މެއި 14 އިން ފެށިގެން ގްރީސް ޓޫރިސްޓުންނަށް ހުޅުވާލަނީ

ގްރީސް---

ޓޫރިސްޓުންނަށް ގްރީސް ހުޅުވާލަން ތައްޔާރުވެއްޖެ އެވެ.

އެ ގައުމުގެ ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ މެއި މަހުގެ 14 އިން ފެށިގެން ޓޫރިސްޓުންނަށް ގްރީސް ހުޅުވާލާނެ ކަމަށެވެ.

ޓޫރިސްޓުންނަށް އެ ގައުމު ހުޅުވާލި ނަމަވެސް ގްރީސް އަށް ޓޫރިސްޓު ވިސާގައި އެތެރެ ވެވޭނީ ކޮވިޑް 19 އާއި ދެކޮޅަށް ވެކްސިން ޖަހާފައިވާ މީހުންނަށް ނުވަތަ ކޮވިޑް އެންޓި ބޮޑީސް ހުރި މީހުންނަށް ނުވަތަ ކޮވިޑް ނެގެޓިވް ޓެސްޓަކާ އެކު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ގްރީސްގެ ބޯޑަރު ޓޫރިސްޓުންނަށް ހުޅުވާލާ އިރު އެ ގައުމުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނާއި ކޮވިޑް ޖެހުމުން ހާލު ދެރަވެދާނެ މީހުންނަށް ވެކްސިން ދިނުމަށް ފަހު ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ވެކްސިން ދޭން ފަށަން ވަނީ ނިންމައިފަ އެވެ.

ގްރީސްގެ ބޯޑަރު ހުޅުވާލާ، ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ތައްޔާރުވާ އިރު، މިއީ ހޫނު މޫސުމާ ދިމާކޮށް ޔޫރަޕުގައި ދަތުރު ކުރަން ބޭނުންވެފައި ތިބި މީހުންނަށް ހާއްސަ ފުރުސަތަކަށް ވާނެ އެވެ. އަދި މި ދަނޑިވަޅުގައި ގްރީސްގެ އިގްތިސޯދަށްވެސް މިއީ މުހިއްމު ކަމެކެވެ.

ގްރީސްގެ އިގްތިސޯދުގެ ބޮޑު އިންސައްތައެއް ޓޫރިޒަމަށް ބަރޯސާ ވާއިރު 2019 ވަނަ އަހަރުގެ ނިޔަލަށް އެ ގައުމުގެ މަސައްކަތްތެރިންގެ ފަސްބައިކުޅަ އެއްބައި މީހުންނަކީ ޓޫރިޒަމް ސިނާއަތުގައި ނުވަތަ އެ ސިނާއަތާ ގުޅުންހުރި މަސައްކަތް ކުރާ މީހުންނެވެ.

comment ކޮމެންޓް