ރޯވި ބޯޓުން ތެޔޮ ލީކު ނުވޭ، ތިމާވެށީގެ ކާރިސާއަކަށް އޮތީ ތައްޔާރަށް

އިއްޔެ ރޯވެ، އަޑިއަށް ދިޔަ ބޯޓުގައި ހުރި ތެޔޮ ކަނޑަށް ލީކުވާ ކަމުގެ އެއްވެސް ނިޝާނެއް އަދި ނެތް ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އިއްޔެ ހަވީރު އަލިފާން ރޯވީ މާލެއިން ފުރައިގެން ލ. އަތޮޅަށް ދަތުރުކުރި "ސީ ސްޓާ" ތެޔޮ ބޯޓުގަ 17:50 ގައެވެ. އެ ހާދިސާ ހިނގީ ކ.އެނބޫދޫފިނޮޅުގެ 1.52 ނޯޓިކަލް މޭލު އިރު ދެކުނުން، އަތޮޅުން ބޭރުންނެވެ.

ބޯޓުގައި ރޯވި އަލިފާން ނިއްވާލަން އެމްއެންޑީއެފް އިން މަސައްކަތް ކުރަމުން ދަނިކޮށް، 18:27ގައި ބޯޓު ވަނީ އަޑިއަށް ގޮސްފަ އެވެ. ބޯޓު އަޑިއަށް ދިޔައީ 60،000 ލީޓަރުގެ ޑީސަލާ އެކު އެވެ.

ބޯޓު އަޑިއަށް ގޮސްފައިވަނީ 1000 މީޓަރާއި 1400 މީޓަރާއި ދެމެދުގެ ފުނަށެވެ.

އެމްއެންޑީއެފްއިން ބުނީ މިހާތަނަށް ބެލިބެލުމުން ބޯޓުން ޑީސަލް ލީކުވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށެވެ. އަދި ތެޔޮ ލީކުވޭތޯ ކޯސްޓްގާޑުން ހުއްޓާނުލާ ބަލަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ހާދިސާގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ ގެއްލުމަކަށް ރައްކާތެރިވުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާ ގުޅިގެން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ބޯޓުން ތެޔޮ ލީކުވެ، ދިމާވެދާނެ ތިމާވެށީގެ ކާރިސާއަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް