ގާނޫނު ނެގެހެއްޓުމަށް ފުރިހަމައަށް މަސައްކަތް ކުރާނަން: އުޝާމް

އަހްމަދު އުޝާމް ބަންޑާރަ ނައިބުގެ މަގާމާ ހަވާލުވެވަޑައިގަންނަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ގާނޫނު ނެގެހެއްޓުމުގެ މަސައްކަތް ފުރިހަމައަށް އަދާކުރުންމަތީ ދެމިހުންނާނެކަމަށް އާ ސަރުކާރުގެ ބަންޑާރަ ނައިބު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ވިލިމާލެ ދާއިރާގެ މެމްބަރަކަށް ހުންނެވުމަށްފަހު ބަންޑާރަ ނައިބު ކަމާ އިއްޔެ ހަވާލުވެ ވަޑައިގެންނެވި އުޝާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މި ވެރިކަމުގައި ޤާނޫނާއި ގަވާއިދުތައް ދެމެހެއްޓުމަށް ނަމޫނާ މިންގަނޑުތަކެއް ކަނޑައެޅޭނެ ކަމަށެވެ.

އަދި މަގާމާ ކުރިމަތި ލަނީ ސީރިއަސްކަމާ އިޚުލާސްތެރިކަމާ އެކުކަމަށް އޭނާ ވިދާޅުވިއެވެ. އުޝާމް ވިދާޅުވީ، ބަންޑާރަ ނައިމުކަމުގެ ހުވައަށް ތެދުވެރި ވާނެކަމުގައެވެ.

ރޭ ބަންޑާރަ ނައިބުކަމުގެ ހުވާ ކުރައްވާ އުޝާމް އެ މަގާމާ ހަވާލުވުމުން ކުރީގެ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވަނީ އުޝާމަށް މަރުހަބާ ވިދާޅުވެފައެވެ. ރިފްއަތު ވިދާޅުވީ މިއީ ޒިންމާތަކާއި ބުރަ ބޮޑު މަޤާމެއް ކަމަށެވެ. ނަމަވެސް، ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތުތައް މިހާރު ހަވާލުވެފައި ވަނީ ޤާބިލް ބޭފުޅަކަށްކަން ގަބޫލުކުރައްވާ ކަމަށް ރިފްއަތް ވިދާޅުވިއެވެ.

އުޝާމް ވަނީ ރިފްއަތުގެ މި ވާހަކަތަކަށް ރައްދު ދެއްވާ ޝުކުރު އަދާކުރައްވާފައެވެ.

އުޝާމަކީ ގާނޫނީ ވަކީލެކެވެ. އޭނާ ގާނޫނީ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރެއްވީ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑުންނެވެ.

އުޝާމް ވަނީ މީގެ ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލްގެ މަގާމާއި ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމު ފުރުއްވާފައެވެ.

އުޝާމް 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވީ އަމިއްލަ ގޮތުން ނަމަވެސް، އޭނާ ވަނީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒާ އެއްކޮށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. އުޝާމަކީ އެ ޕާޓީގެ ނައިބު ރައީސެކެވެ.

comment ކޮމެންޓް