ބްރޯޑްކޮމްގެ މެމްބަރުކަމަށް ފަޒީން އައްޔަންކޮށްފި

ރައީސް ސޯލިހް ފަޒީނަށް މަގާމުގެ ލިޔުން ދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މެންބަރުކަމަށް ރާއްޖެ ޓީވީގައި ނޫސްވެރިކަން ކުރި މުހައްމަދު ފަޒީން އެ މަގާމަށް މިއަދު އައްޔަންކޮށްފި އެވެ.

މިއަދު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވަނީ، ފަޒީން އެ މަގާމަށް އައްޔަންކުރައްވައި، މަގާމުގެ ލިއުން ހަވާލުކޮށްދެއްވާފަ އެވެ.

ފަޒީން އެ މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ، މިމަހު ދެ ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.

އެ މަގާމަށް ރައިސް ފޮނުވި 11 މީހުންގެ ތެރެއިން ރައީސް ފޮނުވި ތަރުތީބުން، މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީން ރުހުން ދިނީ ފަޒީންއާއި ވީޓީވީގެ ނޫސްވެރިޔާ ޝިފްޒާ މުސްތަފާ އަށެވެ.

ކޮމިޓީގެ ނިންމުމާ އެއްގޮތަށް މަޖިލިސް ޖަލްސާގައި ފުރަތަމަ ވޯޓަށް އެހީ ފަޒީންގެ ނަމަށެވެ. ފަޒީންއަށް ރުހުންދޭން ފެންނަ ކަމަށް 55 މެމްބަރުން ވޯޓު ދެއްވި އެވެ. ފަޒީންއަށް ރުހުން ލިބުމުން ޝިފްޒާގެ ނަމަށް ވޯޓަށް ނާހަ އެވެ.

ފަޒީނަށް މަގާމުގެ ލިޔުން ހާވާލުކުުރުމަށް ބެއްވި ރަސްމިއްޔާތުގެ ތެރެއިން: އޭނާއަށް ރުހުން ލިބުނީ މަޖިލީހުގެ 55 މެމްބަރުންގެ ވޯޓުން

ފަޒީން ވަނީ މީގެ ކުރިންވެސް އެ މަގާމަށް ކުރިމަތިލާފަ އެވެ. އެހެން ނަމަވެސް އެފަހަރު މަޖިލީހުން ރުހުން ދިނީ ވީޓީވީގެ ކުރީގެ ނޫސްވެރިޔާ އަމިނަތު އަމީނާއަށެވެ

ދެހާސް ބާރަވަނަ އަހަރު ނޫސްވެރިކަމުގެ މަސައްކަތް ފެއްޓެވި ފަޒީނަކީ ވިލާ ކޮލެޖުން ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޮލޮޖީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެރ ފުރަތަމަ މަސައްކަތް ކުރެއްވީ، ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް)ގެ ސީނިއާ ޖަރނަލިސްޓެއްގެ ގޮތުގަ އެވެ. އޭގެ އިތުރުން 2014 ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން އަދާކުރައްވަމުން ގެންދެވީ ރާއްޖެ ޓީވީގެ ސީނިއާ ވީޑިއޯ ޖަރނަލިސްޓްގެ މަގާމެވެ.

މީގެ ކުރިން ފަޒީން ވަނީ ތުޅާދޫ ދާއިރާގެ މަޖިލިސް ގޮޑިއަށް އެމްޑީޕީ ޓިކެޓްގައި ވާދަ ކުރުމަށް އެޕާޓީގެ ޕްރައިމަރީގައިވެސް ބައިވެރިވެވަޑައިގެންފަ އެެވެ. އެފަހަރު އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ، މިހާރުގެ އެ ދާއިރާ މެމްބަރު ހިސާން ހުސައިން އެވެ.

comment ކޮމެންޓް