ލ. ކައްދޫ އިން މޫދަށް ފޭބި ސިފައިންގެ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ ގެއްލިގެން ހޯދަނީ ލާންސް ކޯޕްރަލް ހުސައިން ފާރިޝް (ސާވިސް ނަންބަރު 7613) ކަމަށެވެެ.
ކައްދޫ އިރުމަތީ ފަރާތު މޫދަށް ހަތަރު ސިފައިންގެ މީހުން ފޭބިކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އޭނާ ހޯޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ ފާރިޝް ގެއްލިގެން އެކަމުގެ ރިޕޯޓު ލިބުނީ މިއަދު 17:40 ހާއިރު ކަމަށެވެ.
މޫދަށް ފޭބި ހަތަރު މީހުންގެ ތެރެއިން އިތުރު ސިފައިންގެ މީހަކު ގެނބިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
"އޭނާ ގެނބުނީ ގެއްލުނު ސިފައިންގެ މީހާ އޮއިގަނޑެއްގައި ޖެހި އަޑިއަށްދާތީ ސަލާމަތްކުރަން މަސައްކަތް ކުރުމުގެ ތެރޭގައި. ހޮސްޕިޓަލަށް ގެންދެވުނު ސިފައިންގެ މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން،" އެމްއެންޑީއެފް އިން ބުންޏެވެ.