އުތުރުގެ ބޮޑު ސަރަހައްދެއް ޗާޓުކުރަން އިންޑިއާއާ ގުޅިގެން ހެދި ސާވޭ ނިންމާލައިފި

އުތުރުގައި ހައިޑްރޮގްރަފިކް ސާވޭ އެއް ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖެ ގެނައިން އިންޑިއާގެ "އައިއެންއެސް ދަރްޝަކް" މަނަވަރު --

އުތުރުގެ ބޮޑު ސަރަހައްދެއް ޒަމާނީ ފެންވަރަށް ޗާޓު ކުރަން އިންޑިއާގެ ނޭވީއާ ގުޅިގެން ހެދި ސާވޭ ނިންމާލައިފި އެވެ.

އުތުރުގައި ހައިޑްރޮގްރަފިކް ސާވޭ އެއް ކުރިއަށް ގެންދިއުމަށްޓަކައި އިންޑިއާގެ "އައިއެންއެސް ދަރްޝަކް" މަނަވަރު ރާއްޖެ އައީ ޖަނަވަރީ 31، 2021 ގަ އެވެ. އެ މަނަވަރުން ފެބްރުއަރީ 4، 2021ގައި ފެށި ހައިޑްރޮގްރަފިކް ސާވޭގެ މަސައްކަތް މިއަދު ވަނީ ނިންމާލައިފަ އެވެ. އެ ސާވޭއަކީ ކުޅުދުއްފުށީ ސަރަހައްދު ޒަމާނީ ފެންވަރަށް ޗާޓުކޮށް، ބޭރުން އަންނަ ބޯޓުތަކަށް އެ ސަރަހައްދުގައި ދަތުރުފަތުރުކޮށް، އެންކާ ކުރަން ފަސޭހަކުރުމަށްޓަކައި ބޭނުންވާ މައުލޫމާތު ހޯދަން ހެދި ސާވޭއެކެވެ.

އިންޑިއާގެ ނޭވީއާ ގުޅިގެން ހެދި އެ ސާވޭއަކީ 2019 ވަނަ އަހަރުގެ ޖޫން މަހު އިންޑިއާގެ ބޮޑުވަޒީރު ނަރޭންދުރަ މޯދީ ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެދުގައި ސޮއި ކުރި "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އިން ހައިޑްރޮގްރަފީ" ގެ ދަށުން، ކުރި މަސައްކަތެކެވެ. އެ އެމްއޯޔޫގެ ދަށުން އަދިވެސް އިތުރު ސާވޭތައް ހަދާނެ އެވެ.

އެ ސާވޭ ނިންމާލުމަށްފަހު އެކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އިސްވެރިން ވިދާޅުވީ، މި އަހަރުގެ ފަހުކޮޅު އެ ސާވޭ ބޭނުންކޮށްގެން ހަދާ ޗާޓުތައް ބޭނުންކުރަން ފަށާނެ ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ލެފްޓިނެންޓް ކާނަލަ އަހުމަދު ފާތިހު ވިދާޅުވީ، ކުޅުދުއްފުށި ސަރަހައްދުގައި ހެދި ސާވޭއިން، އެ ސަރަހައްދަށް ވަންނަ ބޯޓުތަކަށް އެ ސަރަަހައްދުގެ ފުންމިނާއި، ސީ ބެޑުގައި ނުރައްކަލެއް ހުރި ނަމަ އެ ނުރައްކަލެއް އެނގިގެންދާނެ ކަމަށެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އައިއެންއެސް ދަރްޝަކް މަނަވަރު ވަނީ ހދ. އަތޮޅު ހިރިނައިދޫ އާއި ކުމުންދޫ ގެ މެދުގައިވާ ސަރަހައްދުގެ ތެރެއިން 423 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ސާވޭކޮށްފަ އެވެ. މި ސާވޭގެ ސަބަބުން ކުޅުދުއްފުށި ބަނދަރާއި، އެންކޯރާޖް އަދި ކައިރި ސަރަހައްދުތަކުގެ ތަފްސީލީ ޗާޓު ކުރެހިގެންދާނެ ކަމަށް އެ ހައިކޮމިޝަނުން ބުންޏެވެ.

އެ ސަހަރައްދުގައި އެފަދަ ސާވޭއެއް އެންމެ ފަހުން ކުރިއަށްގެންދެވިފައިވަނީ 1835 ގައެވެ. އެ ސާވޭއިން ލިބުނު ޑޭޓާ މިއަދާއިހަމައަށް އަންނަނީ ބޭނުން ކުރެވެމުންނެވެ.

