ޗައިނާއިން އަލީބާބާ 2.75 ބިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ޗައިނާއިން ވަނީ އަލީބާބާ 2.75 ބިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ -- ފޮޓޯ: ރޮއިޓާސް

ބެއިޖިން (އޭޕްރިލް 10): ޗައިނާއިން އެގައުމުގެ އަލީބާބާ ގްރޫޕް ހޯލްޑިންސް ލިމިޓެޑް، 18 ބިލިއަން ޔުއާން (2.75 ބިލިއަން ޑޮލަރު)އިން ޖޫރިމަނާކޮށްފި އެވެ.

ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޯ މާކެޓް ރެގިއުލޭޝަން (އެސްއޭއެމްއާރު)އިން އަލީބާބާ ޖޫރިމަނާ ކުރީ އެ ކުންފުނިން އެންޓި-މޮނޮޕޮލީ ގާނޫނާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެގޮތުން އަލީބާބާގައި މުދާ ވިއްކާ ވިޔަފާރިތަކުން ވާދަވެރި ވެބްސައިޓުތަކުގައި މުދާ ވިއްކަން އެ ކުންފުނިން ހުރަސް އަޅާކަން ތަހުގީގަށް އެނގިފައިވާ ކަމަށް އެސްއޭއެމްއާރުން ބުންޏެވެ.

އަލީބާބާގެ ޖޫރިމަނާ އަކީ ޗައިނާއިން އެންޓި-މޮނޮޕޮލީ ގާނޫނުގެ ދަށުން ކުރި އެންމެ ބޮޑު ޖޫރިމަނާ އެވެ. އަދި އެއީ އެ ކުންފުނީގެ 2019 ވަނަ އަހަރުގެ ރެވެނިއުގެ ގާތްގަނޑަކަށް ހަތަރު ޕަސެންޓާ އެއްވަރު އަދަދެކެވެ.

އެ ޖޫރިމަނާއާ ގުޅިގެން އަލީބާބާއިން ނެރުނު ބަޔާނެއްގައި ވަނީ އެސްއޭއެމްއާރުގެ ނިންމުން ގަބޫލު ކުރާ ކަމަށެވެ. އަދި އެ ކުންފުނިން ގާނޫނުތަކަށް އަމަލު ކުރާ މިންވަރު އިތުރު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

އަލީބާބާގެ ބާނީ ޖެކް މާގެ އެހެން ކުންފުނިތަކަށްވެސް ޗައިނާގެ ރެގިއުލޭޓަރުން ދޭ ސަމާލުކަން މިހާރު ވަނީ އިތުރުވެފަ އެވެ. އަދި އޭނާގެ ފައިނޭންޝަލް ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ އޭންޓް ގްރޫޕްގެ ހިއްސާ ޝަންހާއީ އާއި ހޮންކޮންގްގައި ވިއްކަން އެ ކުންފުނިން މިދިޔަ ނޮވެމްބަރު މަހު ތައްޔާރުވި ނަމަވެސް ޗައިނާގެ ރެގިއުލޭޓަރުން އެކަމަށް ހުރަސް އެޅި އެވެ. އަދި އޭންޓްގެ ބޭންކިން ހިދުމަތުގެ ގަވާއިދުތައް ހަރުކަށި ކުރުމަށް ވަނީ ގޮވާލާފަ އެވެ.

ޗައިނާއިން އެ ފިޔަވަޅު އެޅީ މިދިޔަ އޮކްޓޯބަރު މަހު މާ، އެގައުމުގެ ފައިނޭންޝަލް ރެގިއުލޭޓަރީ ސިސްޓަމުން އީޖާދީ އުފެއްދުންތެރިކަމަށް ހުރަސް އަޅާ ކަމަށް ބުނެ އެ ސިސްޓަމަށް ފާޑު ކީ ފަހުންނެވެ.

comment ކޮމެންޓް