އުރުދުންގައި އެމެރިކާ ސިފައިންގެ ތިން މީހަކު މަރާލައިި، 34 މީހަކު ޒަޚަމުކޮށްލައިފި

އެމެރިކާގެ ރައީސް ބައިޑެން

އަންމާން (29 ޖަނަވަރީ 2024): އުރުދުންގެ އަސްކަރީ މަރުކަޒަކަށް ޑްރޯންއަކުން ދިން ޙަމަލާތަކެއްގައި އެމެރިކާ ސިފައިންގެ ތިން މީހަކު މަރުވެ، 34 މީހުން ޒަޚަމްވެއްޖެއެވެ.

މި ހަމަލާތަކުގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ.

ނަމަވެސް އެމެރިކާ ގެ ސެންޓްރަލް ކޮމާންޑް ބުނިގޮތުގައި މި ހަމަލާދިން ޑްރޯންއައީ ސޫރިޔާގެ ތެރެއިންނެވެ. އަދި، މިއީ ސޫރިޔާގައި ހަރަކާތްތެރިވާ އީރާނުގެ މަދަދު ލިބޭ ޖަމާއަތަކުން ފޮނުވި ޑްރޯނެއް ކަމަށް ވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއް ބުނެއެވެ.

އުރުދުންއަކީ އެމެރިކާގެ މާ ބޮޑު އަސްކަރީ ބޭހެއް އޮންނަ ގައުމެއް ނޫން ނަމަވެސް އެކިއެކި ލޮޖިސްޓިކް ބޭނުންތަކުގައި އުރުދުންގެ އަސްކަރީ މަރުކަޒުތަކުގައި އެމެރިކާ ސިފައިން ތިބެއެވެ. އެމެރިކާ ސިފައިންނަށް ހަމަލާދިން ގޮތްނޭނގޭ ޑްރޯންއައި ކަމަށް ވަނީ ސޫރިޔާގެ އެތެރެއިންނެވެ. އެޑްރޯންގެ ހަމަލާތައް އަމާޒުކުރީ ސޫރިޔާއާއި އުރުދުންގެ ސަރަހައްދީ ރޮނގު ގުޅިފައިވާ ހިސާބުގައިވާ އުރުދުންގެ ވިލެޖެއްކަމަށްވާ އަލްބުރުޖު ގައިވާ ލޮޖިސްޓިކް ސަޕޯޓް މަރުކަޒަކަށެވެ.

މި މަރުކަޒުގައި އެމެރިކާ ސިފައިން ތިބޭކަން އެނގުނީ ވެސް ޑްރޯންގެ ހަމަލާތައް އެމެރިކާ ސިފައިންނަށް އަމާޒުކުރުމާ އެކު އެމެރިކާ ސިފައިންގެ ތިން މީހަކު މަރުވެ 34 މީހުން ޒަޚަމްވުމާ ގުޅިގެންނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ މި ހަމަލާގެ ސަބަބުން ވަރަށް ކޯފާވެފައެވެ. ބައިޑެން ވިދާޅުވި ގޮތުގައި މި ކަމަށް އެމެރިކާ ރައްދު ދޭނެއެވެ. ނަމަވެސް އެމެރިކާ ސިފައިންނަށް ހަމަލާދިނީ ކޮން ޖަމާއަތަކުންކަން ބައިޑެން ވިދާޅެއް ނުވެއެވެ.

އެމެރިކާ ސިފައިން ---

އެމެރިކާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 750 އަށް ވުރެގިނަ އަސްކަރީ ބޭސްއާއި އަސްކަރީ އަދި ލޮޖިސްޓިކް މަރުކަޒުތައް ހަދައިގެން އުޅޭ ގައުމެކެވެ. އެމެރިކާގެ އެންމެ ގިނަ އަސްކަރީ ބޭސްތަކާއި ލޮޖިސްޓިކް މަރުކަޒުތައް ހުންނަނީ ޔޫރަޕްގައި ކަމަށްވާއިރު ދެވަނައަށް އެންމެ ގިނައިން މިފަދަ ބޭސްތަކާއި މަރުކަޒުތައް ހުންނަނީ އަރަބި ގައުމުތަކުގައެވެ. ޚާއްސަކޮށް އިރާގާއި ގަލްފު ސަރަހައްދުގައެވެ.

