އެމްޑީޕީއަށް ވޯޓު ނުދީގެން ވަކި ކުރިއެރުމެއް ނުލިބޭނެ: އާޒިމް

މެމްބަރު އަލީ އާޒިމް --

ހުރި ހިތްހަމަނުޖެހުމެއްގެ ސަބަބުން، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ނުދީގެން، ވޯޓު ނުދޭ މީހުންނަށް ކުރިއެރުމެއް ނުލިބޭނެ ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ، އެމްޑީޕީއާއެކު މަސައްކަތް ކުރި ވަކިވަކި މީހުން ބޭނުންވާ ބައެއް ކަންކަން ކޮށްނުދެވި ހުރެދާނެ ކަމަށެވެ. މިސާލެއްގެ ގޮތުގައި ވިދާޅުވީ ބޭނުންވެ، ގިނަ ދުވަސްތަކެއް ވަންދެން ހޯދަން މަސައްކަތް ކުރި ވަޒީފާއެއް ހޯދައިދެވިފައި ނުވުމެވެ.

ދެން ވިދާޅުވީ އެމްޑީޕީއާ "ނުގުޅޭ" މިނިސްޓްރީއަކުން ކޮށްފައިވާ ކަމެއްގެ ސަބަބުން ރައްޔިތުންގެ ހިތްހަމަނުޖެހުން ހުރުމަކީ ވެސް، އެމްޑީޕީއަށް ވޯޓު ނުދޭންވީ ސަބަބެއް ނޫން ކަމަށެވެ.

އާޒިމް ވިދާޅުވީ އެ ހިތްހަމަނުޖެހުންތަކާ ގުޅިގެން އެމްޑީޕީއަށް ވޯޓު ނުދިނުމަކީ، ވޯޓު ނުދޭ މީހުންނަށް ކުރިއެރުން ލިބޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެމްޑީޕީއަށް ދެވޭ މެސެޖެއް ވެސް ނޫން ކަމަށެވެ.

"ސަރުކާރުގެ، އަޅުގަނޑުމެންނާ ނުގުޅޭ ކޮންމެސް ވުޒާރާއަކުން ކުރާ ކަމަކާ މެދު ހިތްހަމަނުޖެހިގެން، އެމްޑީޕީގެ ތިލަފަތަށް ވޯޓެއް ނުދިނުމަކީ އެއްގޮތަކަށްވެސް އެ ފަރާތްތަކަށް، އެ ނުދޭ، ވޯޓު ނުދޭ މީހުންނަށް ލިބޭ ކުރިއެރުމެއް ނޫން. އަނެއްކާ އަޅުގަނޑުމެންނަށް ދެވޭ މެސެޖެއް ވެސް ނޫން ހަގީގަތުގައި. އަޅުގަނޑުމެންނަށް ދެވޭ މެސެޖަކީ ތިލަފަތަށް ވޯޓެއް ޖެހުން. ތިލަފަތަށް ވޯޓެއް ޖަހައިފިއްޔާ ނޫނިއްޔާ މި ގައުމު ރައްޔިތުން ބޭނުންވާ މިސްރާބަށް ގެންދާނެ ގޮތެއް ނެތް،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ރައްޔިތުން ބޭނުންވާ މިސްރާބަށް ގައުމު ގެންދެވޭނީ އެމްޑީޕީއަށް ކަމަށެވެ. އެއީ ރައްޔިތުންނަށް ފައިދާކުރާނެ ސިޔާސަތަކާއި ވިސްނުމެއް ގެންގުޅޭ ހަމައެކަނި އެމްޑީޕީ އަށް ވާތީ ކަމަށް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ދިގު 30 އަހަރު ގައުމަށް ނުގެނުވުނު ތަރައްގީ، އެމްޑީޕީން ދެ އަހަރު ތެރޭގައި ގެނެސްދީފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޮންނާނީ ހޮނިހިރު ދުވަހު އެވެ. އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވާއިރު، 22 މަޖިލިސް މެމްބަރުން ވަނީ ދާއިރާތަކަށް ވަޑައިގެންފަ އެވެ. އަދި މިއަދު ތަޅުމަށް ހާޒިރުވި 22 މެމްބަރުން ވަނީ ތަޅުމުގައި އިންތިހާބާ ގުޅޭ ފޯރިގަދަ ބަހުސެއް ކޮށްފަ އެވެ.

comment ކޮމެންޓް