ސާވިސްޗާޖު ދޭއިރު ޗުއްޓީގައި ހުންނަ ދުވަސްތައް ގުނަންޖެހޭ ގޮތަށް ގަވާއިދު ހަދައިފި

ފުށިފަރު ރިސޯޓުގައި ފަތުރުވެރިންނަށް ދިވެހި ސަގާފީ ހަރަކާތްތަކެއް ދައްކާލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސާވިސްޗާޖު ދޭއިރު މުވައްޒަފުންނަށް ހައްގުވާ ޗުއްޓީގައި ތިބޭ ދުވަސްތައް ވެސް ހިމެނޭހެން ސާވިސްޗާޖު ދިނުން ލާޒިމުވާގޮތަށް ގަވާއިދު ހަދައިފިއެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީ އިން އާންމުކުރި ސާވިސްޗާޖާ ބެހޭ ގަވާއިދު ބުނާގޮތުން ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ހުއްދަ ލިބިގެން ހިންގާ ރިސޯޓު، ހޮޓާ، ގެސްޓްހައުސް، ޓްރެއިނިން ރިސޯޓު، ޓްރާންސިޓް ހޮޓާ، ޓޫރިސްތު ހޮޓާ، ޔޮޓް ބަނދަރު އަދި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑުތަކުން ފޯރުކޮށްދޭ ހިދުމަތްތަކުން 10 ޕަސެންޓަށްވުރެ މަދުނޫން އަދަދަކުން ސާވިސްޗާޖު ނަގަން ޖެހެއެވެ.

އެތަންތަނުގައި ގާއިމްކޮށްފައިވާ ޑައިވް ސެންޓަރު، ސްޕާ، ވޯޓަރ ސްޕޯޓްސް ފެސިލިޓީތައް، އެކްސްކާޝަން ހަރަކާތްތަކުން އަދި ކެފޭ/ރެސްޓޯރެންޓް/ކެންޓީންތަކާއި، އެ ތަންތަނުގައި ހިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ އެފަދަ އެހެން ތަންތަނުން ވެސްސާވިސް ޗާޖު ނަގަން ޖެހޭނެ ކަމަށް ގަވައިދު ބުނެ އެވެ. އޭގެ ތެރޭގައި، ހިދުމަތް ފޯރުކޮށްދިނުމަށް އައުޓް ސޯސްކޮށްގެން، އެހެން ވިޔަފާރިއެއް
މެދުވެރިވެގެން ދޭ ހިދުމަތްތައް ވެސް ހިމެނޭނެ ކަމަށް ބުނެފައި ވެއެވެ.

ގަވައިދު ބުނާގޮތުން ގާނޫނީގޮތުން ނަގަންޖެހޭ ހުއްދަ ނުނަގައި ހިންގާ މިފަދަ ތަންތަނުންވެސް 10 ޕަސެންޓުގެ ސާވިސްޗާޖު ނަގަން ޖެހެއެވެ.

ގަވާއިދު ބުނާގޮތުން ޓޫރިސްޓް އެސްޓެބްލިޝްމެންޓެއް އެކުގައި،ނުވަތަ އެއިން ތަނެއްގެ ވަކި ބައެއް، ނުވަތަ ވަކި ކޮޓަރިއެއް، ނުވަތަ ވަކި ކޮޓަރިތަކެއް ނުވަތަ ވަކި ގެއެއް، ކަނޑައެޅޭ ވަކި މުއްދަތަކަށް، ކަނޑައެޅިފައިވާ އަގަކަށް ދޫކޮށްފައިވާނަމަ، އެ މުއާމަލާތާ ގުޅޭގޮތުން ސާވިސްޗާޖް ނަގަން ޖެހޭނީ އެގޮތުން ކަނޑައެޅިފައިވާ ޖުމުލަ އަގުގެ މައްޗަށް ބިނާކޮށެވެ.

