ރައީސްއާއި މަޖިލިސް ރައީސް ނުސީދާކޮށް ކެމްޕޭން ކުރައްވާ: އިދިކޮޅު

މިއަދު ހަވީރު އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ އިންތިހާބާ ބެހޭ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ޕީޕީއެމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދުވެސް ކެމްޕެއިން ކުރެއްވި ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އެކަން ކުށްވެރިކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވޯޓު ދެއްވުމަށްފަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި ރައީސް ނަޝީދުވެސް ވަނީ އެމްޑީޕީއިން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

މިއަދު ހަވީރު އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ އިންތިހާބާ ބެހޭ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅުން ބުނީ އެއީ ނުސީދާކޮށް ކެމްޕޭން ކުރުމަށް ކަމަށެވެ. އަދި އެ ކޯލިޝަނުން އެކަން ކުށްވެރި ކުރި އެވެ.

"އަޅުގަނޑުމެން މިކަންތައްތައް ކުށްވެރިކުރަން އަޅުގަނޑުމެން މިކަންތައްތަކާމެދު ކަންބޮޑުވަން،" ޕީޕީއެމްގެ ކެމްޕޭން މެނޭޖަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަމުންދާ ކަމަށްވެސް އިދިކޮޅުން ބުންޏެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ސިއްދީގު ވިދާޅުވީ، ވަކި ބައެއް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ރައީސް ވިދާޅުވުމަކީ ވަކި ބަޔަކަށް ވޯޓު ދިނުމަށް ހިތްވަރު ލިބޭ ކަމެއް ކަމަށެވެ. އެހެންކަމުން، އެއީ ކެމްޕޭން ކުރުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޕާޓީގެ ކުލައިގެ އަންނައުނު ލައިގެން އުޅުމަކީވެސް ކެމްޕޭން ކުރުމެވެ. ރައީސް އާއި މަޖިލިސް ރައީސްގެ އިތުރުން އެމްޑީޕީގެ މަޖިލިސް މެމްބަރުންވެސް އެކަން އެގޮތަށް ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ނުސީދާކޮށް ކެމްޕޭން ކުރުމަށް ކުރަމުންދާ ކަންތައްތަކާ ގުޅިގެން އިލެކްޝަނުން އެއްވެސް އެއްޗެއް ނުބުނާ ކަމަށް ބުނެ އިދިކޮޅުން ކަންބޮޑުވުން ފާޅު ކުރި އެވެ.

"އިލެކްޝަންސް ކޮމިޝަނުން މިކަމަކަށް އަޅައެއް ނުލާ. އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް އެއީ،" ސިއްދީގު ވިދާޅުވި އެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު ވަނީ ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށް ނުކުތުމަށް އެދިފަ އެވެ.

comment ކޮމެންޓް