އެ ހައިކޮމިޝަނުން ބުނީ، އެ ސާވޭގެ ސަބަބުން ކުޅުދުއްފުށްޓަކީ ބައިނަލްއަގްވާމީ ބަނދަރަކަށް ހެދުމުގެ މަސައްކަތުގެ ބިންގާ އެޅިގެންދާނެ ކަމަށެވެ. އަދި ކުޅުދުއްފުށީގެ ބޭރުން ބޮޑެތި މަނަވަރުތަކާއި ނައުފަހަރު ބަނދަރުކޮށް އެންކޮރާޖް އެއްގެ ގޮތުގައި ބޭނުންކުރުމަށް އެކަށީގެންވާފަދަ ކަނޑުއަޑީގެ ހުރަހެއް ނެތް ސަރަހައްދެއް މިހާރު ހޯދިފައިވާ ކަމަށްވެސް އެ ހައިކޮމިޝަނުން ބުންޏެވެ.

"ދިވެހިރާއްޖެއާއި އިންޑިއާ ގުޅިގެން ކުރެވުނު މި އައު ސާވޭގެ ސަބަބުން މި ސަރަހައްދުގައި ނެވިގޭޝަން ފެސިލިޓޭޓް ކުރެވި، ކުޅުދުއްފުށްޓަކީ ބައިނަލްއަގްވާމީ ބަނދަރަކަށް ހެދުމުގެ މަސައްކަތުގެ ބިންގާ އެޅިގެންދާނެއެވެ،" އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.

"ކުޅުދުއްފުށީގެ ބޭރުން ބޮޑެތި މަނަވަރުތަކާއި ނައުފަހަރު ބަނދަރުކޮށް އެންކޮރާޖް އެއްގެ ގޮތުގައި ބޭނުންކުރުމަށް އެކަށީގެންވާފަދަ ކަނޑުއަޑީގެ އޮބްސްޓްރަކްޝަންއެއް ނެތް ސަރަހައްދެއް ވަނީ ހޯދިފަ އެވެ،"

އެ ސާވޭގެ ދަށުން މަނަވަރާއި އޭގެ ބޯޓުތައް ބޭނުންކޮށްގެން ސަރަހައްދުގެ ކަނޑުގެ ފުންމިން ދެނެގަނެވި، ނޮޅިވަރަންފަރު، ނޮޅިވަރަމް، ކުޅުދުއްފުށި، ކުމުންދޫ، ކުނބުރުދޫ، ކޭލަކުނު، ކައްޓަލަފުށި، ކުރިނބި، ހިރިނައިދޫ، އަދި މުއިރީގެ ތަފްސީލީ ޗާޓު ކުރެހި، ސަރަހައްދުގެ ކަނޑު އޮއިގެ ޕެޓާންތައް ދެނެގަނެވުނު ކަމަށް އެ ހައިކޮމިޝަނުން ބުންޏެވެ. އެގޮތުން، ނޮޅިވަރަންފަރު، ނޮޅިވަރަމް، ކުޅުދުއްފުށި އަދި ކުމުންދޫއަށް ވަންނަ ނެރު ވަނީ ދެނެގަނެވިފައެވެ.

ޔޮޓުތަކާއި ބޯޓުތަކަށް ފަސޭހައިން ދަތުރު ކުރެވޭނެހެން ޗާޓުތަކުގައި ވަކިކުރެވޭނެ ކަމަށްވެސް ހައިކޮމިޝަނުން ބުންޏެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދަށް ދަތުރުކުރާ އުޅަނދުފަހަރަށް ދަތުރުފަތުރުކުރަން ފަސޭހަވެ، އެސަރަހައްދަށް އަންނަ ޔޮޓުތަކުގެ އަދަދު އިތުރުވެގެންދާނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ. އަދި ފަރަށް އެރުމުގެ ނުރައްކަލާ ކުރިމަތިވުމާނުލައި ރަށްރަށާއި ކައިރިވެވޭހެން ރަށްތަކުގެ ވަށައިގެންވާ ފަރުތަކުގެ ސަރަހައްދުވެސް ސާފުކޮށް ޗާޓުތަކުން އެނގޭނެ ކަމަށް ބުނެފައިވެ އެވެ.

ކުޅުދުއްފުށި ސަރަހައްދުގެ ސާވޭގެ އިތުރުން، މަނަވަރު ވަނީ ތިލަދުންމަތި ދެކުނުބުރިން ފެށިގެން މިލަދުންމަޑުލު އުތުރުބުރި އާއި ހަމައަށް ހިމެނޭ ސަރަހައްދުގެ ގާތްގަނޑަކަށް 4،068 އަކަ ކިލޯމީޓަރުގެ ސާވޭވެސް ހަދާފަ އެވެ. އޭގެ ސަބަބުން ދިވެހިރާއްޖޭގެ އުތުރު ސަރަހައްދުގެ ރަށްތަކުގެ ނެރުތަކާއި ފަޅުތައް ދެނެގަނެވޭނެ ކުޑަ ސްކޭލް ޗާޓެއް ހަދަން މަގުފަހިވެގެންދާނެ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

އެ ސާވޭގެ ދަށުން ވަނީ މި ސަރަހައްދުގެ ދިޔަވަރުގެ ކުޑަބޮޑުމިން ދެނެގަނެފަ އެވެ. އޭގެ ސަބަބުން ދިޔަވަރާއި، ދިޔަވަރާއި ގުޅޭ ޑޭޓާ މިންއެޅުމާއި ދެނެގަތުން ފަސޭހަވެގެންދާނެ ކަމަށް ހައިކޮމިޝަނުން ބުންޏެވެ. މިއީ ކަނޑުދަތުރުފަތުރަށާއި ކޯސްޓަލް ޑިވެލޮޕްމެންޓް އަށް މުހިންމު މައުލޫމާތުތަކެއް ކަމަށްވެސް ބުންޏެވެ.

