އޮކްސިޖަން ހުސްވެ ކޮވިޑް ބަލިމީހުންތަކެއް މަރުވުމުން އުރުދުންގެ ސިއްހަތާ ބެހޭ ވަޒީރު އިސްތިއުފާ ދެއްވައިފި

އިސްތިއުފަ ދެއްވި އުރުދުންގެ ސިއްހަތާބެހޭ ވަޒީރު

އަންމާން (މާޗް 14) : އުރްދުންގެ ސަލްތު ނަމަކަށްކިޔާ ހޮސްޕިޓަލުގައި ވެލްޓިލޭޓަރުގައި ފަރުވާދެމުން ދިޔަ ބަޔަކު އޮކްސިޖަން ހުސްވެ މަރުވުމާ ގުޅިގެން ކުރިމަތިވި ފިއްތުންތަކާ އެކު އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރު ޑރ. ނަޒީރު ޢުބައިދާތު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ހާލަތު ގޯސްވެގެން ވެލްޓިލޭޓަރުތަކުގައި ފަރުވާދެމުން ގެންދިޔައީ ކޮވިޑް-19 ގެޝިކާރައަކަށްވި ހަތް ބަލިމީހުންނެވެ. އޭގެތެރޭގައި ހިމެނެނީ ހަތަރު ފިރިހެނުންނާއި ތިން އަންހެނުންނެވެ.

އެ ހަތް މީހުން މަރުވީ ވެންޓިލޭޓަރުތައްް މެދުވެރިކޮށް އެމީހުންނަށް ދެމުން ގެންދިޔަ އޮކްސިޖަން ހުސްވުމުގެ ސަބަބުންނެވެ. އޮކްސިޖަން ހުސްވީ ކޮންމެވެސް ސަބަބަކީ ގުޅިގެން އެހޮސްޕިޓަލަށް އޮކްސިޖަން ސަޕްލައި ނުކުރެވިގެންވަނީ ކަށަވަރުވެފަ އެވެ. އޮކްސިޖަން ސަޕްލައި ނުކުރެވި މެދުކެނޑިގެން ދިޔަކަމަށް ވަނީ އިއްޔެ ހެނދު 6:00 އާ 7:00 އާ ދެމެދުގެ ވަގުތުތަކުގަ އެވެ. ސަޕްލައި މެދުކެނޑި އަދި އެއްގަޑީއިރަށް ލަސްވެގެންދިޔަ އަސްލު ސަބަބު އަދި ސާފުވެފައެއް ނުވެ އެވެ.

އުރުދުންގެ ރަސްގެފާނު އިހްތިޖާޖް ކުރާމީހުންނާ ބައްދަލުކުރައްވަނީ

މިމައްސަލާގައި ރުޅިއައިސްފައިވާ އާންމުން ވަނީ ސަލްތު ހޮސްޕިޓަލްގެ ކައިރިއަށް އެއްވެ ރުޅިވެރިކަމުގެ ޝުޢޫރުތައް ފާޅުކޮށް އިހުތިޖާޖުކޮށްފަ އެވެ. އޮކްސިޖަން ސަޕްލައިނެތިގެން ކޮވިޑް ބަލީގެ ހަތް މީހުން މަރުވި މައްސަލަ ހޫނުވުމުން އުރުދުންގެ ރަސްގެފާނު އަބްދުﷲ ވެސްވަނީ އެ ހޮސްޕިޓަލް ހުރި ސަރަހައްދަށް ވަޑައިގެން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"ނޭވާ ހޮޅިއަށް އެޅިފައިވާ ބަލިމީހުންނަށް ބޭނުންވާ އޮކްސިޖަން ސަޕްލައި މެދުކެނޑުމަކީ ބަލައިގަނެވޭނެ ކަމެއްނޫން." ކަމަށް ވިދާޅުވެ އަބްދުﷲ ރަސްގެފާނުވަނީ ވާހަކަ ދައްކަވައިފަ އެވެ. އަދި އިހްތިޖާޖް ކުރިމީހުންނާ ބައްދަލުކުރައްވައި މިކަމާ ގުޅިގެން "އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ" ކަމުގެ ޔަގީންކަން ދެއްވައި މިކަމުގައި ސީދާގޮތެއްގައި "ޒިންމާ ނަގަން ޖެހޭ ފަރާތްތައް އަމިއްލައަށް މަގާމުން ދުރުވާންޖެހޭނެ" ކަމަށް ވެސް އަބްދުﷲ ރަސްގެފާނު ވިދާޅުވި އެވެ.

އިސްތިއުފާ ދެއްވި އުރުދުންގެ ސިއްހަތާބެހޭ ވަޒީރު ޑރ. ނަޒީރު ޢުބައިދާތު ވަނީ މިފަދަ އިހުމާލެއް ހިނގާފައިވާތީ ވަރަށް ބޮޑަށް ދެރަވާކަމާއި އެކަމުގެ ޒިންމާ އުފުއްލަވާކަމަށް ވިދާޅުވެފަ އެވެ. އިސްތިއުފާ ދެއްވީ ޒިންމާ އުފުއްލެވުމުގެ ގޮތުންކަމަށް ވަނީ ބެލެވިފަ އެވެ.

މި ހާދިސާއާ ގުޅިގެން އުރުދުންގެ ބޮޑުވަޒީރު ބިޝްރުލްޚަސާވިނާ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި އޮކްސިޖަން ސަޕްލައި އަށް ބުރޫ އެރި މައްސަލަ ތަހްގީގް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. މިއާ އެކު ސަލްތު ހޮސްޕިޓަލް ނިސްބަތްވާ ބަލްޤާ ޕްރޮވިންސްގެ ސިއްހީ ޚިދުމަތްތަކާ ބެހޭ އިސްވެރިޔާ އާއި އެނޫން ވެސް އެމައްސަލައާ ގުޅުންހުރި އެތަށް މަސްއޫލުވެރިއަކު ވަނީ ސަސްޕެންޑްކޮށްފަ އެވެ. މިމައްސަލައާ ގުޅިގެން މަޝްވަރާކުރުމަށް އުރުދުންގެ ޕާލަމެންޓްގެ ކުއްލި ޖަލްސާއެއްވެސް މިއަދު ވަނީ ބާއްވައިފަ އެވެ.

އުރުދުން އަކީ އަރަބި ގިނަ ގައުމުތަކަށް ވުރެ ސިއްހީ ޚިދުމަތްތައް ވަރަށް ބޮޑުތަން ރަނގަނޅު ގައުމެކެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެގައުމުގެ ސިއްހަތާބެހޭ ނިޒާމަށް ވެސް ވަނީ ބޮޑެތި ލޮޅުންތައް އަރާފަ އެވެ. ގާތްގަނޑަކަށް 10 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އުރުދުންގައި ކޮވިޑް -19 ޖެހުނު މީހުންގެ އަދަދު ފަސް ލައްކައާ ގާތްކުރާއިރު އެ ވަބާގައި 5،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް