ޒާހިދު އީސީގެ ޝަކުވާ ބަލާ ވެރިއަކަށް އައްޔަން ކުރުމުން މެމްބަރުން ކަންބޮޑުވެެއްޖެ

ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ނައިބު ރައީސްކަމުން ވަކި ކުރި މުހައްމަދު ޒާހިދު، އިލެކްޝަންސް ކޮމިޝަންގެ ކޮޕްލައިންސް ބިއުރޯގެ ވެރިއަކަށް އައްޔަން ކުރުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅުއްވައިފި އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް މިއަދުގެ ކޮމިޓީ ބައްދަލުވުން ފައްޓަވަމުން ވިދާޅުވީ އެޗްއާރުސީއެމްގެ މެންބަރުކަމުން ވަކިކޮށްފައިވާ ޒާހިދު ކައުންސިލް އިންތިހާބުގެ ޝަކުވާތައް ބަލާ އިސްވެރިއަކަށް އީސީއިން ހަމަޖެއްސުމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ބައެއް މެމެބަރުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ސަމާލުކަމަށް އެ މައްސަލަ ގެނެސްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އީސީގެ ވެރިން މިއަދު ވަނީ އެ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ، ކޮމްޕްލެއިންސް ބިއުރޯގެ ވެރިޔަކަށް ޒާހިދު އައްޔަންކޮށްފައިވަނީ، އާންމުކޮށް ކޮމްޕްލެއިންސް ބިއުރޯއަށް އިއުލާންކޮށްގެން، ޝަރުތު ހަމަވާ މީހުންގެ ތެރެއިން އިންޓަވިއު ކުރުމަށްފަހު، އިންޓަވިއުއިން ނެގުނު ފަސްމީހުންގެ ތެރެއިން ކަމަށެވެ. އެގޮތުން އޭނާއަކީ، ކުރިމަތިލީ މީހުންގެ ތެރެއިން އެންމެ "ތަޖުރިބާހުރި، ގާބިލު" މީހާކަމަށް ކޮމިޝަންގެ ފަސް މެމްބަރުންނަށް އިއްތިފާގުވެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

" އެއްވެސް ހާލެއްގައި ޒާހިދަކީ މަޖިލީހުގެ މެމްބަރުންގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވާ ބޭފުޅެއް ކަމަށް ބަލައިގެން އެ ގޮތުގެ މަތީން ނަގާފައިވާ ބޭފުޅެއް ނޫން. ހަމަ އާންމު އުސޫލުތަކުގެ ތެރެއިން އެކަމަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކުރިމަތިލައިގެން އިންޓަވިއު ޕްރޮސެސްއަކުން އެޕްރޫވްވެގެން [ޒާހިދު] ނަގާފައި ވަނީ،" ޝަރީފު ވިދާޅުވި އެވެ.

https://sun.mv/140405

ޒާހިދު އީސީގެ ކޮމްޕަޔަންސްގެ ވެރިއަކަށް ހުރުން އިންސާފުވެރި ނުވާނެ: މެމްބަރުން

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން: ޒާހިދާމެދު އެމްޑީޕީ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި --- ފޮޓޯ/ މަޖިލިސް

އެކަމާ ގުޅިގެން ކޮމިޓީގެ މެމްބަރުންގެ ހިޔާލުވެސް ރޮޒައިނާ ހޯދެއްވި އެވެ. ކޮމިޓީގައި އެމްޑީޕީ މެމްބަރުން ވިދާޅުވީ، މަޖިލީހުން އިތުބާރު ނެތް ކަަމަށް ފާސްކޮށްފައިވާ މީހެއް އަނެއްކާވެސް ޒިންމާ ބޮޑު މަގާމަށް އައްޔަން ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

ކޮމިޓީގައި ވާހަކަ ދައްކަަވަމުން ތިނަދޫ ދެކުނު ދާއިރާ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވީ، ޒާހިދު އެމަގާމަށް އައްޔަން ކުރުމުން އޭނާއަށް ލިބުނީ "ހައިރާން" ކަމެކެވެ. ޒާހިދާ މެދު އިތުބާރު ނެތް ކަމަށް ނެގުނީ، ގިނަ މަސައްލަތަކުގެ މައްޗަށް ބިނާކޮށްކަން ވެސް ސަނީފް ފާހަގަ ކުރެއްވި އެވެ.

