އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަކީ އިންސާފުވެރި ހަމަހަމަ އިންތިޚާބެއްކަމަށް ގަބޫލު ނުކުރެވޭތީ އެކަމާ ގުޅިގެން ހުރި ބައެއް ޝަކުވާތައް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައި ވާކަމަށާއި ނަމަވެސް އެ ޝަކުވާތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައި ނުވާކަމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން މިއަދު ބުނެފިއެވެ.
އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމްގެ އިންތިޚާބީ އެޖެންޓު އަޙްމަދު އުޝާމް ވިދާޅުވީ، މިނިވަން މުއައްސަސާތައް މިއަދު މިނިވަން ނޫން ކަމަށެވެ. އަދި ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ފާޅުގައި މަސައްކަތް ކުރާއިރު، އެ މުއައްސަސާތަކުން ހަރަކާތްތެރިވާތަން ނުފެންނަ ކަމަށް އުޝާމް ވިދާޅުވިއެވެ.
"މިކަމާ ގުޅޭ ގޮތުން އަޅުގަނޑުމެން އެކި ފޯރަމްތަކުގަ އެކި ޝަކުވާ ވެސް ހުށަހަޅައިފިން. އިލެކްޝަންސް ކޮމިޝަންގަ މިކަމާ ގުޅިގެން ޝަކުވާ ހުށަހަޅައިފިން. އަދި ހަމަ އެއާއެކު އީސީން އެކުލަވާލާފައި އޮތް އިންތިޚާބުތަކަށް ލަފާދޭ ކޮމިޓީގަ، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް އަޅުގަނޑުމެން އެ މައްސަލަ ހުށަހަޅައިފިން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ އިންތިޚާބަށް ދެތިން ދުވަހަށް ވެގެން ދާއިރު ވެސް އެކަންކަމަށް އެއްވެސް ފިޔަވަޅެއް އެޅިގެން ނުދާތަން،" ވިލިމާލެ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އުޝާމް ވިދާޅުވިއެވެ.
އެހެންކަމުން މިހާރު މިއޮތް ހާލަތުގައި ވޯޓުލުން ބާއްވައިފި ނަމަ އިންތިޚާބު އިންސާފުވެރި ވާނޭކަމަށް ގަބޫލު ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަދިވެސް މިނިވަން މުއައްސަސާތަކުގަ އެދެމުން މިދަނީ މިކަންކަން ބައްލަވާ މިކަންކަމުގެ އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް،" އޭނާ ވިދާޅުވިއެވެ.
މި ކަންކަމާ ގުޅިގެން އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން މެނޭޖަރު ނިޝާން މިހައްމަދު ދީދީ ވިދާޅުވީ އެމްއެންޕީގެ ފަރާތުން އަދި އެފަދަ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
"ހުށަހަޅާފަ ނުވަންޏާ އަޅުގަނޑުމެނަކަށް ޖަވާބެއް ނުދެވޭނެ އެއްނޫންތޯ،" އޭނާ ވިދާޅުވިއެވެ.
އެމްއެންޕީގެ ނައިބު ރައީސް އަދި އެ ޕާޓިގެ ކެމްޕެއިން މެނޭޖަރު ހުސައިން އިސްމާއީލް ވަނީ ޕާކިން ޖޫރިމަނާތައް މާފުކޮށްދޭން ރައީސް ނިންމެވުމުން އެކަމަށް ފާޑު ވިދާޅުވެފައެވެ.
އެގޮތުން އޭނާ ވިދާޅުވީ، ގާނޫނާއި ގަވާއިދާ ޚިލާފުވެފައި ތިބި މީހުންގެ ޓްރެފިކް ޖޫރިމަނާ މައާފްކޮށްދިނުމަކީ އިންސާފެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި މިއީ ގަވާއިދާ އެއްގޮތަށް ޓްރެފިކް ޖޫރިމަނާ ފައިސާ ދައްކާ މީހުނަށް ވެސް އިންސާފެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.