ހަތަރު މޭޔަރުންނާއެކު 1،000 ގޮނޑި އެމްޑީޕީން ނަގާނެ: ރައީސް ނަޝީދު

އއ. ރަސްދޫއަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ސިމްވާރު

ހަތަރު ސިޓީގެ މޭޔަރުކަމާއެކު، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން 1،000 ގޮނޑި ކާމިޔާބުކުރާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިރޭ އއ. ރަސްދޫ ފަޅުތެރޭގައި ބާއްވާ "ރަށްވެހިފަތިސް އަލިވިލުން" ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަތުގެ ކުރިން، ހުޅުމާލޭ ބަނދަރު ސަރަހައްދުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ޖެހިލުމެއް ނެތި، ކޮންމެ އިންތިހާބަކާވެސް ކުރިމަތިލާ ޕާޓީއެއް ކަމަށެވެ. އަދި އެއްވެސް އިންތިހާބެއް އުނދަގޫވާނެ ކަމުގެ ވިސްނުން އެމްޑީޕީން ނުގެންގުޅޭ ކަމަށްވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މި ކައުންސިލް އިންތިހާބުގެ ގިނަ ގޮނޑި މި ޕާޓީން ކާމިޔާބުކުރާނެ. އަޅުގަނޑުމެން އެބަ ކުރިމަތިލަން ފަނަރަ ސަތޭކައެއްހާ ގޮނޑިއަށް، އަޅުގަނޑަށް ޔަގީން އޭގެ ތެރެއިން ހާހެއްހާ ގޮނޑި އަޅުގަނޑުމެން ނަގާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ވާދަކުރާ ގޮނޑިތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ބައެއް ގޮނޑިތައް އެބަހުރި ކަމަށެވެ. އެގޮތުން ސިޓީތަކުގެ މޭޔަރުންގެ ގޮނޑި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އައްޑޫ އިން ފެށިގެން އައިސް ކުޅުދުއްފުއްޓާ ފުވައްމުލަކާއި މާލެ، މި ހަތަރު ސިޓީގެ މޭޔަރުކަން އިރާދަކުރެއްވިއްޔާ އެމްޑީޕީން ފަސޭހަކަމާއެކު، ބޮޑު ތަފާތުން ނަގާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އިންތިހާބުތައް ކާމިޔާބުކުރަނީ ވަރަށް ފުޅާ ވިސްނުމެއްގައި އަބަދުވެސް މަސައްކަތް ކުރަމުން ދާތީ ކަމަށެވެ. އަދި އެމްޑީޕީގެ ވިސްނުމާއި، އަމާޒު ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ސާފުވާތީ ކަމަށެވެ.

އެމްޑީޕީ އަކީ ސަނާ ކިޔާ އަޑާއި ޕާޓީގެ ވެރިންނަށް ހުޝާމަދުކުރާ އަޑު އަހާ ހިތްވާ ޕާޓީއެއް ނޫން ކަމަށާއި، އެމްޑީޕީއަކީ ޝަކުވާ އަޑުއަހާ ޕާޓީއެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ނޭވާއަކީވެސް، އަޅުގަނޑުމެންގެ ކާނާއަކީ ވެސް ތިބޭފުޅުންގެ ޝަކުވާ. އެ ޝަކުވާތައް އަޅުގަނޑުމެންނަށް އިވޭ. ޝަކުވާގެ ގިލަނުގައި އަޅުގަނޑުމެން ތިބެންޖެހޭ. އަދި އަޅުގަނޑުމެން ނުކުމެ މި ތިބީ ވެސް އެ ބަން ޝަކުވާއެއް ހައްލެއް ހޯދަން،" އެމަނިކުފާނު ވިދާޅުވި އެވެ.

comment ކޮމެންޓް