މިޔަރުގެ މަސްވެރިކަން ހުޅުވާލަން މަޝްވަރާކުރަނީ

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު -- ސަންފޮޓޯ/ ފަޔާޒު މޫސާ

މެނޭޖް ފިޝަރީއެއްގެ ގޮތުގައި މާކަނޑުން މިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލަން މަޝްވަރާކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި އިއްޔެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީ އަކީ އިގްތިސޯދު ކުރިއަރުވަން އޮތް މިނިސްޓްރީއެއް ކަމަށާއި އެހެންކަމުން ގާނޫނުތައް ފަރުމާކުރަނީ ކޮންމެ މަސްވެރިކަމެއް ވެސް ބެލެހެއްޓިގެން، މެނޭޖު ފިޝަރީއެއްގެ ގޮތުގައި ކުރުމަށް މަގުފަހިކުރުމަށް ކަމަށެވެ.

"އެހެންވީމަ މާކަނޑުން މިޔަރުގެ މަސްވެރިކަން ކުރަން، އެއީ މަޝްވަރާ ކުރެވެމުން ދާކަމެއް. މިކަން ހުޅުވާލެވޭނީ ކޮން ގޮތަކަށްތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މުޅި ދުނިޔެއަށް ބަލާއިރު ވެސް މިޔަރު ހިމާޔަތްކޮށްގެން އުޅެނީ ވަރަށް މަދު ގައުމެއްގައި ކަމަށާއި އޭގެ ތެރޭގައި ހިމެނޭ ޕަލާއު އަދި ސީޝެލްސް ފަދަ ގައުމުތަކާ ރާއްޖޭގެ ހާލަތު ތަފާތު ކަމަށެވެ.

ދިވެހި މަސްވެރިކަން ބިނާވެފައި އޮންނަނީ އާންމު ރައްޔިތުން ކުރާ މަސައްކަތަށް ކަމަށާއި އެހެންކަމުން މެނޭޖް ފިޝަރީއެއްގެ ގޮތުގައި މިޔަރުގެ މަސްވެރިކަމުން ވެސް ފައިދާ ނުހޯދާންވީ ސަބަބެއް ނެތް ކަމަށެވެ.

"އެހެންވީމަ މިކަމާ ދޭތެރޭގައި އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކުރެވެމުން މިދަނީ. އެހެންވީމަ އިގްތިސޯދީ މަންފާއެއް ލިބޭ އެއްޗެއް އަޅުގަނޑުމެން އެކަނި ހުދޫދެއްގެ ތެރޭގައި ތިބޭކަށް ނުޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޒަހާ ވިދާޅުވީ މެނޭޖް ފިޝަރީ އަކީ ވަކި މުއްދަތަކަށް ހުޅުވާލައިގެން، އޭގެ އާބާދީއަށް ގެއްލުން ނުވާ ގޮތަށް މަންފާ ހޯދުން ކަމަށެވެ.

ކަނޑުގެ ދިރުންތަކަށް ބަލާއިރު މިޔަރަކީ ހުރިހާ ބާވަތެއްގެ މަސް ވެސް ޝިކާރަކުރާ އެއްޗަކަށް ވުމުން، މިޔަރު އިތުރުވެ މަހުގެ އާބާދީއަށް އަސަރުކުރާ ކަމުގެ ޝަކުވާތައް ގިނަވަމުން އަންނަކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މީވެސް ވިސްނުންތެރިކަމާއެކު އިގްތިސޯދަށް މަންފާކުރާ ކަމެއް ގޮތަށް ބެލެވިދާނެ ކަމެއް ކަމަށް ވީމަ މަޝްވަރާ ކުރަން އެބަ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުން މަނާ ކުރީ 2010 ވަނަ އަހަރު އެވެ. އަދި އެއާއެކު މިޔަރުގެ އުރަހަ ފަދަ ތަކެތި އެކްސްޕޯޓު ކުރުންވެސް ވަނީ މަނާކޮށްފަ އެވެ.

އޭރު އޮސްޓްރޭލިއާގެ ޖޭމްސް ކުކް ޔުނިވާސިޓީއިން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި އެންމެ މިޔަރަކުން ރާއްޖޭގެ އިގްތިސާދަށް އަހަރަކު 3300 ޑޮލަރު ވަދެ އެވެ. އެއީ ޓޫރިޒަަމް އިންޑަސްޓްރީއިންނެވެ. ނަމަވެސް، ހިފާ ކޮންމެ މިޔަރަކަށް މަސްވެރިޔާއަށް ލިބޭނީ 32 ޑޮލަރުގެ ފައިދާ އެވެ.

މިޔަރު މަސްވެރިކަން މަނާ ކުރިއަސް ގަވައިދާ ހިލާފަށް އެކަން އަދިވެސް ކުރެ އެވެ. އެގޮތުން، ލޮނުމަހުގެ ތެރޭގައި ފޮރުވައިގެން، ވައިގެ މަގުން ރާއްޖޭއިން ބޭރުކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ މި އަހަރުގެ ޖެނުއަރީ މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައިވެ އެވެ. އަދި މި މަހުގެ 22 ވަނަ ދުވަހު ވެސް މިޔަރުގެ މަސްވެރިކަން ކުރަމުން ދިޔަ ބަޔަކު ވަނީ ހިފަހައްޓައިފަ އެވެ.

މިޔަރުގެ އާބާދީ ވަރަށް ބޮޑަށް އިތުރުވެ، މަސްވެރިންނަށް އެކަމުގެ އުނދަގޫވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

comment ކޮމެންޓް