަޑައިގަންނަވަން ބޭނުންވެވަޑައިގަންނަވާ ކަމަށް މެސެޖުގައިވެ އެވެ.

ރައީސް ނަޝީދުގެ މެސެޖުގައި ހުށަހެޅުއްވީ، 2023ގައި ރިޔާސީ އިންތިހާބު ނުބާއްވައި، އަންނަ އަހަރު ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރާށެވެ. އަދި ސަރުކާރު އުވާލާށެވެ.

އެމަނިކުފާނު ހުށަހެޅުއްވީ، މަޖިލީހުގެ މިހާރުގެ ދައުރު ނިމި މަޖިލިސް އިންތިހާބު ބާއްވަންދެން މަޖިލީހުން ގައުމު ހިންގާ ގޮތަށެވެ. އަދި އަލަށް އިންތިހާބު ކުރާ މަަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތަށްވެސް ހަމަޖެއްސުމަށް ހުށަހެޅުއްވި އެވެ.

އެ މެސެޖު އެމަނިކުފާނު ވަނީ ކެބިނެޓުގެ ބައެއް ވަޒީރުންނަށާއި މަޖިލިސް މެމްބަރުންނަށްވެސް ފޮނުއްވާފަ އެވެ. ރައީސް ނަޝީދުގެ މެސެޖާއެކު ރައީސް ނަޝީދަށް ވަފާތެރި އެމްޑީޕީ ބައެއް މެމްބަރުން ދަނީ ބަރުލަމާނީ ނިޒާމް ގެނައުމަށް ކެމްޕެއިން ކުރަމުންނެވެ.

ރައީސް ނަޝީދުގެ އެ ވާހާކަތަކަށް ކުރީގެ ރައީސް ވަހީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ވަނީ ދެކޮޅު ހައްދަވާފަ އެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމާ ގުޅޭ ވޯޓެއް 2007 ވަނަ އަހަރު ނެގި އެވެ. އެ ވޯޓުގައި ދިވެހި ރައްޔިތުން ނިންމާފައި ވަނީ ރިޔާސީ ނިޒާމަކުން ވެރިކަން ހިންގުމަށެވެ.

ނަމަވެސް 2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ގާނޫނުއަސާސީ ބިނާވެގެން އައީ ބަރުލަމާނީ ސިފައިގައި ކަމަށާއި، ވެރިކަން ހިންގަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް މަޖިލިސް ރައީސް އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް