ހަރުކަށި ފިކުރުގެ ހަރަކާތްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ފެބްރުއަރީ 13، 2020: އެމްއެންޑީއެފުން ހިންގާ "ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިންގ އެޑްވާންސް ކޯސް" ގެ ފައިނަލް އެކްސްސައިޒްތައް ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުން ރާއްޖޭގައި ހިންގާ ހަރަކާތްތަކާ މެދު ސަމާލުވެ ރައްކާތެރިވުމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން އިލްތިމާސްކޮށްފި އެވެ.

އެންސީޓީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ދިވެހީންގެ ތެރޭގައި އޮތް ޒަމާންވީ ރިވެތި އުސޫލުތަކާއި ސަގާފީ ސިފަތައް ނައްތާލައި، ހެދިފައިވާ ގާނޫނުތަކާ ހިލާފު އަމަލުތައް ހިންގާ ދިވެހި މުޖުތަމައު ބައިބައިކޮށް ފަރުދުންގެ މެދުގައި ހަސަދައާއި ނަފްރަތާއި ރުޅިވެރިކަން އުފައްދައި ހަރުކަށި ފިކުރުތަކުގެ ވިހަ އަސަރު މުޖުތަމައުގައި ފަތުރަން މަދު ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަމައެއާއެކު ހަރުކަށި އަމަލުތަކުގެ ތެރެއަށް ދިވެހި ކުޑަކުދިންނާއި ޒުވާނުން ވައްދައި، ދިވެހި މުޖުތަމައުން އެކަހެރިކޮށް ވަކި ޖަމާއަތްތަކެއް އުފެއްދުމަށްޓަކައި މަދު ބަޔަކު އަޑީގައި ތިބެގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހީލަތްތެރި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެހެންކަމުން އެފަދަ އަމަލުތަކާމެދު އެންމެހާ ފަރުދުން ހޭލުންތެރިވެ ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެންސީޓީސީން ބުނީ ނިރުބަވެރިކަމާއި އެނޫނަސް ހަރުކަށި ފިކުރާ ގުޅޭ އެންމެހާ ނުރައްކާތައް ހުއްޓުވުމަށްޓަކައި ސަލާމަތީ ހިދުމަތްތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ނަމަވެސް ކުޑަކުދިންނާއި ޒުވާނުންގެ ފިކުރު ބަދަލުކުރުމަށްޓަކައި ހިންގަމުންދާ ނުރައްކާތެރި ހަރަކާތްތަކުން ކުޑަކުދިންނާއި ޒުވާނުން ސަލާމަތްކޮށް، ރައްޔިތުންގެ އެއްބައިވަންތަކަން އާލާކޮށް ދެމެހެއްޓުމަށާއި، މިފަދަ އަމަލުތަކަށް މަގުފަހިކުރުމުގެ ހަރަކާތްތައް ފާހަގަކުރެވޭނަމަ، ލަސްނުކުރައްވާ އެކަމުގެ މައުލޫމާތު ފުލުހުންނާއި ކަމާގުޅޭ ފަރާތްތަކާ ހިއްސާކޮށްދިނުމަށް އިލްތިމާސްކުރަމެވެ." ބަޔާނުގައިވެ އެވެ.

ހަރުކަށިފިކުރުގެ ނުރައްކާތެރި ވަބާއިން ރާއްޖެ ސަލާމަތްތަކުރުމަށްޓަކައި ތަފާތު ޕްރޮގްރާމްތައް ރާވާ ހިންގުމުގައި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އެހީތެރިކަން ބޭނުންވާ އެންމެހާ ފަރާތްތަކަށް އެ ސެންޓަރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.

އެންސީޓީސީ އަކީ ނިރުބަވެރިކަމާއި ހަރުކަށިފިކުރުގެ އަމަލުތައް ހުއްޓުވުމަށްޓަކައި ގައުމީ ފެންވަރުގައި ކުރާ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިންގަމުންގެންދާ ކޯޑިނޭޓިންގ އިދާރާއެކެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށްޓަކައި "ހޯލް އޮފް ގަވަމަންޓް" އަދި "ހޯލް އޮފް ސޮސައިޓީ" އެޕްރޯޗެއްގެ ދަށުން، މަސައްކަތް ކުރާނެ ގޮތްތައް ބަޔާންކޮށްފައިވާ "ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިންގ އެންޑް ކައުންޓަރިންގ ވަޔަލެންޓް އެކްސްޓްރީމިޒަމް (2020 - 2024)" މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހު ވަޒީރުންގެ މަޖީލީހުން ވަނީ ފާސްކޮށްފަ އެވެ.

އެ އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ވަނީ ފަށައިފަ އެވެ.

އޭގެ އިތުރުން، ޔޫ.އެން އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއި ޔޫއޭއީގެ ހިދާޔާ ސެންޓަރާއި ސައުދީ އަރަބިއްޔާގެ ނާއިފް އަރަބް ޔުނިވާސިޓީ ފޯ ސެކިއުރިޓީ ސައިންސަސް ފަދަ ބައިނަލްއަގްވާމީ ޕާޓްނަރުންނާއި ރާއްޖޭގައި ހުންނަ ކަމާބެހޭ އިދާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން، އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިންގައިފަ އެވެ.

comment ކޮމެންޓް