ޓޫރިސްޓް އުޅަނދެއް ވަކި މުއްދަތަކަށް ޗާޓަރުކޮށްފައިވާނަމަ، އެ މުއާމަލާތުން ސާވިސްޗާޖް ނަގާނީ ޗާޓަރުގެ ޖުމުލަ އަގުގެ މައްޗަށް ކަމަށާއި ސާވިސްޗާޖްނަގާ ކޮންމެ ވިޔަފާރި މުއާމަލާތެއްގައި، ސާވިސްޗާޖުގެ ގޮތުގައި ނަގާ އަދަދު ބަޔާންކޮށްފައި އޮންނާންވާނެ ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން ވަޒީފާދޭ ފަރާތުން ވިޔަފާރި ހިންގާ ވަކި ތަނެއްގައި، އެ ފަރާތުން ހިންގާ ތަފާތު ވިޔަފާރިތަކުން ނަގާ ސާވިސްޗާޖުގެ ފައިސާ ހިސާބުކޮށް ބަހާނީ އެއްކޮށް ކަމަށް ގަވައިދު ބުނެފައި ވެއެވެ. ހިދުމަތް ފޯރުކޮށްދިނުމަށް ސީދާގޮތުންނާއި ނުސީދާގޮތުން ބައިވެރިވާ ހުރިހާ މުވައްޒަފުންގެ މެދުގައި،ހަމަހަމަކަމާއެކު ސާވިސްޗާޖް ބަހަން ޖެހޭނެ ކަމަށް ގަވައިދު ބުނެފައި ވެއެވެ.

ސާވިސްޗާޖް ބެހުމުގައި، ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުން ފިޔަވައި އިތުރު ބަޔަކު ހިމަނައިގެން ނުވާނެ ކަމަށްވެސް އެ ގަވައިދު ބުނެއެވެ.

ސަރވިސްޗާޖުގެ ގޮތުގައި ކޮންމެ މަހަކު މުވައްޒަފަކަށް ހައްގުވާ މިންވަރު ކަނޑައަޅާނީ އެމަހެއްގައި ސާވިސްޗާޖުގެ ގޮތުގައި ލިބުނު
ފައިސާއިން އެ މަހެއްގެ ދުވާލަކަށް ޖެހޭ މިންވަރުގެ ނިސްބަތުން، މުވައްޒަފު ހިދުމަތްކުރި ދުވަސްތަކަށް ޖެހޭ އަދަދުން ކަމަށާއި ސާވިސްޗާޖުގެ ފައިސާއިން ދުވާލަކަށް ޖެހޭ މިންވަރު ހިސާބުކުރާނީ، ސާވިސްޗާޖުގެ ގޮތުގައި ބަހާން ލާޒިމުވާ ފައިސާގެ ޖުމުލަ އަދަދު، އެ މަހެއްގައި ހިދުމަތްކުރި މުވައްޒަފުންގެ ހިދުމަތުގެ ޖުމުލަ ދުވަސްތަކުން ގެއްލައިގެން ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން މުވައްޒަފު ހިދުމަތްކުރި ދުވަސްތައް ކަނޑައެޅުމުގައި، ވަޒީފާ އާ ބެހޭ ގާނޫނުގެ ދަށުން މުސާރަ ލިބޭގޮތަށް، މުވައްޒަފަށް ހައްގުވާ
އެކިއެކި ޗުއްޓީ ތަކުގެ ދުވަސްތަކާއި، އަރާމުކުރުމަށް މުވައްޒަފަށް ހައްގުވާ ދުވަސްތައް އުނިކޮށްގެން ނުވާނެކަމަށްވެސް ބުނެފައި ވެއެވެ.

ސާވިސްޗާޖުގެ ގޮތުގައި ލިބޭ ފައިސާ، ޖެހިގެން އަންނަ މަސް ނިމުމުގެ ކުރިން މުވައްޒަފުންނަށް ދޭން ޖެހެއެވެ.

މި ގަވައިދާއެކު ހިދުމަތް ފޯރުކޮށްދިނުމުގައި ވަޒީފާދޭ ފަރާތަށް ސާވިސްޗާޖުގެ ގޮތުގައި ކޮންމެ މަހަކަށް ލިބުނު ޖުމުލަ އާމްދަނީ އާއި، އެމަހަކު ސާވިސްޗާޖް ލިބުނު މުވައްޒަފުންގެ އަދަދާއި، ސާވިސްޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ހައްގުވާ މިންވަރާއި، ސާވިސްޗާޖުގެ ގޮތުގައި ދިން ފައިސާގެ އަދަދުގެ މައުލޫމާތު، ވަޒީފާދޭ ފަރާތުން ގަވާއިދުން ބަލަހައްޓަން ޖެހެއެވެ.

އަދި ކޮންމެ އަހަރަކު ދެ ފަހަރު، އެ މައުލޫމާތު ލޭބާ ރިލޭޝަންސް އޮތޯރިޓީއަށާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ފޮނުވަން ޖެހެއެވެ.

comment ކޮމެންޓް