ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނެތް ކަމަށް ގާނޫނީ ވަކީލް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ވިލުފުށީ ދާއިރާގެ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު ޙަސަން އަފީފު ރިޔާސަތުގައި އިންނަވައި މިއަދުގެ ޖަލްސާ ފެއްޓުމާއެކު، މެދު ހެންވޭރު ދާއިރާގެ އެ ޕާޓީގެ މެންބަރު އަލީ އާޒިމް ނިޒާމީ ނުކުތާއެއް ނެންގެވިއެވެ.
އާޒިމް ވިދާޅުވީ އެމްޑީޕީން ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައި ވަނީ ބިލެއްކަން ނުވަތަ މައްސަލައެއްކަން ނުވަތަ ކުއްލި މައްސަލައެއްކަން ނުވަތަ ގަރާރެއްކަން ވެސް ސާފުނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ގަރާރެއް އޮންނަން ޖެހޭ ގޮތް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީން ހުށަހެޅި ގަރާރު އެކުލަވާލާފައިވަނީ އެ ގަރާރާ އެއްގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދުގެ 169 ވަނަ މާއްދާއަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ، ގަރާރެއްގައި ދީބާޖާއެއް ހިމަނަން ޖެހޭ ކަމަށެވެ. ނަމަވެސް އެމްޑީޕީން ހުށަހަޅި ގަރާރުގައި ދީބާޖާއެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.
އާޒިމް ވާހަކަދެއްކެވި ވަގުތު އެމްޑީޕީގެ ބައެއް މެންބަރުން އެ ނުކުތާ ދެކޮޅަށް އަޑުގަދަ ކުރެއްވިއެވެ. އަދި އެ ނުކުތާ ބަލައިގަންނަކަން ނުވަތަ ނޫންކަން ހާމަނުކުރައްވައި، އަފީފް ދެން ފުރުސަތު ދެއްވީ އެހެން މެންބަރުންގެ ނިޒާމީ ނުކުތާއަށެވެ.
އޭގެ ތެރެއިން، އުޝާމް ފުރުސަތެއް ހޯއްދަވައި ވިދާޅުވީ ގާނޫނު އަސާސީގައި ގަރާރެއްގެ ވާހަކަ ބަޔާންކޮށްފައި އޮންނަނީ ދެ ހާލަތެއް ކަމަށެވެ. އެއީ 82 ވަނަ މާއްދާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ގަރާރެއް ހުށަހެޅުމާއި ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ރައީސާއި ނައިބު ރައީސް ވަކިކުރުމަށް ގަރާރެއް ހުށަހެޅުމާ ބެހޭ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މަޖިލީހުގައި ބަހުސް އުފެދިފައި ވަނީ އެ މާއްދާތަކުގައި ބުނާ ގަރާރާ، މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގައި ބުނާ ގަރާރާ އެއީ އެއް ބާވަތެއްގެ ގަރާރެއް ކަމާ ބެހޭ ގޮތުންކަން އުޝާމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، 167 ވަނަ މާއްދާ އާއި އެއަށް ފަހު އަންނަ 169 ވަނަ މާއްދާގައި ބުނަނީ މަޖިލީހުން ހަމައެކަނި ކަމަކާ ބެހޭ ގޮތުން ދެކޭ ގޮތް ބަޔާން ކުރުމަށް ޓަކައި ހުށަހަޅާ ގަރާރެއްގެ ވާހަކަ ކަމަށެވެ.
"ހަމައެއާއެކު އެ މާއްދާގައި އެބަ ބުނޭ 167 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ގަރާރެއްގެ މައްޗަށް ހިނގާނީ ބިލުގެ މައްޗަށް ހިނގާ އުސޫލޭ، އެހެންވީމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައަށް ހުށަހަޅާ ގަރާރެއް 167 ވަނަ މާއްދާގެ ގޮތުން އަމަލުކުރާ ނަމަ ފުރަތަމަ ކިޔުން ކިޔަން ޖެހޭނެ، ބަހުސް ކުރަން ޖެހޭނެ، ކޮމިޓީ ސްޓޭޖަށް ދާން ޖެހޭނެ، އަނެއްކާ މަޖިލީހަށް އޭގެ ރިޕޯޓް ހުށަހަޅައިގެން ދެން އެއަށް ގޮތެއް ނިންމަން ޖެހޭނީ،" އުޝާމް ވިދާޅުވިއެވެ.
"އެހެންވީމަ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގައިވާ ގޮތުން ވަރަށް ސާފު މަޖިލީހުގެ ގަވާއިދުގައި އެ ބުނާ ގަރާރާ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައި އެ ބުނާ ގަރާރަކީ މުޅިން ތަފާތު އިޖުރާއަތްތަކެއްގެ މަތިން ހިނގާނެ ދެ ގަރާރުކަން."
އެހެންކަމުން، މިހާރު ހުށަހަޅާފައި އޮތް އިތުބާރުގެ މައްސަލަ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އުޝާމްގެ ވާހަކައަށް ތާއިދުކުރައްވައި އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވާހަކަ ދެއްކެވިއެވެ. އެގޮތުން ހުޅުމާލޭ ދާއިރާ މެންބަރު އަލީ ނިޔާޒް ވެސް އުޝާމް ދެއްވީ ސައްހަ ލަފައެއް ކަމަށެވެ. އޭނާ ވިދާޅުވީ 167 ވަނަ މާއްދާގައި ބުނާ ގަރާރު އެންމެ މީހަކަށް ވެސް ހުށަހެޅޭނެ ކަމަށާއި ނަމަވެސް ވަޒީރަކު ނުވަތަ މަޖިލިސް ރާއިސާއި ނައިބު ރައީސް ވަކިކުރުމަށް ޓަކައި ގަރާރު ހުށަހަޅާއިރު މަދުވެގެން މަޖިލީހުގެ ހަތަރު ބައި ކުޅަ އެއްބައި މެންބަރުންގެ ސޮއި ބޭނުންވާ ކަމަށެވެ.
"އެހެންވީމަ އެކަނި ހުށަހެޅޭ ގަރާރެއް ވެސް ނޫން ބައިވަރު މީހުން ވެގެން ހުށަހެޅޭ ގަރާރެއް ތަފާތު ދެ ގަރާރެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަން، އިއްޒަތްތެރި މެންބަރު އުޝާމް ދެއްކެވި ވާހަކައަށް އަޅުގަނޑު ތާއިދު ކުރަން،" އޭނާ ވިދާޅުވިއެވެ.
އޭގެ ފަހުން އަފީފް ވަނީ އާޒިމްގެ ނިޒާމީ ނުކުތާ ބަލައިގަނެ، އަލުން މައްސަލަ ހުށަހަޅަން އެމްޑީޕީއަށް އަންގަވައިފައެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ މިދިޔަ ދައުރުގައި ވެސް ހުށަހެޅުމުން އެ މައްސަލަ ކުރިއަށްނުގެންދެވި އޮތުމަށް ފަހު، ރިޔާސީ އިންތިޚާބުގެ ދެ ބުރު ދޭތެރޭގައި އެމްޑީޕީން މައްސަލަ އަނބުރާ ގެންދިޔައީއެވެ.
ދެވަނަ ފަހަރަށް މަޖިލީހަށް އެ މައްސަލަ ހުށަހަޅާފައިވަނީ 49 މެންބަރުންގެ ތާއީދާ އެކުއެވެ. ނަޝީދު މަގާމުން ވަކިކުރަން ބޭނުން ވަނީ 43 މެންބަރުންގެ ވޯޓެވެ.