ބަވަތި އާ ހައްދު ފިލްމު ފެސްޓިވަލަށް

ހައްދު އާ ބަވަތި ގެ ޕޯސްޓަރެއް---

އަބްދުލް ފައްތާޙްގެ 21 އަހަރުގެ ފިލްމު ކެރިއަރުގައި ޑައިރެކްޓްކޮށް، އުފެއްދި އެންމެ ވަރުގަދަ އެއް ފިލްމު "ހައްދު" އާ ޑައިރެކްޝަނަށް އަލަށް ނުކުތް އިލްޔާސް ވަހީދުގެ "ބަވަތި" ފިލްމު ފެސްޓިވަލްގައި ބައިވެރިކުރާ ގޮތަށް ނިންމައިފިއެވެ.

އިންޑިއާގެ ކަރްނަޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައި މި ދެ ފިލްމު ރާއްޖެއިން ބައިވެރިކުރާކަން ހާމަކުރީ މޯލްޑިވްސް ފޮ ޕާފޯމިން އާރޓްސް (އެމްއެސްޕީއޭ) އިން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.

ބަތަތި އާ ހައްދު އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ދެ ފިލްމެވެ. ފިލްމީ ދާއިރާ އަށް އަލަށް ތައާރަފްވި ބަތަލު އަހުމަދު ޝިބާން، މަރިޔަމް އައްޒަ އަދި އައިމިނަތު ރިޝްފާ "ހައްދު"ގެ ލީޑު ރޯލުން ފެނިގެންދިޔަ އިރު "ބަވަތި" އިން ފެނިގެންދިޔައީ ނުޒުހަތު ޝުއައިބު އާ އަހްމަދު އިފްނާޒް ފިރާގުއެވެ.

"އަ މޫވީ އަބައުޓް ލިމިޓް"ގެ ގޮތުގައި ފިލްމު ފެނިގެން ދިޔައިރު ހައްދުގައި ފެނިގެން ދަނީ ހއ. ކެލައަށް ނިސްބަތްވާ ޔުސްރާ ކިޔާ އަންހެން ކުއްޖަކު (މަރިޔަމް އައްޒަ) މާލޭގައި ތައުލީމު ހާސިލްކުރުމަށް ފަހު އޭނާގެ ރަށަށް ކުރާ ދަތުރުމަތީގައި ދިމާވާ، އަލީ ނަމަކަށް ކިޔާ "ބަސްމަދު" ޒުވާނެއް (އަހްމަދު ޝިބާން) އާ ދިމާވެގެން އެ ދެމީހުންގެ ދެމެދުގައި އުފެދޭ ގުޅުމެވެ. އަދި އެ ގުޅުމުގެ ސަބަބުން ދިމާވާ ކަންތައްތައް ވެސް ފިލްމުން ފެނިގެން ދިޔައެވެ.

ސައިކޮލޮޖިކަލް ތްރިލާ "ބަވަތި" ވެގެން ގޮސްފައިވަނީ 2019 ވަނަ އަހަރު އެޅުވި ފިލްމުތަކުގެ ތެރެއިންވެސް ސިނަމާ އެންމެ ގަދައަށް ގުގުމާލި ފިލްމެވެ. ރަހުމަތްތެރިކަމުން ފެށިގެން ލޯތްބަށް ބަދަލުވެ ދެމީހުން ކައިވެނިކޮށްގެން އުޅުނުއިރު ދިމާވާ ކަންތައްތަކެއް ފިލްމުން ފެނިގެން ދިޔައެވެ. ސަސްޕެންސް އެންމެ ފުރިހަމަ މިންވަރެއްގައި ހިފެހެއްޓިފައިވާއިރު އެ ފިލްމަކީ ނޭވާ ހިފަހައްޓާލަންޖެހޭ ސީޓުގައި ހިފަހައްޓައިގެން ބަލަން އިންނަންޖެހުނު މޮޅު ފިލްމެކެވެ.

އަވަސް މަންޒަރުތަކެއް ފެނިގެންދިޔަ އެ ފިލްމުގެ ޓްވިސްޓް އައީ އެންމެ ހީނުކުރި ގޮތަށެވެ.

comment ކޮމެންޓް