ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެމްބަރު ކަމުން އެ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ޒާހިދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އޭނާ މަގާމުން ވަކިކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ނިންމީ ރިޕޯޓަށް މިއަދު މަޖިލީހުގެ ތަޅުމުގައި ބައިވެރިވި 61 މެމްބަރުންގެ ވޯޓާ އެކު އެވެ. އޭނާ ވަކިކުރަން ނުފެންނަ ކަމަށް ދެ މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.
ޒާހިދު މަގާމުން ވަކިކުރަން ނިންމި ސަބަބު ތަކުގެ ތެރޭގައި ކޮމިޓީއަށް ތަކުރާރުކޮށް ދޮގު މައުލޫމާތު ދިން މައްސަލައާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ބެލުމުގައި އިހުމާލު ވެފައިވާ މައްސަލަ ހިމެނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅި މައްސަލަ ވެސް ހިމެނެ އެވެ.
އޭގެ އިތުރުން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ އާއިލާގެ ފަރާތުން ހުށަހެޅި މައްސަލަތައް ބެލުމުގައި އިހުމާލުވި މައްސަލަވެސް ޒާހިދު ވަކިކުރި ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ.
އަދި އޭގެއިތުރުންވެސް މައްސަލަތައް ބެލުމުގައި އިހުމާލުވި ގިނަ މައްސަލަތަކެއް މަޖިލީހުން ފާހަގަކޮށްފައިވެ އެވެ. އެހުރިހާ ކަމަކަށް ބަލާއިރު ޒާހިދު އެޗްއާރުސީމްގެ މެމްބަރުކަމުގެ މަގާމުގައި ހުރުމުގެ ގާބިލުކަމެއް ނެތް ކަމަށް މަޖިލީހުން ވަނީ ނިންމާފަ އެވެ.
ޒާހިދުގެ އިތުރުން އެޗްއާރުސީއެމްގެ ރައީސްގެ މަގާމުގައި ހުންނެވި އައިމިނަތު އީނާސް އަދި މެމްބަރު އައިޝަތު އަފްރީންގެ އިތުރުން މޫސާ އަލީ ކަލޭފާނު މަގާމުން ވަކިކުރުމުގެ މަސައްކަތްވެސް މަޖިލީހުން ކުރި އެވެ. ނަމަވެސް ވަކިކުރުމުގެ މަރުހަލާ ކުރިއަށް ދަނިކޮށް އެބޭފުުޅުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.