ނަމަވެސް، އަދި މުޅިން އެ މަސައްކަތް ނިމިފައި ނުވާ ކަމަށް މިއަދު އެމްއެންޑީއެފްއިން ބުންޏެވެ. ކުރިއަށް އޮތްތަނުގައި ހިންގާ ސާވޭތަކުގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް ބުންޏެވެ.

އެ ސާވޭތަކުން އެއްކުރި މައުލޫމާތުތަކުގެ ސަބަބުން ކުރު އަދި ދިގު ދަތުރުތަކުގެ ވަގުތާއި ފައިސާ ސަލާމަތް ކުރެވެން ފެށުމުގެ ސަބަބުން ބޮޑެތި އުޅަނދުފަހަރު ބޭނުންކޮށްގެން އިގްތިސާދު ކުރިއެރުވޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް މިހާރު ކަނޑު އުޅަނދުފަހަރު ތަކުގައި ދަތުރުފަތުރުތަކަށް ބޭނުންވާ ޗާޓުތައް ބެހެއްޓޭނެ ކަމަށްވެސް ބުންޏެވެ.

"އުތުރުގެ އެ ސަރަހައްދުތަކުގެ ޗާޓު އާންމު ކުރުމުން އޭގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ގައުމުގެ ވިޔަފާރިތައް އިތުރަށް ފުޅާ ވެގެންދާނެއެވެ. މި ސަރަހައްދުތައް ރަގަޅަށް ޗާޓު ކުރެވުމުން ބޯޓު ފަހަރު ފުރިހަމައަށް ބަރުކުރެވި، ލޮޖިސްޓިކަލް ހަރަދުތައް ކުޑަކުރެވޭނެ އެވެ،" އިންޑިއާ ހައިކޮމިޝަނުން ބުނެފައިވެ އެވެ.

އެ ސާވޭގެ ސަބަބުން އާ ބަނދަރުތައް ގާއިމްކުރުމާއި އަދި ގާއިމްކުރެވިފައިވާ ބަނދަރުތައް ދަމަހައްޓާ ތަރައްގީކުރުމަށްވެސް ފަސޭހަވެގެންދާނެ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ. އަދި ރަށް ގިރުމާއި، ބިން ހިއްކުމާއި، އިންޑްސްޓްރިއަލް ވޭސްޓް ޑަމްޕިން ގްރައުންޑް ފަދަ ތަންތަން ގާއިމްކޮށް މޮނިޓާ ކުރުމާއި، އަކުއާކަލްޗާ ހަރަކާތްތައް ތަރައްގީކުރުމާއި، ދަތުރުފަތުރުގެ މަޝްރޫއުތަށް ހިންގާ، ބަލަހައްޓައި، ކޮންޓްރޯލްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބުންޏެވެ.

އިންޑިއާގެ ނޭވީއިން ވަނީ ދިވެހި ސިފައިންނަށް ތަމްރީނު ދީ ސާވޭ ކުރުމަށް ބޭނުންވާ ސާމާނު ދީފައިވެ އެވެ. ކުރިއަށް އޮތް ތަނުގައި އެ ތަކެއްޗާއި ތަމްރީނުގެ އެހީގައި އެމްއެންޑީއެފްއަށް ބައެއް ސާވޭތައް ހިންގޭނެ ކަމަށް މިއަދު އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.

އިންޑިއާ އަކީ 1955 އިން ފެށިގެން އިންޓަނެޝަނަލް ހައިޑްރޮގްރަފިކް އޮގަނައިޒޭޝަން (އައިއެޗްއޯ) ގެ މެމްބަރު ގައުމެކެވެ. އަދި ނޯތު އިންޑިއަން އޯޝަން ހައިޑްރޮގްރަފިކް ކޮމިޝަން (އެންއައިއޯއެޗްސީ) ފައުންޑިން މެމްބަރެއްގެ އިތުރުން، ދެކުނު އެފްރިކާ އައިލެންޑްސް ހައިޑްރޮގްރަފިކް ކޮމިޝަން (އެސްއޭއައިއެޗްސީ) ގެ އެސޯސިއޭޓް މެމްބަރެކެވެ.

comment ކޮމެންޓް