ޕާކިސްތާނުގައި ހައިވޭއެއް މަތީ އަންހެނަކު ރޭޕް ކުރި ދެ މީހުން މަރަން ހުކުމްކޮށްފި

ޕާކިސްތާނުގައި މިދިޔަ ސެޕްޓެމްބަރު ހައިވޭއެއް މަތީ އަންހެނަކަށް ހަމަލާދީ ރޭޕް ކުރި މައްސަލައަށް ފަހު އެގައުމުން ވަނީ ރޭޕް އާ ގުޅުން ހުރި އާ ގާނޫނެއް ފާސްކޮށްފަ -- ފޮޓޯ: ރޮއިޓާސް

އިސްލާމްއާބާދު (މާޗް 21): ޕާކިސްތާނުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު ނުވައެއްގައި ހައިވޭއެއް މަތީ އަންހެނަކަށް ހަމަލާދީ، ރޭޕް ކުރި ދެ މީހުން މަރަން އެގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ޕާކިސްތާނުގެ ލާހޯރުގެ ކޯޓަކުން އިއްޔެ މަރުގެ ހުކުމް ކުރީ ގޭންގް ރޭޕާއި ރަހީނުކުރުމާއި ވައްކަން ކުރުމާއި ޓެރަރިޒަމްގެ އަމަލު ހިންގިކަމުގެ ދައުވާ ސާބިތުވި އަބީދު މަލްހީއާއި ޝަފްގަތު އަލީ ކިޔާ ދެ މީހެއްގެ މައްޗަށެވެ. އަދި މަރަން ހުކުމްކުރުމުގެ އިތުރުން އެ ދެ މީހުން އުމުރަށް ޖަލަށް ލާން ހުކުމްކޮށް، ޖޫރިމަނާކޮށް، އެމީހުންގެ މުދާތައް ވަނީ އަތުލާފަ އެވެ.

މަލްހީއާއި އަލީގެ ވަކީލުން ވަނީ އެ ހުކުމް އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ މައްސަލައިގައި ކޯޓަށް ހުށަހަޅާފައިވާ ޝަކުވާގައިވާ ގޮތުން ޕާކިސްތާނާއި ފްރާންސުގެ ރަށްވެހިކަން އޮންނަ އަންހެނަކަށް މިދިޔަ ސެޕްޓެމްބަރު މަހު ބަޔަކު ހަމަލާ ދިނީ ލާހޯރު ކައިރީ ހައިވޭއަކުން ކާރުގައި ދަތުރު ކުރަމުން ދަނިކޮށް، އޭނާގެ ކާރު ހުއްޓުނު ފަހުންނެވެ. އޭރު އޭނާއާއެކު އޭނާގެ ދެ ކުދިން ތިއްބެވެ. އަދި އެ އަންހެން މީހާ އާއިލާގެ ބަޔަކު އަންނަން ދެން މަޑުކޮށްގެން އިންދާ، ދެ ފިރިހެނަކު ގޮސް ހަމަލާ ދިނީ އެވެ.

އެއަށް ފަހު އަންހެން މީހާ ރޭޕްކޮށް، ފައިސާއާއިި ގަހަނާ އަތުލި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެ ހަމަލާއަށް ފަހު އަންހެނުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި ރޭޕް ކުރާ މީހުންނަށް ހަރުކަށި އަދަބު ދޭން ގާނޫނު އިސްލާހު ކުރުމަށް ގޮވާލާ ޕާކިސްތާނުގައި އެތައް ހާސް މީހުން މުޒާހަރާ ކުރި އެވެ. އަދި އެ ހާދިސާގައި އަންހެން މީހާގެ ކުށެއްވެސް ވާ ކަމަށް ދޭހަވާ ގޮތަށް ލާހޯރުގެ ސީނިއާ ފުލުހެއް ކަމަށްވާ އުމަރު ޝޭހު ދެއްކެވި ވާހަކައާ ގުޅިގެން މުޒާހަރާގެ ބައިވެރިންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ ބަޔަކު ނުރުހުން ފާޅު ކުރި އެވެ.

އެ ހާދިސާ ހިނގިތާ އެއް ދުވަސް ފަހުން މީޑިއާއާ ވާހަކަ ދައްކަވަމުން ޝޭހު ވަނީ އެ އަންހެން މީހާ ރޭގަނޑު އެކަނި ކާރުގައި ދަތުރު ކުރީ ކީއްވެގެންތޯ އާއި ދަތުރު ފެށުމުގެ ކުރިން ޕެޓްރޯލް ހުރި މިންވަރު ނުބެލީ ކީއްވެގެންތޯ ސުވާލު އުފައްދަވާފަ އެވެ. އަދި އާއްމުކޮށް ފްރާންސުގައި ދިރިއުޅޭ އެ އަންހެން މީހާ "ޕާކިސްތާނަކީ ޔޫރަޕްގެ ގައުމެއްހާ ރައްކާތެރި ގައުމެއް ކަމަށް" ލަފާ ކުރުން ގޯސް ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ފަހުން މިިދިޔަ ޑިސެމްބަރު މަހު ޕާކިސްތާނުން ވަނީ ރޭޕްއާ ގުޅުން ހުރި އާ ގާނޫނެއް ފާސްކޮށްފަ އެވެ. އެ ގާނޫނުގައި ވަނީ ރޭޕްގެ މައްސަލަތައް ވީހާވެސް އަވަހަކަށް ބަލާ ނިންމަން ހާއްސަ ކޯޓުތައް ހަދާ، ޖިންސީ ކުށް ކުރާ މީހުންގެ ރެޖިސްޓްރީއެއް ހަދަން އަންގާފަ އެވެ. އަދި ރޭޕްގެ ކުށް ތަކުރާރު ކުރާ މީހުންނަށް ބޭސް ދީގެން ޖިންސީ އެދުންވެރިކަން ކަނޑުވާލުމުގެ އަދަބު ދިނުމަށް އަންގާފަ އެވެ.

ޕާކިސްތާނުގައި ރޭޕް ކުރުމާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ "ވޯ އެގެންސްޓް ރޭޕް"އިން ބުނާ ގޮތުގައި އެގައުމުގެ ކޯޓުތަކުން ބަލާ ރޭޕް އާއި ޖިންސީ ގޯނާގެ ކޭސްތަކުގެ ތެރެއިން ދައުވާ ސާބިތު ވަނީ ތިން ޕަސެންޓަށް ވުރެ މަދު ކޭސްތަކުގަ އެވެ.

comment ކޮމެންޓް