މާލެއިން ވެކްސިން ޖަހަން ތަރުހީބު ކުޑަވެ، ގިނަ މީހުން ދިޔުމަށް އިލްތިމާސްކޮށްފި

ފެބްރުއަރީ 9، 2021: ސޯޝަލް ސެންޓަރުގައި ހުންނަ ވެކްސިނޭޝަން ސެންޓަރު--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގައި ވެކްސިން ޖަހަން އޮތް ތަރުހީބު ކުޑަކަން ފާހަގަވާތީ، ވީހާވެސް ގިނަ މީހުން ވެކްސިން ޖަހަން ދިއުމަށް އެޗްއީއޯސީއިން އިލްތިމާސްކޮށްފި އެވެ.

އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ މާލެ ސަރަަހައްދުން ވެކްސިން ޖަހާ މީހުންގެ އަަދަދު މަދުކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ވެކްސިން ޖަހާ މީހުންގެ އަދަދު މާލެ ސަރަހައްދުން މަދުކަން ރިކޯޑުތަކުން ފާހަގަވޭ. ވީހާވެސް ގިނަ ފަރާތްތައް ވެކްސިން ލިބިގަތުން ވަރަށް މުހިންމު،" އަހްމަދު ނާސިރު ވިދާޅުވި އެވެ.

އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު--

އޭނާ ވިދާޅުވީ ހަފުތާ ބަންދުގައި ވެކްސިން ޖަހަންދާން ބައެއް ފަރާތްތަކުން މަޑުކުރާ ކަމަށާއި ނަމަވެސް އެއީ އެހާ ރަނގަޅުކަމެއް ނޫން ކަމަށެވެ. އަދި މިހާރު ކިޔޫ އެހާ ދިގު ނުވާތީ ވީހާވެސް އަވަހަށް އާންމުންނަށް ހުޅުވާލައިވާ ސެންޓަރުތަކަށް ވެކްސިން ޖަހަން ދިއުމަކީ އެދެވޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެ ސަރަހައްދުގައި އާންމުންނަށް ހުޅުވިގެން ވެކްސިން ދެވޭ ސެންޓަރުތަކަށް ބަލާއިރު، ސޯޝަލް ސެންޓަރު، އިސްލާމީ މަރުކަޒު އަދި ހުޅުމާލޭ ވެކްސިން ސެންޓަރާއި ވިލިމާލެ ޔޫތު ސެންޓަރުގައި މި މަސައްކަތް އެބަކުރިއަށްދޭ" އަހްމަދު ނާސިރު ވިދާޅުވި އެވެ.

މާދަމާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުންނަ އޭޑީކޭގެ ވެކްސިން ސެންޓަރުގައި ވެސް އާންމުންނަށް ވެކްސިން ދިނުމަށް ވަނީ ނިންމާފަ އެވެ.

https://sun.mv/149441

އެޗްޕީއޭއިން މިރޭ އާންމުކުރި ނަންބަރުތަކަށް ބަލާއިރު، މުޅި ރާއްޖެއިން މިހާތަނަށް 85،110 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 61،777 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 23،333 މީހުންނެވެ.

މިއަދުގެ ނަންބަރުތަކަށް ބަލާއިރު، ޖުމުލަ 4،962 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 2،700 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 2،262 މީހުންނެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދެވޭނީ، އާބާދީގެ ބޮޑު ބައެއް ވެކްސިން ޖެހުމުން ކަމަށް ޓެގް ޓީމުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒު މި މަހުގެ ފުރަތަމަ ދުވަހު ދޭން ފަށާފައިވާއިރު، ދެވަނަ ޑޯޒު ޖެހުމަށްފަހު ނަންބަރުތައް މަދުވުމުން ފިޔަވަޅުތަކަށް ލުއިދެވޭނެ ކަމަށް ޓެގް ޓީމުގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި ދެވަނަ ޑޯޒު ދެނީ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފުތާ ފަހުންނެވެ.

https://sun.mv/149292

comment ކޮމެންޓް