އިދިކޮޅު މުޒާހަރާއާ ދިމާކޮށް ހޯމް މިނިސްޓްރީއިން އިންޒާރުކޮށްފި

އިދިކޮޅުން ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ

އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފިއެވެ.

ހޯމް މިނިސްޓްރީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިނިވަންކަމާއެކު ހިޔާލުފާޅުކުރުމުގެ ހައްގާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގަކީ ގާނޫނު އަސާސީ އން ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިގެންވާ އަދި ސަރުކާރުން އެކަން ކަށަވަރުކޮށްދޭ ޙައްޤުތަކެކެވެ.ހައްގުތަކެއް ކަމަށެވެ. އަދި ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ މިނިވަންކަމަކީ އެއާއެކު ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއްވާ އަދި ހުދޫދުތަކެއްވެސް ކަނޑައެޅިގެންވާ ކަންކަން ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ ގާނޫނުއަސާސީގެ 67 ވަނަ މާއްދަަގެ (ނ) ގައި މުޖުތަމަޢުގެ ދުޅަހެޔޮކަމަށްޓަކައި މަސައްކަތް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މައްސޫލިއްތެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19 ގެ ވަބާގެ އަސަރު ރާއްޖެއަށް ކޮށް، ރައްޔިތުންގެ ތެރެއިން 60 މީހުން އެބަލީގައި ނިޔާވެ، އެތައްބަޔަކު ބައްޔަށް ޕޮޒިޓިވްވެ، ގިނަ ޢަދަދެއްގެ މީހުން އެނދުމަތިކޮށްގެން ފަރުވާކުރުމަށް މަޖުބޫރުވެ، އެކަމަށްޓަކައި ހާއްސަކޮށްގެން ގާއިމުކޮށްފައިވާ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ޖާގަފުރި، ރެޔާއި ދުވާލު ރައްޔިތުންގެ ހިދުމަތުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާ ނުބައްދަލު މިންވަރަށް ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

https://sun.mv/149540

ސިއްހީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތްނުކޮށް ހަމަނުޖެހުމާއި ހަލަބޮލިކަން އުފެއްދުމަށް، އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އެއްވުންތަކާއި ހިނގާލުންތައް ނުރޭވުމަށާއި އެގޮތަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިނުވުމަށް ހޯމް މިނިސްޓްރީ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީތަކަށްވެސް ރައްޔިތުންގެ އާންމު ސިއްހަތު ސަލާމަތްކުރުމަށްޓަކައި ޒިންމާދާރުވުމަށް ވެސް ހޯމް މިނިސްޓްރީގެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.

އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފައިވާއިރު ގާނޫނާ ހިލާފު އެއްވެސް އެއްވުމަކަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.

އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ސަރުކާރުންނާއި ފުލުހުން އިންޒާރުކޮށް، އިލްތިމާސްކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކުން މިއަދު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

comment ކޮމެންޓް