ގްރީސްގައި ދެ ރޭލު ޖެހި 32 މީހުން މަރުވެއްޖެ

ގްރީސްގެ ރަށެއް ކަމަށްވީ ތެސަލޮނީކީއަށް ދަތުރުކުރަމުންދިޔަ ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓް -- ފޮޓޯ/ ރޮއިޓާސް

ގްރީސްގެ ރަށެއް ކަމަށްވާ ތެސަލޮނީކީއަށް ދަތުރުކުރަމުންދިޔަ ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 32 މީހުން މަރުވެއްޖެއެވެ.

ދަންވަރުގެ ވަގުތުގައި ހިނގި މި ހާދިސާގައި ރޭލު ވަނީ ދަގަނޑުތައް މަތިން ބޭރަށް ކަހާލާފައެވެ.

އެކްސިޑެންޓުވެފައި ވަނީ މުދާ އުފުލާ ރޭލަކާއި ފަސިންޖަރުން އުފުލާ ރޭލެކެވެ. މި ހާދިސާ ހިނގި ވަގުތު ފަސިންޖަރުން އުފުލާ ރޭލުގައި 350 މީހުން ތިބި ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

މި ހާދިސާގައި ރޭލުގައި ދަތުރުކުރި އިތުރު 85 މީހަކު ވަނީ ޒަޚަމުވެފައެވެ. މި މީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންނެވެ.

އޮފިޝަލުން ބުނީ ރޭލުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރެވިފައި ވަނީ އެތަކެއް ގަޑިއިރުތަކެއް ފަހުން ކަމަށެވެ. ހާދިސާގެ ފަސް ގަޑިއިރު ފަހުން ވެސް، ރޭލުގެ ކާރުތަކުގެ ދަށުން މަރުވެފައިވާ މީހުން ފެނިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

ގްރީސްގެ ރަށެއް ކަމަށްވީ ތެސަލޮނީކީއަށް ދަތުރުކުރަމުންދިޔަ ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓް -- ފޮޓޯ/ ރޮއިޓާސް

މި ހާދިސާގައި ކުދި އަނިޔާ ލިބިފައިވާ ފަރާތްތައް ސަލާމަތްތެރި ކަމާއެކު ތެސަލޮނީކީއަށް ފޮނުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިއީ، ގްރީސްގެ ތާރީޚުގައި ވެސް ހިނގާފައިވާ މި ފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ.

ގްރީސްގެ ސިއްޙަތާ ބެހޭ ވަޒީރު ތާނޯސް ޕެލްވްރީ ވަނީ ހާދިސާ ހިނގި ސަރަޙައްދަށް ވަޑައިގެން ޒަޚަމުވި މީހުންނަށް ފަރުވާދިނުމަށް ކުރަމުންދިޔަ މަސައްކަތްތައް ބައްލަވައިލައްވާފައެވެ.

ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ވަނީ ސަރުކާރާއި އެކު ކުއްލި ބައްދަލުވުމެއް ވެސް ބާއްވާފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން މިހާރު ވަނީ ތަހުޤީޤު ފަށާފައެވެ.

comment ކޮމެންޓް