އިރުއިރު ކޮޅުން ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރެވޭނެ: ރައީސް މައުމޫން

ރައީސް މައުމޫން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ --ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއް ކަމަށާއި އިރުއިރުކޮޅާ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުނުކުރެވޭނެ ކަމަށް، ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވާތީ އެވެ.

ރައީސަށް ފޮނުއްވި މެސެޖެއްގައި މަޖިލިސް ރައީސް ވިދާޅުވެފައި ވަނީ ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގެ މަޝްވަރާތައް ކުރައްވަން ބޭނުންފުޅުވާ ކަމަށާއި ހަވާސާގައި ހުންނަވަން ބޭނުންފުޅުނުވާ ކަމަށެވެ. އަދި އެމަނިކުފާނު ގައުމު ހިންގަން ބޭނުންފުޅުވާ ކަމަށާއި ބޮޑުވަޒީރަށްވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގައި ހިނގަމުން މިދާ ރިޔާސީ ނިޒާމަކީ ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއް. ވެރިކަމުގެ ނިޒާމު އިރުއިރު ކޮޅަކުން ބަދަލެއް ނުކުރެވޭނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމާ ގުޅޭ ވޯޓެއް 2007 ވަނަ އަހަރު ނެގި އެވެ. އެ ވޯޓުގައި ދިވެހި ރައްޔިތުން ނިންމާފައި ވަނީ ރިޔާސީ ނިޒާމަކުން ވެރިކަން ހިންގުމަށެވެ.

ނަމަވެސް 2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ގާނޫނު އަސާސީ ބިނާވެގެން އައީ ބަރުލަމާނީ ސިފައިގައި ކަމަށާއި، ވެރިކަން ހިންގަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް މަޖިލިސް ރައީސް އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ރައީސް ނަޝީދުގެ މެސެޖުގައި ހުށަހެޅުއްވީ، 2023ގައި ރިޔާސީ އިންތިހާބު ނުބާއްވައި، އަންނަ އަހަރު ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރާށެވެ. އަދި ސަރުކާރު އުވާލާށެވެ.

އެމަނިކުފާނު ހުށަހެޅުއްވީ، މަޖިލީހުގެ މިހާރުގެ ދައުރު ނިމި މަޖިލިސް އިންތިހާބު ބާއްވަންދެން މަޖިލީހުން ގައުމު ހިންގާ ގޮތަށެވެ. އަދި އަލަށް އިންތިހާބު ކުރާ މަަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތަށް ވެސް ހަމަޖެއްސުމަށް ހުށަހެޅުއްވި އެވެ.

ނަމަވެސް މިއީ ރައްޔިތުންގެ ވޯޓުން ނޫނީ ނުކުރެވޭނެ ކަމެއްކަން ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

comment ކޮމެންޓް