އެމްޑީޕީގެ އަގުލަބިއްޔަތު އޮންނަަ މަޖިލީހަކުން ޒާހިދު މަގާމުން ވަކިކުރުމުން އެޕާޓީއަށްވެސް "ޒާހިދުގެ ހިތުގައި ނުރުހުމެއް، ހިތްހަމަނުޖެހުން ހުންނާނެ" ކަމަށް ސަނީފް ވިދާޅުވި އެވެ. އެހެން ކަމުން އެޕާޓީއާ މެދު އިންސާފުން ކަން ކުރާނެ ކަމާމެދު ސަނީފް ސުވާލު އުފެެއްދެވި އެވެ.

"ދެން އަޅުގަނޑުމެންނަށް ޕާޓީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓަށް އޮތީ ކޮން އިތުބާރެއްތޯ. އެމްޑީޕީގެ ކެންޑޭޓުންނަށް މަޖިލީހުން ދޭނީ ކޮން އިތުބާރެއްތޯ އެބޭފުޅުންގެ ޝަކުވާތައް [ޒާހިދު] ބަލައިގަންނާނެ ކަމަށް،" ސަނީފް ވިދާޅުވި އެވެ.

ތައުލީމާއި ތަޖުރިބާއިން ބަލާއިރު، ޒާހިދު އެ މަގާމަށް ނެގިދާނެ ކަމަށާއި އެހެން ނަމަވެސް ކުރިން އަދާކުރެއްވި މަގާމުން ވަކިކުރީ ކީއްވެގެންތޯވެސް ބަލަން ޖެހޭ ކަމަށް ސަނީފް ވިދާޅުވި އެވެ.

"އެމްޑީޕީގެ 65 މެމްބަރުންނަށް އިތުބާރެއް ނެތް، ޒާހިދު ކޮމްޕްލައިސް ބިއުރޭގެ ހެޑަކަށް ހުރެގެން އެމްޑީޕީގެ ކެންޑިޑޭޓުން ކުރާ ޝަކުވާއަށް އިންސާފުވެރި ޖަވާބެއްދޭނެ ކަމާމެދު،" ސަނީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ މަލާއިކަތުން ނޫން ވީމަ ޖަޒުބާތުތަކެއް ހުންނާ، ހަސަދަވެރިކަންވެސް ހުންނާނެ. ރުޅިވެރިކަމެއްވެސް ހުންނާނެ. އެހެންވީމަ މިކަމަށް ރަނގަޅު ހައްލެއް ހޯދައިދިދނުން އެދެން،"

ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޝަންގެ އިސް ބޭޅުން ބައިވެރިވަޑައިގަންނަވަނީ --- ފޮޓޯ/ މަޖިލިސް

ބިލެއްދޫ ދާއިރާ މެމްބަރު އަހަމަދު ހަލީމް (ދޮންބިލަތް) ވިދާޅުވީ، އިންތިހާބެއްގައި ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ ޝަކުވާ ހުށަހަޅުން ކަމަށާއި އެ ޝަކުވާ ބަލާ އެންމެ އިސްމީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތިގެން ވަކި ކުރި މީހަކު ހުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ބައިވަރު މައްސަލަތަކެއް ހުރެގެން އޭނާ ވަކިކުރަން ޖެހުނީ. ވަރަށް ބޮޑަށް އިހުމާވެފައި [ޒާހިދު] އޮތީ. އެހެން އޮއްވާ ރައްޔިތުންނާ ގުޅޭ އެހެން މަގާމަކަށް ލުމުން އިލެކްޝަންސްގެ އިތުބާރު އެބަ ކުޑަވޭ، މަޖިލީހުގެ ކަރާމަތައްވެސް،" ދޮންބިލަތް ވިދާޅުވި އެވެ.

