މާލޭ މީހުންނަށް ބޯހިޔާވަހިކަން ނުދީ ފްލެޓް ބަހާލަން ޖާގައެއް ނުދޭނަން: އަނަސް

އޭޕްރީލް 4، 2021: އެމްޑީޕީއިން މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު 'ސަން' އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަންފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސަރަހައްދުގައި އަޅާ ފްލެޓްތަކުން މާލޭގައި ހާލުގައި ދިރިއުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަން ނުދީ ފްލެޓްތައް ބަހާލުމުގެ ޖާގަ ނުދޭނެ ކަމަށް އެމްޑީޕީއިން މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.

މިމަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބަށް އެމްޑީޕީއިން ގެންގުޅޭ ޝިއާރަކީ "ރަށްވެހި ފަތިސް" އެވެ. ކެމްޕެއިނުގައި މާލޭ މީހުންނަށް ހާއްސަކޮށްގެން ވަނީ ހާއްސަ މެނިފެސްޓޯއެއް އިއްޔެ ނެރިފަ އެވެ. އެ މެނިފެސްޓޯގައި ހުރި ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އަނަސް ވިދާޅުވީ ބޯހިޔާވަހިކަމުން މާލޭ މީހުން ބާކީކޮށްފައި އޮތް އޮތުން ނިމުމަކަށް އަންނަން ޖެހޭ ކަމަށެވެ.

ދޮރުން ދޮރަށް މީގެ ކުރިން އިންތިހާބު ތަކުގައި ދިޔަ އިރުވެސް އަދި މިހާރު ދާއިރުވެސް ހާލުގައި އުޅޭ ރައްޔިތުންގެ ހާލަތަށް ބަދަލު ނާންނަ ކަން އަނަސް ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ މޭޔަރު ކަމަށް އޭނާ އިންތިހާބު ވެއްޖެ ނަމަ ހާލުގައި އުޅޭ މާލޭ މީހުންނަށް ބޯހިޔާވަހިކަން ނުދީ ކެޓަގަރައިޒް ކޮށްގެން ފްލެޓް ބަހާލަން ޖާގަ ނުދެއްވާނެ ކަމަށެވެ.

އެމްޑީޕީއިން މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު ދޮރުންދޮރަށް ހިނގުމުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

"މާލޭ މީހުން ބާކީވާގޮތަށް. ހާލުގައި ތިބި މާލޭ މީހުންނަށް ނުލިބޭ ގޮތަށް މާލޭ ސަރަހައްދުގައި އަޅާ ފްލެޓްތައް ބަހާލަން ޖާގައެއް ނުދޭނަން" އަނަސް ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުގައި ވެށިފަހި މާލެ ފްލެޓްތައް ބަހާލީ މާލޭގައި އެތައް ޒަމާނެއް ވަންދެން ހާލުގައި ތިބި މީހުން ބާކީވާގޮތަށްކަން ފާހަގަކޮށް އަނަސް ވިދާޅުވީ ކެޓަގަރައިޒް ކޮށްގެން ސިވިލް ސާވިސް އަށާއި ވަކި އޮފީހެއްގައި މަސައްކަތް ކުރާތީ ފްލެޓް ބަހާލުމުން އަދިވެސް މާލޭގެ ހާލުގައި ތިބި ފަރާތްތައް ހާލުގައި ތިބި ކަމަށެވެ. އަދި އެގޮތަށް ފްލެޓްތައް ބަހާލުމަށް ފަހު މިހާރު މާލޭ މީހުންގެ ވޯޓު ހޯދަން ދާން ޕީޕީއެމުން ލަދުގަންނަން ޖެހޭނެ ކަމަށް އަނަސް ވިދާޅުވި އެވެ.

ވެށިފަހި މާލެ ފްލެޓްތަކުން މާލޭ ރައްޔިތުންނަށް ލިބުނީ 50 ޕަސެންޓް ފްލެޓް އެވެ.

މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން އެމްޑީޕީއިން ނެރުނު މެނިފެސްޓޯގައި ބުނެފައިވަނީ ބަދިގެއާއި ކާގެ، ފެންޑާ އަދި ކޮޓަރި އެއްތަންވެ 250 އަކަފޫޓުގެ ތެރެއަށް ދިރިއުޅުން ކުރުގެޅިފައިވާ 17،000 އާއިލާ މާލޭގައި އުޅޭ ކަމަށެވެ. އަދި އޭގެތެރޭގައި ދިގު މުއްދަތުން ދައްކާ ހަލާސް ކުރާ މަގުންވެސް ބޯހިޔާވަހިކަން މިލްކު ކުރެވޭނެ ގާބިލުކަން 3000 އާއިލާގެ ނެތް ކަމަށެވެ.

އެމީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މާލޭ ސިޓީ ކައުންސިލް ޖާމިނުވެގެން ކައުންސިލް ހައުސިންގް ފޯރުކޮށްދެވޭނެ ކަމަށް މެނިފެސްޓޯގައި ބުނެފައިވެ އެވެ. އެއީ މަހަކު 6400 ރުފިޔާއަށް ބޮޑު ނޫން ކުއްޔެއްގައި ކަމަށް މެނިފެސްޓޯގައި ވަނީ ބުނެފަ އެވެ.

ކައުންސިލް ހައުސިންގްގެ ބޭނުމަކީ ދަތި ހާލުގައި އުޅޭ މާލޭ މީހުންނަށް ސޯޝިއަލް ހައުސިންގްއެއް ލިބެންދެން ވަގުތީ ގޮތުން ކުޑަ ކުއްޔެއް ދައްކައިގެން އުޅެވޭނެ ގޮތަކަށް އަޅާ ހައުސިންގް ޔުނިޓް ނުވަތަ ފްލެޓްތަކެއް ކަމަށް އަނަސް ވިދާޅުވި އެވެ. އަދި ސޯޝިއަލް ހައުސިންގްގެ ފްލެޓެއް ލިބުމުން ދެން ލިސްޓުގެ ކުރީގައި އިންނަ މީހަކަށް ކައުންސިލް ހައުސިންގް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އަނަސް ވިދާޅުވި އެވެ.

"އިތުރު 10،000 ބޯހިޔާވަހިކަމުގެ ޔުނިޓު މާލޭ ސަރަހައްދުގައި ގާއިމްކުރެވޭނެ. ކައުންސިލް ހައުސިންގްގެ އިތން 32،000 ރުފިޔާގެ އާމަދަނީއެއް ލިބޭ 4000 އާއިލާ އަދި 32،000 އާއި 64،000 ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ 5600 އާއިލާއަށް މި 10،000 ޔުނިޓުން ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ." އެމްޑީޕީގެ މާލޭ ސިޓީއަށް ހާއްސަ މެނިފެސްޓޯގައި ބުނެފައިވެ އެވެ.

comment ކޮމެންޓް