މީގެ އިތުރުން، ސޫރިޔާގެ އިރުއުތުރުގައި ވެސް ގަވައިދާ ޚިލާފަށް އެމެރިކާ އަސްކަރީ ބޭސްއެއް ހަދައިގެން އެމެރިކާ އުޅެއެވެ. ސޫރިޔާގައި އެމެރިކާ ފައިހަރުކޮށްލައިގެން އުޅެނީ ސޫރިޔާ ސަރުކާރުގެ ހުއްދައަކައިނުލައެވެ. ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލް ނޯންނަ ސޫރިޔާގެ ކުރުދީ ބާޣީ ޖަމާއަތްތަކުގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައެވެ.

ސޫރިޔާގައި އެމެރިކާގެ 900 ވަރަކަށް ސިފައިން ތިބެއެވެ. މިކަމުގައި އެމެރިކާއަށް ވާގިވެރިވަނީ ކުރުދީ ބާޣީ ޖަމާއަތެއްކަމަށްވާ "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އެވެ. މިއީ ތުރުކީއާއި ސޫރިޔާއިން ޓެރަރިސްޓް ޖަމާއަތެއްކަމަށް ސިފަކުރާ ޖަމާއަތެކެވެ.

އިސްރާއީލުން އެމެރިކާގެ އެހީގައި ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގައި ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގަމުން ގެންދާއިރު މި ޖަރީމާތަކަށް އެންމެ ބޮޑަށް ވާގިވެރިވަނީ އަދި މި ޖަރީމާތައް ހިންގުމަށް ބޭނުންވާ ހަތިޔާރާއި ލޮޖިސްޓިކް ސަޕޯޓް އިސްރާއީލަށް ފޯރުކޮށްދެނީ އެމެރިކާ، އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތް މި ތިން ގައުމުންނެވެ.

އެހެންކަމުން މި ކަމަށް ބަދަލުހިފުމުގެ ގޮތުން އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކުން ތަކުރާރުކޮށް ގެންދަނީ އެ ދެ ގައުމުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެމެރިކާ ސިފައިން ދިރިއުޅޭ ތަންތަނަށް ޑްރޯންއާއި ރޮކެޓުން ހަމަލާތައް ދެމުންނެވެ.

ހަމައެހެންމެ، ޔަމަންގެ ހޫޘީ ޖަމާއަތުން ގެންދަނީ ބާބުލްމަންދަބާއި ރަތްކަނޑު ހުރަސްކުރާ އިސްރާއީލާއި އިސްރާއީލުގެ ކުންފުނިތަކާއި މަހުޖަނުންނަށް ނިސްބަތްވާ އާގު ބޯޓުތަކަށް ޑްރޯން އިންނާއި މިސައިލާއި ރޮކެޓުން ގިނަ ހަމަލާތައް ދެމުންނެއެވެ.

ހޫޘީންގެ ހަމަލާތަކުން އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބޭތީ އެމެރިކާއާއި އިނގިރޭސިވިލާތުން އެކަމުގެ ރައްދުގައި ޙޫޘީންގެ އަމާޒުތަކަށް ތަކުރާރުކޮށް ހަމަލާތައް ދެމުން ގެންދެއެވެ. ނަމަވެސް ހޫޘީންގެ ހަމަލާތަކަށް ކުޑަ ވެސް ހުއްޓުމެއް ނާދެއެވެ. ހޫޘީން ތަންތަނަށް އެމެރިކާއާއި އިނގިރޭސިވިލާތުން ރައްދު ދޭން ފެށިފަހުން ހޫޘީން ވެސް ވަނީ ބަދަލުހިފުމުގެ ގޮތުން އިސްރާއީލުގެ ބޯޓުތަކުގެ އިތުރުން އެމެރިކާއާއި އިނގިރޭސިވިލާތުގެ އާގު ބޯޓުތަކަށް ވެސް ހަމަލާ ދޭން ފަށާފައެވެ.

އިރާގުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާގުގެ ޖަމާއަތްތަކުން ހަމަލާތައް ދޭތީ އެމެރިކާ މިހާރު ވަނީ އިރާގުން އެމެރިކާ ސިފައިން ބޭލުމުގެ ވާހަކަތައް އިރާގު ސަރުކާރާ އެކު ފެށުމަށް އެއްބަސްވެފައެވެ.

comment ކޮމެންޓް