"އިއްޔެ ވަޒީރަކު [މަލީހު] ވަކިކުރީ ވޯޓެއް ނަގައިގެން. އަނެއްކާ މާދަމާ އޭނާ ރައްޔިތުންނާ ގުޅޭ އެހެންތަނަކަށް ލީމަ އަޅުގަނޑުމެން ކުރާ މަސައްކަތް ދިމާ ނުވޭ،"

އެމްޑީޕީގެ މެމްބަރުންގެ ހިޔާލާ ތަފާތުވީ، ކޮމިޓީގައި އަމިއްލަ މެމްބަރެއްގެ ގޮތުގައި އިންނަވާ ވިލިމާލެ ދާއިރާ މެމްބަރު އަހްމަދު އުޝާމް އެކަންޏެވެ.

އޭނާ ވިދާޅުވި ގޮތުގައި ޒާހިދަކީ 33 އަހަރުގެ ވަންދެން ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ދައުލަތުގެ އިދާރާތަކުގެ މަސައްކަތް ކުރެއްވި ތަޖުރިބާކާރު، އެމަގާމަށް ގާބިލު ބޭފުޅެއް ކަމަށެވެ. ޒާހިދުގެ މަގާމަކީ، ކިހާ ބާރުވެރި އަދި އެކަނި ނިންމުންތައް ނިންމުގެ ބާރު އޮންނަ ފަރާތެއްތޯ އުޝާމް ސުވާލު ކުރެއްވި އެވެ.

މެމްބަރުންގެ ސުވާލުތަކާއި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ކޮމިޝަންގެ ރައީސް ޝަރީފު ވިދާޅުވީ، އިތުބާރު ނެތް މީހަކު އެމަގާމަށް އައްޔަން ކުރުމަކީ ކޮމިޝަނުން އެ ވިސްނުން ބަހައްޓައިގެން ކުރި ކަމެއް ނޫން ކަމަށެވެ. އަދި އޭނާ މަގާމަށް އައްޔަން ކުރީ ތަޖުރިބާއަށް ބަލައިގެން ކަމަށް ޝަރީފު ތަކުރާރުކޮށް ވިދާޅުވި އެވެ.

އުޝާމްގެ ސުވާލަށް ޖަވާބު ދެއްވަމުން ޝަރީފު ވިދާޅުވީ، ޒާހިދު އެކަނި ނިންމުންތައް ނިންމުގެ އިހްތިޔާރެއް ނޯންނާނެ ކަމަށެވެ. އަދި އޭނާއަކީ، "މާބޮޑު ބާރެއް" އޮންނަ ފަރާތެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ކޮމްޕްލައިންސް ބިއުރޯގެ ހެޑަކަށް ޒާހިދު ލުމުން އިންތިހާބުގެ ކަންކަމަށް ނުފޫޒު ނުފޯރުވޭނެ. [މިސާލަކަށް] އެބޭފުޅާއަކީ ސްޓްރޯންގް ޕާސަނަނިޓީއެއް ހުރި މީހަކަށްވުމުން އެބޭފުޅާގެ ބޭނުންވާ ވިއުއެއް ބިއުރޯގެ ފަސް މެމްބަރުން ތެރޭގައި ވިއްކި ދާނެ. އެކަމަކު އެ ވިއު އަކީ، ކޮމިޝަނަށް ގަބޫލުނުކުރެވޭ ވިއުއް ނަމަ، ކޮމިޝަނުން އަލުން އެ މައްސލަަ ބަލަން ފޮނުވޭނެ،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު އިތުރަށް ވިދާޅުވީ، އެކަމުގައި ކޮމިޝަނުން "އިތުރަށް ކުރިއަށް ދެވިދާނެ ގޮތަކީ ކޮބާތޯ ބެލުމަށް މަޝްވަރާކޮށް،" ކޮމިޓީއާ ހިއްސާ ކުރާނެ ކަމަށެވެ.

comment ކޮމެންޓް