ހަތަރުވަނަ ކުއާޓަރުގެ ކުރިން ފްލައިމީ އިިން އެއާބަސް ގެންނަނީ

ފްލައިމީގެ ފްލައިޓުތަކެއް ވީއައިއޭގައި -- ސަން ފޮޓޯ: ފަރީހާ އަބްދުﷲ

ވިލާ އެއާ ފްލައިމީގެ އޮޕަރޭޝަންތައް ފުޅާކޮށް ރީޖަނަލް އެއާލައިނެއްގެ ގޮތުގައި އޮޕަރޭޓު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެ އެއާލައިނަށް ގެންނަ އޭ319 މަރުކާގެ ބޯރު މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ފަހުކޮޅު ނުވަތަ ހަތަރުވަނަ ކުއާޓަރުގެ ކުރީކޮޅު އޮޕަރޭޝަނުގައި ބޭނުން ކުރަން ފެށޭނެ ކަމަށް ބުނެފިއެވެ.

ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު "ސަން" އަށް ވިދާޅުވީ ފްލައިމީގެ ދަތުރުތައް ލަސްތަކެއް ނުވެ އިންޑިއާ އަށްވެސް ފަށާނެ ކަމަށެެވެ. ދަތުރުތައް ފެށުމަށް ރާއްޖެއިން ވާންޖެހޭ ތައްޔާރީތައް ވެ ނިމިފައިވާ ކަމަށާއި އިންޑިއާގެ ޑިރެކްޓާ ޖެނެރަލް އޮފް ސިވިލްއޭވިއޭޝަނުން ވެސް މިހާރު ދަތުރުތަކަށް ހުއްދަ ލިބިފައިވާ ކަމަށެވެ.

"އިންޑިއާ-ރާއްޖެ އެއާ ޓްރެވަލް މުއާހަދާގެ ތެރޭ ވިލާ އެއާ މިހާރު ވަނީ ހިމަނާފައި. މާ ލަސްތަކެއް ނުވެ އިންޑިއާ އަށް ދަތުރުތައް ފެށޭނެ،" ނާޝިދު ވިދާޅުވިއެވެ.

ނަމަވެސް އެ ދަތުރުތައް ފަށާނެ ސީދާ ތާރީހެއް ނާޝިދު ވިދާޅެއް ނުވެއެވެ.

މީގެ ކުރިން ސަން އަށް ދެއްވި އިންޓަވިއު އެއްގައި ނާޝިދު ވިދާޅުވީ ޕްލޭނަކީ އިންޑިއާގެ ދިއްލީ، ބެންގަލޫރު، މުމްބާއީ އަދި އަހުމަދު އާބާދަށް ދަތުރު ފެށުން ކަމަށެވެ.

ނާޝިދު ވިދާޅުވީ ރީޖަނަލް އެއާލައިނެއްގެ ގޮތުގައި އޮޕަރޭޓު ކުރުމަށް 2019 ވަނަ އަހަރުން ފެށިގެން ވިލާ އެއާ އިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެކަމަށް ބޭނުންވަ ހުއްސަތައް ސިވިލް އޭވިއޭޝަނުން އެ އެއާލައިނަށް ދީފައިވަނީ މިދިޔަ ސެޕްޓެމްބަރުގައި ކަމަށާއި އޭގެ ފަހުން ސްރީލަންކާގެ ކޮލަމްބޯ އަށް ރެޕަޓްރިއޭޝަން ފްލައިޓުތަކެއް ބޭއްވި ކަމަށެވެ.

ކުރިއަށް އޮތްތަނުގައި ލަންކާ އަށްވެެސް ދަތުރުތައް ފަށާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެެ.

ފްލައިމީ އިން މިހާރު ދަތުރުތައް ބާއްވަނީ މާލެ އާއި މާމިނގިލި އަދި ދަރަވަންދޫ އަށެވެ.

comment ކޮމެންޓް