ޔޫޓީއެފް މައްސަލަގަނޑުގެ ތެރެއަށް ސިފައިން ވެއްދުމަކީ ސަރުކާރުން ހެދި ގޯހެއް: އާދަމް ޝަރީފު

ކަޅުތުއްކަލާ ކޮށީގައި ބޭއްވި ނަސްރުގެ ދުވަހުގެ ހާއްސަ ޖަލްސާގެ ތެރެއިން ކުރީގެ މިނިސްޓަރު އާދަމް ޝަރީފު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުތުރު ތިލަފަޅު (ޔޫޓީއެފް)ގެ އެއްބަސްވުމުގެ މައްސަލައިގެ ތެރެއަށް އެމްއެންޑީއެފް ވެއްދުމަކީ ސަރުކާރުން ހެދި ގޯހެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް އެޅުމަށް ރާއްޖެއާ އެގައުމާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގެ ޑްރާފްޓް ކޮޕީއެއްް ކަމަށް ބުނާ ލިޔުމެއް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ލީކުކުރައްވައިފަ އެވެ. އަދި މައުލޫމާތު ލިބުނީ އެމްއެންޑީއެފްގެ އިސް ފަރާތްތަކުގެ ކިބައިން ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ. އެކަމާ ގުޅިގެން އެމްއެންޑީއެފްގެ ޖެނެރަލުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ލީކުކޮށްލި ލިޔުން ދޮގުކޮށްފަ އެވެ.

ރޭ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުން އުތުރު ތިލަފަޅުގެ މައްސަލައިގެ ތެރެއަށް ސިފައިން ވެއްދުމަކީ ސިފައިންނަށް ކުރާ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

"އެމްއެންޑީއެފްގެ އަގު ވެއްޓޭ ގޮތަށް ކޮރަޕްޝަންގެ އިނގިލި ދިއްކުރުމުން ކަންބޮޑުވަން. ޔޫޓީއެފް އެގްރީމެންޓުގެ މައްސަލައިގެ ތެރެއަށް އެމްއެންޑީއެފް ވެއްދުމަކީ ސަރުކާރުން ހެދި ގޯހެއް. މިފަދަ ކަންކަމުގެ ސަބަބުން އަސްކަރިއްޔާއަށް ކުރާ އިތުބާރާއި، އިހުތިރާމާއި ގަދަރު ކުޑަވާނެ. އެކަން މިދަނީ ފެންނަމުން،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ މައްސަލައާ ގުޅިގެން ޑިފެންސް މިނިސްޓްރީއިން މީގެ ކުރިން ނެރުނު ނޫސްބަޔާނެއްގައި، ރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި އިހްތިރާމާއި ގަދަރު ނަގާލަން ކުރާ މަސައްކަތަށް ފުރުސަތު ނުދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މީގެ ކުރިން ވިދާޅުވެފައި ވަނީ، އިންޑިއާއާއެކު ސޮއިކުރި އެއްބަސްވުމުގައި ވެސް ލީކްކޮށްލި ޑްރާފްޓްގައި ހުރި ގިނަ ކަންތައްތައް ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އެ ލިޔުމުގައި ހުރި ވާހަކަތައް އެންމެ ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ "ދިޔަރެސް" ނޫހުންނެވެ. އެ ނޫހުން ބުނެފައި ވަނީ، އެއްބަސްވުމުގެ ކޮޕީއެއް ލިބުނީ އެމްއެންޑީއެފްގެ އިސް ވެރިއެއްގެ ފަރާތުން ކަމަށެވެ. ނަމަވެސް އެ ޑޮކިއުމެންޓަކީ ހަގީގަތާ ހިލާފު ދޮގު ލިޔެކިޔުމެއްކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ސިފައިން ރިޝްވަތު ނުނަގާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ސިފައިންގެ އިސް ވެރިއެއްގެ ރިޝްވަތުގެ މައްސަލައެއް ބަލައިދިނުމަށް އޭސީސީއަށް ހުށަހެޅި ނަމަވެސް، އެ ކޮމިޝަނުން ނިންމާފައި ވަނީ އެ މައްސަލަ ނުބެލުމަށެވެ.

comment ކޮމެންޓް