ހުޅުމީދޫ ފަޔާ ސްޓޭޝަން ހުޅުވައިފި

ހުޅުމީދޫ ފަޔާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަދި އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގު ----

އައްޑޫ ސިޓީ ހުޅުމީދޫގައި އިމާރާތްކުރި ފަޔާ ސްޓޭޝަން ރަސްމީކޮށް ހުޅުވައިފި އެވެ.

އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ ފަޔާ ސްޓޭޝަންގައި ބޭނުންކުރަން ހަމަޖެހިފައިވަނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ލިބިފައިވާ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ ފަޔާ ޓްރަކެއް ކަމަށެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ މީގެ ކުރިން ހުޅުދޫމީދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، ހިތަދޫން ހުޅުމީދޫ އަށް ގޮސް އެ ހާދިސާ އަށް އެޓެންޑް ކުރެވެނީ ގާތްގަނޑަކަށް އެއް ގަޑިއިރާއި 15 މިނެޓުން ކަމަށެވެ.

ނަމަވެސް އިއްޔެ ހުޅުވި ފަޔާ ސްޓޭޝަންގެ ސަބަބުން ހުޅުމީދޫގައި ހިނގާ ހާދިސާތަކުގައި، ފަޔާ އެންޑް ރެސްކިއު ޓީމަށް 10 މިނެޓުގެ ތެރޭގައި ހާދިސާ ހިނގި ސަރަހައްދަށް ދެވޭނެ ކަމަށެވެ.

އޭގެ އިތުރުން، ހުޅުދޫ އާއި މީދޫ އަކީ ސިނާއީ ގިނަ މަސައްކަތްތަކެއް ހިނގަމުންދާ ދެ އަވަށަށްވެފައި، އެ ދެ އަވަށާއި ޖެހިގެން ދެ ރިސޯޓުވެސް އޮތްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ދެ އަވަށުން ފަޔާ އެންޑް ރެސްކިއުގެ ހިދުމަތް ލިބިގެން ދިއުމަކީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންވެސް ހިތްހަމަޖެހޭނެ ކަމެއް ކަމަށެވެ. އަދި ދެ ރިސޯޓުގައިވެސް އަލިފާނުގެ އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، އެ ހާދިސާއަކަށް އަވަހަށް އިޖާބަ ދެވޭނެ ކަމަށް ވިދާޅުވި އެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވީ އެ ފަޔާ ސްޓޭޝަންގެ ސަބަބުން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކަކާއި ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށެވެ.

comment ކޮމެންޓް